މިއީ ރޮއިޓާސްގެ ކޮލަމިސްޓް ރޮން ބުސޯ، ހަކަތައިގެ މާކެޓް ބެހޭ ގޮތުން ލިޔެފައިވާ ލިޔުމެއް އަސްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ. އޭނާ އަކީ ދުނިޔޭގެ ހަކަތައިގެ މާކެޓްތަކާ، ޖިއޯޕޮލިޓިކްސް، އިގްތިސާދު އަދި އާންމު ދިރިއުޅުމާ އެ މާކެޓްތަކާ ހުރި ގުޅުންތަކުގެ މައްޗަށް ލިޔުމަށް ހާއްސަ ލިޔުންތެރިއެކެވެ. 

ތެޔޮފީފާއެއްގެ އަގު 200 ޑޮލަރަށް އަރަންދެން ތެލުގެ އަގު ބޮޑުކުރާނެ ކަމަށް އީރާނުން ބުނި ބުނުމަކީ ކެނޑި "ފޮންޏެއް" ހެން ހީވެދާނެ އެވެ. ނަމަވެސް މުޅި ދުނިޔެއަށް މިހާރު ކުރިމަތިވަމުންދާ، ހަކަތައަށް ދަތިވުމުގެ ކާރިސާ ކުރިއަށް ދާ ގޮތުން އެއީ، ތެލުގެ އަގު އިސާހިތަކު ދަށަށް ދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރެެއްވި ލަފަޔަށް ވުރެ އާރުލާ ވާހަކައެއް ކަމަށް މިހާރު ބެލެވެން ފަށައިފި އެވެ.

އިޒްރޭލާއި އެމެރިކާއިން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ތިން ވަނަ ހަފުތާއަކަށް ދިޔަ އިރު އެ ހަނގުރާމަ މިހާރު ވެފައި ވަނީ ސަރަހައްދީ ހަމަނުޖެހުމަކަށެވެ. ނަމަވެސް ހައިރާންކުރުވަނިވި ކަމަކީ ދުނިޔޭގެ ތެލުގެ އަގު ކަނޑައަޅާ ބެންޗްމާކްތަކުން އެކަމުގެ މާބޮޑު އަސަރެއް ނުފެނުމެވެ. 

ބްރެންޓް ކްރޫޑްގެ އަގު މިހާރު ހުރީ ފީފާއެއް 100 ޑޮލަރާ ގާތުގަ އެވެ. އެއީ މިއަހަރު ފެށުނުއިރު ހުރި އަގާ އަޅައި ބަލާއިރު 65 ޕަސެންޓް މަތީ މިންވަރެކެވެ. އެކަމަކު އެއީ މިދިޔަ ހަފުތާގައި ތެލުގެ އަގު އެންމެ މައްޗަށް އެރި އިރާ ބަލާއިރު ވަރަށް ދަށް މިންވަރެކެވެ. މިދިޔަ ހަފުތާގައި ބްރެންޓް ކްރޫޑްގެ އަގު ހުރީ ފީފާއެއް 120 ޑޮލަރަށެވެ. 

ބްރެންޓްގެ އަގު ދަށަށް ދިޔައީ ކްރޫޑްއޮއިލްގެ އެކި  އުފެއްދުންތައް ބަރުކޮށްގެން ޗައިނާއަށާއި އިންޑިއާއަށް އަދި ޕާކިސްތާނަށް ދަތުރުކުރި ޓޭންކަރުތައް ހޮރުމުޒް ކަނޑުއޮޅި ހުރަސްކުރި ހަބަރު ފެތުރުމުންނެވެ. އެކަމުން ދޭހަކޮށްދެނީ ހޮރުމުޒް ކަނޑުއޮޅި ހުރަސްކުރުމަށް ބައެއް ގައުމުތަކަށް އީރާނާ އެކު އެއްބަސްވުމަކަށް އާދެވިދާނެކަމެވެ. 

ނަމަވެސް ފާހަގަކޮށްލަން ޖެހޭ ކަމަކީ ޗައިނާއަށާއި އިންޑިއާއަށް އަދި ޕާކިސްތާނަށް ދަތުރުކުރި ޓޭންކަރުންތަކަށް ގެންދެވުނީ ނިސްބަތުން ވަރަށް މަދުމިންވަރެއްގެ ކްރޫޑޮއިލްކަމެވެ. 

