ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އިޒްރޭލާއި އެމެރިކާއިން އީރާނަށް ހަމަލާދީ އެ ގައުމުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ އެކު ފެށުނު ހަނގުރާމަ ވަނީ މުޅި ސަރަހައްދަށް ފެތުރިފަ އެވެ. އީރާނަށް ދިން ހަމަލާގެ ރައްދުގައި އެ ގައުމުން ގެންދަނީ ސަރަހައްދީ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ ތަންތަނަށް ހަމަލާ ދެމުންނެވެ. އަދި އިޒްރޭލުން ގެންދަނީ އެ މީހުންނާ ދެކޮޅަށް ހަމަލާދޭ ހިޒްބުﷲ ގާއިމުވެ ތިބީ ލުބްނާނަށް ވެސް ހަމަލާ ދެމުންނެވެ. 

މިއީ މުޅި ދުނިޔެ ހާސްކަމުގެ ތެރެއަށް ވައްޓާލާފައިވާ ހަނގުރާމާގައި އެކި ގައުމުތަކުން މަރުވި އަދަދު ކަމަށް ރަސްމީ އިދާރާތަކުން އަދި ނުރަސްމީ ގޮތުން ލިބިފައިވާ އަދަދުތަކެވެ. 

އީރާން

އީރާނު ސަރުކާރުން ފަހަކަށް އައިސް ޖުމްލަ އަދަދެއް ހާމައެއް ނުކުރެ އެވެ. ނަމަވެސް އެކި ފަރާތްތަކުން ލިބޭ މައުލޫމާތުތަކަށް ބަލާއިރު:

  • ޖުމްލަ މަރުވި މީހުން: މަދުވެގެން 3,519 (މީގެ ތެރޭގައި 1,598 އާންމުން ހިމެނޭއިރު، 244 އަކީ ކުޑަކުދިން)
  • އަސްކަރިއްޔާއިން: 1,212 މީހުން.
  • އީރާނުގެ ޑެޕިއުޓީ ހެލްތު މިނިސްޓަރު މާޗު 26 ގައި ވިދާޅުވި ގޮތުގައި ހަނގުރާމަ ފެށުނު ފަހުން 1,937 މީހުން ވަނީ މަރުވެފައި.

ލުބުނާން

ލުބުނާނުގެ ހެލްތު މިނިސްޓްރީން އޭޕްރީލް 1 އާ ހަމައަށް އާންމުކުރި ތަފާސްހިސާބު:

  • މަރުވި މީހުން: 1,318 (މީގެ ތެރޭގައި 1,102 ފިރިހެނުން، 91 އަންހެނުން، އަދި 125 ކުޑަކުދިން ހިމެނޭ).
  • ޒަޚަމްވި މީހުން: 3,935 މީހުން.
  • އެހެނިހެން: 53 ސިއްހީ އެހީތެރިންނާއި، ތިން ނޫސްވެރިން އަދި ލުބުނާނު ސިފައިންގެ 7 މީހަކު ވަނީ މަރުވެފައި. އދ. ގެ ސުލްހަ ބަލަހައްޓާ ފައުޖުގެ ތިން މީހަކު ވެސް ވަނީ މަރުވެފައި.

އިޒްރޭލް

  • މަރުވި އާންމުން: ޖުމްލަ 19 މީހުން.
  • އީރާނުގެ މިސައިލް ހަމަލާތަކުގައި އިޒްރޭލުގެ 14 މީހަކު މަރުވިއިރު، މީގެ ތެރޭގައި 4 ކުޑަކުދިން ހިމެނޭ. މީގެ އިތުރުން ފިލިޕީންސް މީހަކާއި ތައިލެންޑް މީހަކު ވެސް މަރުވި.
  • ޒަޚަމްވި މީހުން: 500 އަށް ވުރެ ގިނަ.
  • އަސްކަރީ: ލުބުނާނުގެ ދެކުނުގައި ހިނގި ކުރިމަތިލުންތަކުގައި އިޒްރޭލު ސިފައިންގެ 10 މީހަކު ވަނީ މަރުވެފައި.

ހުޅަނގު އައްސޭރި 

  • އީރާނުގެ މިސައިލް ހަމަލާތަކުގައި، އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރިން 4 އަންހެނުން ވަނީ މަރުވެފައި.

އިރާގު

  • ޖުމްލަ މަރުވި މީހުން: މަދުވެގެން 104 މީހުން.
  • މީގެ ތެރޭގައި އީރާނަށް ތާއީދުކުރާ ހަނގުރާމަވެރި ޖަމާއަތްތަކުގެ 70 މީހުންނާއި، އިރާގު ސަލާމަތީ ބާރުތަކުގެ 10 މީހުން ހިމެނޭ.
  • ކުރުދިސްތާން ސަރަހައްދުގައި އީރާނުން ދިން ހަމަލާއެއްގައި ހަނގުރާމަވެރިންގެ ހަ މީހަކު މަރުވެފައިވާއިރު، އީރާނުގެ ޑްރޯން ހަމަލާއެއްގައި ފްރާންސް ސިފައިންގެ މީހަކު ވެސް ވަނީ މަރުވެފައި.

ގަލްފު ގައުމުތައް

ގަލްފުގެ ގައުމުތަކާއި އެމެރިކާގެ ސެންޓްކޮމް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި 40 މީހުން ވަނީ މަރުވެފައި.

  • ކުވައިތު: 7 މީހުން (2 ސިފައިން، 2 ބޯޑަރު ގާޑުން އަދި އާންމުންގެ 3).
  • ޔޫއޭއީ: 11 މީހުން (އާންމުންގެ 9 އަދި ހެލިކޮޕްޓަރު ވެއްޓުނު ހާދިސާއެއްގައި މަރުވި ސިފައިންގެ 2 މީހުން).
  • ސައޫދީ އަރަބިއްޔާ: އާންމުންގެ 2 މީހުން.
  • ބަހްރޭން: އާންމުންގެ 2 މީހުން އަދި މޮރޮކޯގެ ކޮންޓްރެކްޓަރެއް.
  • އޯމާން: 3 މީހުން.
  • ގަތަރު: ހެލިކޮޕްޓަރު ވެއްޓުނު ހާދިސާއެއްގައި ގަތަރު ސިފައިންގެ ހަތަރު މީހަކާއި ތުރުކީގެ ތިން މީހަކު ވަނީ މަރުވެފައި.

އެމެރިކާ ސިފައިންގެ ގެއްލުން

މުޅި މެދުއިރުމަތީގައި ހިނގަމުންދާ ހަމަލާތަކުގައި އެމެރިކާ ސިފައިންނަށް ލިބުނު ގެއްލުން:

  • މަރުވި ސިފައިން: ޖުމްލަ 13 (ގަލްފު ގައުމުތަކުގައި 7 މީހުން އަދި އިރާގުގައި 6 މީހުން)
  • ޒަހަމްވި ސިފައިން: ގާތްގަނޑަކަށް 300 މީހުން (މީގެ ތެރެއިން 10 މީހެއްގެ ހާލު ސީރިއަސް)

-- އޭއެފްޕީ