މެދުއިރުމަތީގައި ހަނގުރާމަ ފެށުނު ފަހުން، ޔޫރަޕްގެ އިއްތިހާދުގެ ގައުމުތަކުގައި ތެޔޮ ކުންފުނިތަކުން "ހަނގުރާމައިގެ ފައިދާ" ގެ ގޮތުގައި ދުވާލަކު 80 މިލިއަން ޔޫރޯއަށް ވުރެ ގިނައިން ހޯދަމުންދާ ކަމަށް ގްރީންޕީސް އިން ދިރާސާއަކަށް ފަހު ބުނެފި އެވެ.

"މި މިންވަރުގައި ހިފެހެއްޓިއްޖެ ނަމަ، ހަމައެކަނި މާޗް މަހުގެ ތެރޭގައި ވެސް އިތުރު އޮޕަރޭޓިން ފައިދާގެ ގޮތުގައި ގާތްގަނޑަކަށް 2.5 ބިލިއަން ޔޫރޯ (2.9 ބިލިއަން ޑޮލަރު) ތެޔޮ ކުންފުނިތަކުން ލިބޭނެ،" ދިރާސާގައި ބުނެފައިވެ އެވެ.

މި ދިރާސާގައި ބަލާފައިވަނީ މި އަހަރުގެ ޖެނުއަރީ އާއި ފެބްރުއަރީ މަހުގެ، ސާފުނުކުރާ ތެލުގެ އަގާއި، މާޗު މަހު ހަނގުރާމައިގެ ފުރަތަމަ ތިން ހަފުތާގައި ތެޔޮ ޝެޑްތަކުން ތެޔޮ ވިއްކި އަގާ ދެމެދު ހުރި ފަރަގަށެވެ.

"ޝެޑްތަކުން ތެޔޮ ވިއްކާ އަގު އުފުލިފައިވާ މިންވަރު، ސާފުނުކުރާ ތެލުގެ އަގު އުފުލުނު މިންވަރަށް ވުރެ މާ ބޮޑު،" ގްރީންޕީސްއިން ނެރުނު ބަޔާނުގައިވެ އެވެ. 

މި ތަފާތު އެންމެ ބޮޑަށް ފާހަގަކުރެވުނީ ޕެޓްރޯލަށް ވުރެ ބޮޑަށް ޑީސަލްގެ އަގުންނެވެ.

ދިރާސާ ރިޕޯޓުގައިވާ ގޮތުން، ހަނގުރާމައިގެ ކުރީގެ މަސްތަކާ އަޅާބަލާއިރު، ކާރާއި ލޮރީ ފަދަ އުޅަނދުތަކަށް ޑީސަލް ވިއްކައިގެން ތެޔޮ ކުންފުނިތަކަށް ދުވާލަކު 75.3 މިލިއަން ޔޫރޯގެ އިތުރު ފައިދާއެއް ލިބެ އެވެ. އަދި ޕެޓްރޯލް ވިއްކައިގެން ދުވާލަކު 6.1 މިލިއަން ޔޫރޯގެ އިތުރު ފައިދާ ލިބެ އެވެ.

ތެޔޮ ކުންފުނިތަކުން އެންމެ ބޮޑަށް ފައިދާ ނަގާފައިވަނީ މީހުންގެ މާލީ ތަނަވަސްކަން ބޮޑު ނެދަލޭންޑްސް، ސްވިޑަން، ޑެންމާކް، އޮސްޓްރިއާ އަދި ޖަރުމަނު ފަދަ ގައުމުތަކުންނެވެ. އެގޮތުން ޖަރުމަނުގައި ދުވާލަކު 23.8 މިލިއަން ޔޫރޯގެ އިތުރު ފައިދާ ނަގާއިރު، ފްރާންސްގައި އެ އަދަދު ހުރީ 11.6 މިލިއަން ޔޫރޯގަ އެވެ.

"ގްރީންޕީސް ފްރާންސްއިން ޔޫރަޕްގެ ސަރުކާރުތަކަށް ގޮވާލަނީ ތެޔޮ އަދި ގޭސް ކުންފުނިތަކުގެ ފައިދާއިން ދާއިމީކޮށް އިތުރު ޓެކްސްއެއް ނެގުމަށް. އަދި އެ ފައިދާ ބޭނުންކުރަންވާނީ އާންމުންގެ ހަކަތައިގެ ބިލްތައް ކުޑަކުރުމަށާއި ޔޫރަޕްގެ ހަކަތައިގެ މިނިވަންކަން އަވަސްކުރުމަށް،" އެ ޖަމިއްޔާއިން ބުންޏެވެ.

ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާ އެކު ފެށުނު މި ހަނގުރާމައިގެ ސަބަބުން، ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގު ވަނީ އިންތިހާއަށް އުފުލިފަ އެވެ. އަދި ހަކަތަ އިމްޕޯޓްކުރާ އޭޝިއާގެ ގައުމުތަކަށް ތެޔޮ ލިބުމުގެ ދަތިކަން ކުރިމަތިވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ.

މިދިޔަ ހަފުތާގައި ފްރާންސްގައި ޑީސަލްގެ އަގު ވަނީ 1985 ވަނަ އަހަރުގެ ފަހުން އުފުލު އެންމެ މައްޗަށް އަރައިފަ އެވެ. މިއީ 2022 ވަނަ އަހަރު ރަޝިޔާއިން ޔޫކްރެއިނަށް އަރައިގަތް ދުވަސްވަރު އަގުތައް އުފުލުނު މިންވަރަށް ވުރެ ވެސް މަތީ އަދަދެކެވެ.

އާންމުންގެ ޕްރެޝަރު ބޮޑުވަމުންދާތީ، ގިނަ ގައުމުތަކުން މިހާރު އަންނަނީ ހަކަތައިގެ އަގު ކޮންޓްރޯލް ކުރުމަށާއި އާންމުންނަށް ލުއި ދިނުމަށް އެކި ފިޔަވަޅުތައް އަޅަމުންނެވެ. -- އޭއެފްޕީ