އީރާނު އެއްކޮށް ސުންނާފަތިކޮށްލާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި ސުންގަޑި ހަމަވާން އިރުކޮޅަކަށް ވެފައި ވަނިކޮށް، އެމެރިކާ އާއި އީރާނުން ދެ ހަފުތާގެ މުއްދަތަށް ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެއްޖެ އެވެ.

މި އެއްބަސްވުމުގެ ދަށުން އީރާނުން ވަނީ ދުނިޔޭގެ އިގްތިސާދަށް މުހިންމު ހޮރްމޫޒް ކަނޑުއޮޅި ވަގުތީ ގޮތުން އަލުން ހުޅުވާލުމަށް އެއްބަސްވެފަ އެވެ.

މަހަކަށް ވުރެ ގިނަ ދުވަސް ވަންދެން އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދެމުންދިޔަ ވަރުގަދަ ހަމަލާތަކަށް ފަހު، އީރާނުން ބުނީ މި ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި ޕާކިސްތާނުގައި ހުކުރު ދުވަހު އެމެރިކާއާ އެކު މަޝްވަރާތައް ފެށުމަށް އެއްބަސްވެފައިވާ ކަމަށެވެ.

ޓްރަމްޕް ވިދާޅުވީ އޭނާ ޕާކިސްތާނުގެ ލީޑަރުންނާ ވާހަކަ ދެއްކެވި ކަމަށާއި ރޭގައި އީރާނަށް ފޮނުވަން އޮތް "ހަލާކުކުރަނިވި ބާރުތައް" މަޑުޖައްސާލުމަށް އެ ގައުމުން އެދުނު ކަމަށެވެ.

"އީރާނުން ހޯރްމޫޒް ކަނޑުއޮޅި ފުރިހަމައަށް، ވަގުތުން އަދި ރައްކާތެރިކަމާ އެކު ހުޅުވާލުމަށް އެއްބަސްވުމާ ގުޅިގެން، އީރާނަށް ބޮން އެޅުމާއި ހަމަލާދިނުން ދެ ހަފުތާގެ މުއްދަތަށް ހުއްޓާލުމަށް އެއްބަސްވެވިއްޖެ،" ޓްރަމްޕްގެ 'ޓްރޫތު ސޯޝަލް' ޕްލެޓްފޯމުގައި އޭނާ ލިޔުއްވާފައިވެ އެވެ.

އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވަނީ، ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި އުފުލާ މި މަގުން ދެ ހަފުތާގެ މުއްދަތަށް އުޅަނދުފަހަރަށް ރައްކާތެރިކަމާ އެކު ދަތުރުކުރެވޭނެކަން ކަށަވަރުކޮށްދެއްވައިފަ އެވެ. މި މަގު ބަންދުކުރީ ފެބްރުއަރީ 28 ގައި ފެށި ހަނގުރާމައަށް ބަދަލުހިފުމުގެ ގޮތުންނެވެ.

އީރާނުގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކާއި ކަރަންޓު އުފައްދާ މަރުކަޒުތަކާއި ބުރިޖުތައް ހަލާކުކޮށްލާނެ ކަމުގެ އިންޒާރު ޓްރަމްޕް ކުރިން ދެއްވާފައިވެ އެވެ. މިއީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ހަނގުރާމައިގެ ކުށެކެވެ.

އެމެރިކާއާ ގާތް ގުޅުމެއް އޮންނަ އަދި އީރާނުގެ އަވަށްޓެރި ޕާކިސްތާނުން ވަނީ މި މައްސަލައިގައި މެދުވެރިއެއްގެ ދައުރު އަދާކޮށްފަ އެވެ. ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވީ ސުލްހަވެރި ހައްލަކަށް ކުރާ މަސައްކަތްތައް ބާރުމިނުގައި ކުރިއަށްދާ ކަމަށެވެ.

މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް އުފުލިފައިވީ ނަމަވެސް، ސުލްހައިގެ މި ޚަބަރާއެކު ތެލުގެ އަގު ވަނީ ވަގުތުން ދަށްވާން ފަށައިފަ އެވެ.