ކަން މިހެން އޮތް ނަމަވެސް އިންވެސްޓަރުން އަދިވެސް ގަބޫލުކުރަނީ ފެންނަ ގޮތުގައި ޓްރަމްޕްގެ ވާހަކަ އެވެ. އެމީހުން ގަބޫލުކުރަނީ ތެލުގެ އަގު ތިރިކުރުމަކީ ޓްރަމްޕަށް ކުރެއްވިދާނެ ކަމެއް ކަމަށެވެ. 

"މިކަން ނިމުނީމާ ތެލުގެ އަގު ދަށަށް ދާނެ، ވަރަށް ބާރަަށް،" މިދިޔަ ހޯމަދުވަހު ، ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވި އެވެ.

ނަމަވެސް ހަނގުރާމާގައި ކަންހިނގަމުންދާ ގޮތަށް ބަލާއިރު ޓްރަމްޕްގެ އެ ވައުދު ފުއްދުން ވާނީ ވަރަށް ދަތި ކަމަކަށެވެ. ހަނގުރާމަ ވަރުގަދަވަމުން ދާއިރު ތެލުގެ ސަޕްލައި މިހާރު ދަނީ ވިއްސިވިހާލިވަމުންނެވެ. 

ކަރުދާހުގައި ނަމްބަރުތަކެއް ދައްކާ މާކެޓްތަކުން އަޅާނުލިޔަސް، އަތްލެވޭ ތެލުގެ މާކެޓްތަކުން ދަނީ ހާސްކަމުގެ ސިގްނަލް ފޮނުވަމުންނެވެ. އުމާނުގެ ތެޔޮ ބޭރުކުރަން ހުރުމުޒް ކަނޑުއޮޅިން ބޭރުގައިވާ ޓާމިނަލުން މިހާރު ތެޔޮ ވިއްކަމުން ދަނީ ފެބްރުއަރީމަހު ވިއްކި އަގާ ބަލާ އިރު އާދަޔާ ހިލާފަށް އަގުބޮޑުކޮށެވެ. ރޮއިޓާސް ބުނި ގޮތުގައި މޭ މަހު ބާޒާރަށް ނެރެން އުމާނުން ދޫކުރާ ތެލުގެ އަގު ހުންނާނީ ފީފާއެއް 150 ޑޮލަރުގެ ރޭޓުގަ އެވެ. 

ތެޔޮ ސަޕްލައިކުރާ އެހެން ގައުމުތަކުގެ ވެސް ހާލަތު ހުރީ ހަމަ ދާދި އެެއްގޮތަކަށެވެ. 

މިކަމުން ދޭހަކޮށްދެނީ ހަގީގަތުގައި ތެޔޮ ސަޕްލައިކުރެވޭ މިންވަރަށް ވާނެ ގޮތެއް ނޭނގޭތީ އޮތް ކަންބޮޑުވުމެވެ. އެއީ އުމާނާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ތެޔޮ ބޭރުކުރާ ޓާމިނަލް ތަކަށް އީރާނުން ތަކުރާރުކޮށް ދިން ހަމަލާތަކާ ގުޅިގެންނެވެ. އީރާނުން ހަމަލާދިން އެ ދެ ތަނަކީ ވެސް އީރާނުން ބަންދުކޮށްފައިވާ ހޮރުމުޒު ކަނޑުއޮޅިން ބޭރުގައިވާ ތަންތަނެވެ.

މިއީ ތެޔޮ ސާފުކުރާ ކުންފުނިތަކަށް، ވަކިން ހާއްސަކޮށް އޭޝިއާގެ ކުންފުނިތަކަށް ވަރަށް ސީރިއަސް މައްސަލައެކެވެ. އެއީ މި ސަރަހައްދުގެ ތެޔޮސާފުކުރާ ކުންފުނިތަކަށް އިމްޕޯޓްކުރާ ސާފުނުކުރާ ތެލުގެ 60 ޕަސެންޓަކީ މެދުއިރުމަތިން ގެންނަ ތެޔޮ ކަމަށް ވުމެވެ. 

އާއްމު ހާލަތުގައި އޭޝިއާގެ ތެޔޮސާފުކުރާ ކުންފުންޏަކުން ގަންނަ ތެޔޮ، ސާފުކޮށް، ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދޭން މަސް ދުވަސް ހޭދަވެ އެވެ. ހޮރުމުޒް ކަނޑޮއޮޅި ބަންދުވެފައި އޮންނަހާ ހިނދަކު، އެ މުހުލަތު ދާނީ ދިގުވަމުންނެވެ. 

