އީރާނާ ދެކޮޅަށް ދެމުން ގެންދާ ހަމަލާތަކުގެ ފުރަތަމަ ހަފްތާގައި އެމެރިކާއިން 11.3 ބިލިއަން ޑޮލަރު އެކަމަށް ހޭދަވެފައިވާ ކަމަށް، ގާނޫނު ހަދާ މަޖިލީހަށް ޕެންޓަގަން އިން ދިން މައުލޫމާތާ ހަވާލާދީ ނިއު ޔޯކް ޓައިމްސް އިން ބުނެފި އެވެ.
ނަން ހާމަ ނުކުރާ އޮފިޝަލުންތަކާ ހަވާލާދީ ޓައިމްސް އިން ބުނީ މި ހަރަދުގައި، ހަނގުރާމައަށް ތައްޔާރުވާން ކުރި ހޭދަ ނުހިމެނޭ ކަމަށެވެ. އެހެންވެ ފުރަތަމަ ހަފްތާގެ ހޭދަ 11 ބިލިއަނަށް ވުރެ މާ ބޮޑުވާނެ އެވެ.
އެމެރިކާގެ ދިފާއީ އޮފިޝަލުން މީގެ ކުރިން ކޮންގްރެސްގައި ބުނެފައި ވަނީ ހަނގުރާމައިގެ ފުރަތަމަ ދެ ދުވަހު 5.6 ބިލިއަން ޑޮލަރުގެ ހަތިޔާރު ބޭނުންކޮށްފައިވާ ކަމަށެވެ. މިއީ ކުރިން އާންމުން އަންދާޒާކުރި ވަރަށް ވުރެ ހަރަދުގެ ގޮތުން މާ މަތީ ރޭޓެކެވެ.
އެމެރިކާގެ ވޮޝިންޓަންގައި ހިންގާ އިންޑިޕެންޑެންޓް ތިންކް ޓޭންކެއް ކަމަށްވާ ސެންޓަ ފޯ ސްޓްރެޓެޖިކް އެންޑް އިންޓަނޭޝަނަލް ސްޓަޑީޒް (ސީއެސްއައިއެސް) އިން ކުރިން ލަފާކޮށްފައިވާ ގޮތުގައި "އޮޕަރޭޝަން އެޕިކް ފިއުރީ"ގެ ނަމުގައި ފެށި ހަމަލާތަކުގެ ފުރަތަމަ 100 ގަޑިއިރަށް 3.7 ބިލިއަން ޑޮލަރު ނުވަތަ ދުވާލަކު 891 މިލިއަން ޑޮލަރު ހޭދަވި އެވެ. ސީއެސްއައިއެސް އިން ބުނި ގޮތުގައި އޭގެ ތެރެއިން 3.5 ބިލިއަން ޑޮލަރަކީ އަދި ބަޖެޓް ވެސް ކޮށްފައި ނެތް ހަރަދުތައް ކަމަށެވެ.
"އީރާން ވޯ ކޮސްޓް ޓްރެކާ" ވެބްސައިޓުން ދައްކާ ގޮތުގައި ބުރާސްފަތި ދުވަހު ޖީއެމްޓީން ހެނދު 8:00 އާ ހަމައަށް އެ ހަނގުރާމައިގެ ހަރަދަށް 17 ބިލިއަން ޑޮލަރު ވާނީ ހޭދަވެފަ އެވެ. އެ ވެބްސައިޓުގައި ބުނާ ގޮތުން އެމެރިކާއިން ހަނގުރާމައަށް ދުވާލަކު އެއް ބިލިއަން ޑޮލަރު ހަރަދު ކުރެ އެވެ.
ނަމަވެސް، ވެޓަރަންސް ހެލްތުކެއާ ފަދަ ދިގު މުއްދަތުގެ ހަރަދުތަކާ އެކު ހަނގުރާމައިގެ އަސްލު ހަރަދު މާ ބޮޑުވާނެ ކަމަށް އެ ވެބްސައިޓުގައި ބުނެފައިވެ އެވެ. -- އޭއެފްޕީ