އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓުމަކަށް ގެނައުމާ ބެހޭ ގޮތުން އެ ގައުމާ އެކު އެއްބަސްވުމަކަށް އައުމަށް މަސައްކަތްކުރަމުން އަންނައިރު އެކަން ކާމިޔާބު ނުވި ކަމުގައި ވިޔަސް ކުރިއަށް އޮތް 2-3 ހަފްތާ ތެރޭ ހަނގުރާމަ ނިންމާލާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެ އެވެ.

"އަޅުގަނޑު ކުރަންޖެހޭ ހާވެސް ކަމަކީ އީރާނުން ފޭބުން. އަދި ވަރަށް އަވަހަށް އަޅުގަނޑުމެން އެކަން ކުރާނަން. އޭރުން އަގުތައް ތިރިވާން ފަށާނެ،" ފެބްރުއަރީ 28 ގައި ހަނގުރާމަ ފެށި ފަހުން ތެލުގެ އަގު އުފުލިފައިވާތީ، އެކަމާ ގުޅޭގޮތުން ސުވާލުކުރުމުން ވައިޓް ހައުސްގެ އިވެންޓެއްގައި ޓްރަމްޕު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިދަނީ މަސައްކަތް ނިންމަމުން. އަޅުގަނޑު ލަފާކުރަނީ ދެ ހަފުތާއެއްހާ ދުވަސް ނުވަތަ އެއަށްވުރެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަސައްކަތް އެއްކޮށް ނިމޭނެ ކަމަށް،" އޭނާ އިތުރަށް ވިދާޅުވިއެވެ.

ޓްރަމްޕް ފާހަގަކުރެއްވި ގޮތުގައި، އީރާނުން ބަދަލުހިފުމުގެ ގޮތުން ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތް ނަމަވެސް، އެމެރިކާގެ އޮޕަރޭޝަންތައް ހުއްޓާލުން ބިނާވެފައިވަނީ އީރާނާ އެކު އެއްބަސްވުމަކަށް އައުމަކަށް ނޫނެވެ. އޯވަލް އޮފީހުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، "އެމީހުން އަޅުގަނޑާ އެކު އެއްބަސްވުމަކަށް އަންނާކަށް ނުޖެހޭ،" ކަމަށެވެ.

"އީރާނުގެ ގާބިލުކަން ނައްތާލައި، އެ ގައުމު އެތައް އަހަރަކަށް ފަހަތަށް ސޮއްސާލެވިއްޖެކަމާއި ދެން ނިއުކްލިއާ ހަތިޔާރެއް ނުއުފެއްދޭނެ ކަމުގެ ޔަގީންކަން ލިބުމުން އަޅުގަނޑުމެން ފައިބާނަން،" ޓްރަމްޕް ވިދާޅުވިއެވެ. "އެއްބަސްވުމެއް އޮތުމާއި ނެތުން އެއީ މުހިންމު ކަމެއް ނޫން."

"އަމިއްލައަށް ތެޔޮ ހޯދާ"

އެމެރިކާގެ ބައެއް އެކުވެރި ގައުމުތަކުން ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް އަސްކަރީ އެހީތެރިކަން ދޭން ދެކޮޅު ހަދާފައިވާތީ، ޓްރަމްޕް ވަނީ އެ ގައުމުތަކުން އަމިއްލައަށް އެ ސަރަހައްދަށް ގޮސް ތެޔޮ ހޯދުމަށް ގޮވާލައްވައިފަ އެވެ.

"ފްރާންސުން ނުވަތަ އެހެން ގައުމަކުން ތެޔޮ ނުވަތަ ގޭސް ބޭނުންވާ ނަމަ، އެމީހުން އަމިއްލައަށް ހޮރްމޫޒް ކަނޑުއޮޅިއަށް ގޮސް އެކަން ކުރަންވީ. އެމީހުން އަމިއްލައަށް އެމީހުންގެ ކަންކަން ބަލަހައްޓަންވީ،" ޓްރަމްޕު ވިދާޅުވި އެވެ.

"ކަނޑުއޮޅިއަށް ދެން ވާނެ ގޮތަކާ އަޅުގަނޑުމެންގެ އެއްވެސް ގުޅުމެއް ނޯންނާނެ. ޗައިނާ ފަދަ ގައުމުތަކުން އެ މީހުންގެ ރީތި ބޯޓުފަހަރުގައި ގޮސް ތެޔޮ އަޅައިގެން އަމިއްލައަށް ކަންކަން ހަމަޖައްސާނެ. އަޅުގަނޑުމެން އެކަން ކޮށްދޭންޖެހޭ ސަބަބެއް ނެތް،" ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕު އޭނާގެ 'ޓްރުތް ސޯޝަލް' ޕޯސްޓެއްގައި ވެސް ވަނީ، ތެޔޮ ލިބުމުގެ ދަތިކަން ކުރިމަތިވެފައިވާ ގައުމުތަކަށް "އަމިއްލައަށް ތެޔޮ ހޯދަންދާން" ވިދާޅުވެފަ އެވެ.

އެމެރިކާގެ ޑިފެންސް މިނިސްޓަރު ޕީޓް ހެގްސެތު ވެސް ވަނީ މި މެސެޖު ތަކުރާރު ކުރައްވައިފަ އެވެ.

"ކަނޑުއޮޅި ހުޅުވުމަށް އެންމެ ބޮޑު ތައްޔާރީތަކެއްވީ އަޅުގަނޑުމެން ކަމަށް ވިޔަސް، މިއީ ހަމައެކަނި އަޅުގަނޑުމެންގެ މައްސަލައެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ހެގްސެތު ވިދާޅުވީ، އީރާނު ހަނގުރާމައިގެ ކުރިއަށް އޮތް ދުވަސްތަކަކީ "ނިންމުންތައް ނިންމާ" ދުވަސްތަކަކަށް ވާނެ ކަމަށެވެ. އެއްގަމު ސިފައިން ބޭނުންކޮށްފާނެތޯ ސުވާލުކުރުމުން އޭނާ އެކަން ދޮގެއް ނުކުރައްވައެވެ.

"ކުރިއަށް އޮތް ދުވަސްތަކުގައި ގޮތެއް ނިމިގެންދާނެ. އެކަން އީރާނަށް ވެސް އެނގޭނެ. އަސްކަރީ ގޮތުން އެމީހުންނަށް ކުރެވޭނެ މާބޮޑު ކަމެއް ނެތް،" އޭނާ ވިދާޅުވި އެވެ.