މިކަމަށް ވިސްނައި ތެޔޮސާފުކުރާ ކުންފުނިތަކުން މިހާރު ވެސް ވަނީ ފިޔަވަޅުތައް އަޅަން ފަށައިފަ އެވެ. އެފަދަ އެއް ފިޔަވަޅަކީ ޕްރޮސެސްކުރާ ރޭޓް ދަށްކުރުމެވެ. އެއީ އެމީހުންގެ އަތުގައި ހުރި ސާފުނުކުރާ ތެލުގެ މިންވަރު މަދުވަމުންދާތީ އެވެ. މުޅި ދުނިޔޭގައި ވެސް އެއް ކުންފުންޏަކުން އެންމެ ގިނަ ތެޔޮ ސާފުކުރާ ޗައިނާގެ ސިނޮޕެކް އިން މިހާރު ނިންމާފައި ވަނީ މިމަސް ނިމޭ އިރު، ތެޔޮ ސާފުކުރާ މިންވަރު 10 ޕަސެންޓުން ދަށްކުރުމަށެވެ.

ހަމަ މިއާ އެކު ޗައިނާއާއި ތައިލެންޑުން މިހާރު ވަނީ އެގައުމުތަކުގައި ސާފުކުރާ ތެޔޮ ގައުމުން ބޭރުކުރުން ވެސް މަނާކޮށްފަ އެވެ. 

މި ފިޔަވަޅުތަކާ އެކު ބާޒާރުން، ސާފުނުކުރާ ތެޔޮ މަދުވެ، އޭޝިއާގައި ޖެޓްފިއުލް ފީފާއެއް ވިއްކާ އަގު މިހާރު ހުރީ 200 ޑޮލަރުގަ އެވެ. އެއީ މިދިޔަ މަހު، އެރި ރެކޯޑް އަގު ކަމަށްވާ 220 ޑޮލަރާ ކައިރިކުރާ މިންވަރެކެވެ. 

މި ކާރިސާ ކުރިމަތިވެފައި އޮތީ ހަމަ އެކަނި އޭޝިއާއަކަށް ވެސް ނޫނެވެ. 

ހަނގުރާމަފެށުމުގެ ކުރީގައި ހޮރުމުޒު ކަނޑުއޮޅި ހުރަސްކޮށް، މެދުއިރުމަތިން ބޭރުކުރި ޖެޓްފިއުލްގެ ހަތަރުބައިކުޅަ ތިން ބަޔަކީ ޔޫރަޕަށް ގެންދިޔަ ޖެޓްފިއުލް އެވެ. އެއީ ދުވާލަކަށް ގާތްގަނޑަކަށް 379،000 ފީފާ ޖެޓްފިއުލް އެވެ. 

ހަނގުރާމަފެށި ފަހުން، ހޮރުމުޒު ކަނޑުއޮޅި ހުރަސްކޮށް، ޔޫރަޕަށް އެންމެ ފީފާއެއްގެ ޖެޓްފިއުލް ވެސް އަދި ނުގެންދެވެ އެވެ. 

މިއާ އެކު ޔޫރަޕްގައި އެންމެ ފުޅާ ދާއިރާއެއްގައި ޖެޓްފިއުލް ވިއްކާ އަމްސްޓާޑަމް- ރޮޓާޑަމް- އެންޓްވާޕް ހަބުން ޖެޓްފިއުލް ފީފާއެއް ވިއްކާ އަގު މިހާރު ވަނީ 190 ޑޮލަރަށް ބޮޑުވެފަ އެވެ. މިއީ ރަޝިޔާ އިން ޔުކްރޭނާ ދެކޮޅަށް ކުރާ ހަނގުރާމަ ފެށިގެން އެންމެ ކަންތައް ބޮޑުވި ދުވަސްވަރު އަގު އުފުލު މިންވަރަށް ވުރެ ވެސް މަތީ މިންވަރެކެވެ. 

ހޮރުމުޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތުމުގެ އަސަރު ތެލުގެ ބާޒާރަށް މިހާ ބޮޑަށް ކުރަނީ، ހޮރުމުޒް ކަނޑުއޮޅިއަކީ ކުރިން ދުވާލަކު 12 މިލިއަން ފީފާ ތެޔޮ ބޭރުކުރާ ކަނޑުއޮޅިއަކަށް ވެފައި، މިހާރު އެ ހުރިހާ ތެލެއް ބަންދުވެފައި ހުރީމަ އެވެ.

އެހެންވެ، އެ ކަނޑުއޮޅި ނުހުޅުވައި، ދިގުލައިގެން ދާ ނަމަ ސާފުނުކުރާ ތެޔޮފީފާއެއްގެ އަގު 200 ޑޮލަރަށް އެރުމަކީ ދުރުކަމެއް ނޫނެވެ.