އީރާނުން ހުށަހެޅި ޝަތުރުތައް އެމެރިކާއިން ގަބޫލުކުރާ ނަމަ ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ހޮރްމޫޒް ކަނޑުއޮޅި ހުޅުވަން ތައްޔާރަށް އޮތް ކަމަށް އީރާނުން މިއަދު ބުނެފި އެވެ.
އެގައުމުން ކުރިން ބުނަމުން އައީ އެމެރިކާއިން ޝަރުތުތައް ގަބޫލުކުރާ ނަމަ ހަފުތާއެއްގެ ތެރޭގައި ކަނޑުއޮޅި ހުޅުވާނެ ކަމަށެވެ.
"ދެ ދުވަހުގެ ތެރޭގައި މި ޕްލޭން ތަންފީޒުކުރުމުގެ ފުރުސަތު އޮތުމަކީ އީރާނުގެ ނިޔަތް ރަނގަޅުކަން ދައްކައިދޭ ކަމެއް،" އީރާންގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އީރާނުގެ ޑިމާންޑްތަކަށް ރިއާޔަތްކޮށްފި ނަމަ ކުރު މުއްދަތެއްގެ ތެރޭގައި ހޮރުޒްމޫޒް ކަނޑުއޮޅީގެ އަމާންކަން އިއާދަކޮށް، މަޝްވަރާގެ މަރުހަލާ ފަށާނެކަމަށް އީރާނުން ވަނީ އެމެރިކާއަށް އަންގާފަ އެވެ.
މެދުވެރިއެއްގެ އެހީގައި އެމެރިކާއާ ވާހަކަދައްކަމުން އަންނަ ކަމަށާއި ހުރިހާ ކަމެއް ވެސް ބިނާވާނީ އީރާނުގެ ޑިމާންޑްތައް އެމެރިކާއިން ގަބޫލުކުރުުމުގެ މައްޗަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެއަށް ފަހު ކުރަން ހުރި ކަންތައްތަކާ މަޝްވަރާކުރެވޭނީ އޭގެ ފަހުން [އީރާނުގެ ޝަރުތުތައް އެމެރިކާއިން ގަބޫލުކުރުމުގެ ފަހުން]،" ބަގާއީ ވިދާޅުވި އެވެ.
އީރާނާ ދެކޮޅަށް އެމެރިކާއިން ހަނގުރާމަފެށީއްސުރެ ހޮރްމުޒް ކަނޑުއޮޅި ކޮންޓްރޯލްކުރަމުން ގެންދަނީ އީރާނުންނެވެ. އެ ކަނޑުއޮޅި އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ތެލާއި ގޭސް އުފުލުމުގައި މުުހިއްމު ކަނޑުއޮޅިއެކެވެ.
އެގައުމުން ހުއްދަ ނުހޯދައި ހުރްމުޒް ކަނޑުއޮޅި ހުރަސްކުރާ އުޅަނދުތަކަށް އެގައުމުން ގެންދަނީ ކޮންމެ ދުވަހަކު ހެން ހަމަލާދެމުންނެވެ. އޭގެ ބަދަލުގައި އެމެރިކާއިން ވަނީ އީރާނުގެ ބަނދަރުތައް ބަންދުކޮށްފަ އެވެ.
ޝަރުތުތައް ގަބޫލުކުރާ ނަމަ ހަފުތާއެއްގެ ތެރޭގައި ކަނޑުއޮޅި ހުޅުވާލަން އީރާނުން އެމެރިކާއަށް ފުރަތަމަ ހުށަހެޅީ މިދިޔަ ސެޕްޓެމްބަރުމަހު އެވެ.
އީރާނުން ހުށަހެޅި ޝަރުތުތަކުގެ ތެރޭގައި މެދުއިރުމަތީގައި ކުރިއަށްދާ ހުރިހާ ހަނގުރާމައެއް ވަގުތުން ހުއްޓާލުމާއި އެމެރިކާއިން ހިފަހައްޓާފައިވާ އީރާނުގެ މުދަލާއި ފައިސާތައް ދޫކޮށްލުން ހިމެނެ އެވެ.
އަލްޖަޒީރާއިން އިއްޔެ އާއްމުކުރި އިންޓަވިއުއެއްގައި އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވިދާޅުވީ ހުޒްމޫޒްކަނޑޮއޮޅިން ވަދެނުކުމެވާން އުމާނާއި އީރާނުން އެއްބަސްވެފައިވާ އާ މަގު ވެސް އެމެރިކާއިން ގަބޫލުކުރަން ޖެހޭނެ އެވެ.
އީރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި މެދުއިރުމަތީގައި ތިބޭ އެމެރިކާސިފައިން މަދުކުރުމަކީ ވެސް އީރާނުން ހުށަހެޅި ޝަރުތެކެވެ.