ދުނިޔޭގެ އިގްތިސާދު ހަލާކުވާނެ ދިގު ހަނގުރާމައަކަށް އޮތީ ތައްޔާރަށް ކަމަށް، ހޮރްމުޒް ކަނޑޯޅިން ކޮމާޝަލް ދެ އުޅަނދަކަށް ހަމަލާ ދިނުމަށް ފަހު އީރާނުން މިއަދު އިންޒާރު ދީފި އެވެ.
ތެލާއި ގޭސް އުފުލުމުގައި އެތައް ގައުމަކުން ބަރޯސާވާ މުހިންމު މަގު ކަމަށްވާ ހޮރްމުޒްގައި މިއަދު ކާގޯ ބޯޓުތަކަކަށް ހަމަލާ ދިނުމަށް ފަހު އީރާނުން ބުނީ އެމެރިކާ އާއި އިޒްރޭލުގެ ބައިވެރިންނާ ގުޅުން އޮންނަ ކޮންމެ ބައެއްގެ އުޅަނދެއް އެއީ ހަމަލާ ދިނުން ހައްގު އެއްޗެއްގެ ގޮތުގައި ބަލައި ހަމަލާ ދޭނެ ކަމަށެވެ.
ހޮރްމޫޒް ކަނޑޯޅީގެ ކޮންޓްރޯލް އީރާނުން ވަރުގަދަ ކުރަމުން އަންނަ އިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އީރާނުގައި ދެން ހަމަލާދޭން މާ ގިނަ ތަނެއް ނެތް ކަމަށާއި އެހެންވެ ވަރަށް އަވަހަށް ހަނގުރާމަ ނިމިދާނެ ކަމަށެވެ.
އެކަމަކު މިދިޔަ މަހުގެ 28 ގައި އީރާނަށް އިޒްރޭލާއި އެމެރިކާއިން ހަމަލާތައް ދޭން ފަށައި އެ ގައުމުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އާއި އިސް އެތައް ބަޔަކު އަވަހާރަކޮށްލައި އަސްކަރީ އަދި މަދަނީ އެތައް ތަނަކަށް ހަމަލާ ދިނުމާ އެކު ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. އަދި މުޅި މެދުއިރުމަތި އީރާންގެ ރައްދު ހަމަލާގެ އަމާޒަކަށްވެ ބޮޑު ހާސްކަމެއް ވަނީ އުފެދިފަ އެވެ.
ތެލުގެ ބޮޑު އަގާ އެކު އިގްތިސާދަށް ނުރައްކާވަމުން ދާތީ އިންޓަނޭޝަނަލް އެނާޖީ އޭޖެންސީން ވަީ އެ ޖަމާއަތުގެ މެމްބަރު ގައުމުތަކުގެ ރިޒާވްތަކުން 400 މިލިއަން ފީފާގެ ތެޔޮ ދޫކުރަން ވެސް ނިންމައިފަ އެވެ.
އީރާނުގެ އިންޒާރު ހަރުކަށިވެއްޖެ
ހަނގުރާމައިގެ 12 ވަނަ ދުވަސް ފެށިފައި ވާއިރު، އީރާނުގެ އިންގިލާބީ ލަޝްކަރުން ވަނީ އެމެރިކާ އާއި އިޒްރޭލުގެ މަސްލަހަތާ ގުޅުން ހުރި ކަމަށް ބެލެވޭ "އިގްތިސާދީ މަރުކަޒުތަކާއި ބޭންކުތައް" ވެސް ހަމަލާތަކުގެ އަމާޒަކަށް ހަދާނެ ކަމުގެ އިންޒާރު ދީފަ އެވެ. މި އިންޒާރާ އެކު މިހާރު ވެސް އީރާންގެ ހަމަލާތަކުގެ އަމާޒަކަށް ވެފައިވާ ދުބާއީން ބައިނަލްއަގުވާމީ އިތުރު ކުންފުނިތައް ވަނީ ދާން ފަށައިފަ އެވެ.
އެކަމަކު އެންމެ ބޮޑު ސަމާލުކަމެއް މި ހަނގުރާމާގައި މިހާރު އަމާޒުވެފައިވަނީ މުޅި ދުނިޔޭގެ ތެލާއި ގޭހުގެ 20 ޕަސެންޓް އުފުލާ މަގު ކަމަށްވާ ހޮރްމޫޒް ކަނޑޯޅިއަށެވެ.
އީރާން އަސްކަރިއްޔާގެ ވަރުގަދަ ފައުޖު ކަމަށްވާ އިންގިލާބީ ލަޝްކަރުގެ ކޮމާންޑަ އިން ޗީފް ދައުލަތުގެ ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ވިދާޅުވީ "މި ކުރެވެނީ އެމެރިކާ އާއި މުޅި ދުނިޔޭގެ އިގްތިސާދު ފުނޑުފުނޑުވާނެ ދިގު ހަނގުރާމައެއް ކުރަންޖެހިދާނެ ކަމާ މެދު" އެމެރިކާ އާއި އިޒްރޭލުން ވިސްނަން ޖެހޭނެ ކަމަށެވެ.
އީރާނުން ބުނީ ލައިބީރިއާގެ ދިދަ އުފުލާ ކޮންޓެއިނަރު ޝިޕް އެކްސްޕްރެސް ރޯމް އާއި ތައިލެންޑުގެ ބަލްކް ކެރިއަރެއް ކަމަށްވާ މަޔޫރީ ނާރީ އަށް މިއަދު ހަމަލާދީފައި ވާނެ ކަމަށާއި ހަމަލާ ދިނީ އިންގިލާބީ ލަޝްކަރުގެ ނޭވީ ފޯސްގެ އިންޒާރުތަކަށް ބެލުމެއް ނެތި އެ ކަނޑޯޅިއަށް ވަދެގެން ދިއުމުން ކަމަށެވެ.
ތައިލެންޑުގެ އުޅަނދަށް ދިން ހަމަލާއަށް ފަހު އޮމާންގެ ކަނޑުގެ ސިފައިން ވަނީ 20 މީހަކު އެ ބޯޓުން ސަލާމަތްކޮށްފަ އެވެ. އަދި ތިން މީހަކު ނުފެންނަ ކަމަށާއި އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި އެކި ގައުމުތަކުގައި ކާބޯތަކެތި ހެއްދުމަށް ބޭނުންވާ ގަސްކާނާގެ ތިންބައިކުޅަ އެއްބައި ވެސް އުފުލަނީ ހޮރްމުޒް ކަނޑުއޮޅިން ކަމަށް ވާއިރު އެ މަގު ދިގު މުއްދަތަކަށް ބަންދުވެފައި އޮންނަ ނަމަ ދުނިޔޭގެ އިގުތިސާދަށް، ހާއްސަކޮށް އޭޝިއާ އަދި ޔޫރަޕްގެ ގައުމުތަކަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ.