އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދެމުން ގެންދާ ހަމަލާތަކާއި އެ ހަމަލާތަކުގެ ރައްދުގައި ކަމަށް ބުނެ އީރާނުން ގަލްފުގެ ގައުމުތަކަށް ދެމުން ގެންދާ ހަމަލާތައް ރާއްޖޭން ކުށްވެރިކޮށްފި އެވެ. 

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އީރާނުން ސައޫދީ އަރަބިއްޔާ، ޔޫއޭއީ، ގަތަރު، ބަހްރެއިން އަދި އެކުވެރި އެހެން ގައުމުތަކަށް ދެމުން ގެންދާ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. 

"ހާއްސަކޮށް، ގަލްފުގެ ގައުމުތަކުގެ ވައިގެ ބަނދަރުތަކާއި ތެޔޮ އުފައްދާ ތަންތަނަށް ކުރިމަތިވަމުންދާ މިފަދަ ހާދިސާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ޖެނީވާ ކޮންވެންޝަނާ ކަނޑައެޅިގެން ހިލާފު އަމަލުތަކެކެވެ. އަދި ގަލްފުގެ ގައުމުތަކުން އީރާނަށް ރައްދު ހަމަލާ ނުދޭއިރު ވެސް އެ ގައުމުތަކަށް އީރާނުން ހަމަލާދޭތީ ދިވެހި ސަރުކާރުން ހިތާމަކުރަމެވެ." ބަޔާނުގައިވެ އެވެ.

އިޒްރޭލާއި އެމެރިކާ އިސްވެ އީރާނަށް ދޭން ފެށި ހަމަލާތަކުގެ ސަބަބުން މެދުއިރުމައްޗަށް ކުރިމަތިވެފައިވާ ހާލަތާ މެދު ކަންބޮޑުވާ ކަމަށާއި އަދި ހާއްސަކޮށް، އީރާންގެ އަންހެން ކުދިންގެ ސްކޫލަކަށް ދިން ހަމަލާގައި އެތައް ސަތޭކަ ފުރާނައެއް ގެއްލިފައިވާތީ އެކަން ވެސް ހަރުކަށި އިބާރާތުުން ކުށްވެރިކުރާ ކަމަށް ބަޔާނުގައި ބުންޏެވެ. 

ހަމަލާތައް ކުރިއަށް ގެންދާއިރު އެކަމުގެ ސަބަބުން ގަލްފު ސަރަހައްދުގެ ހާލަތު އިތުރަށް ގޯސްވަމުންދާކަން ފާހަގަކޮށް މިއީ ސުލްހަ ގާއިމުކުރުމަށް އޮތް ހުރަހެއް ކަމަށް ސަރުކާރުން ބުންޏެވެ. އަދި ހުރިހާ ފަރާތްތަކަކުން ވަގުތުން ހަމަލާތައް ހުއްޓާލަން ރާއްޖޭން ވަނީ ގޮވާލައިފަ އެވެ. 

ބައިނަލްއަގުވާމީ މުޖުތަމައުން ޑިޕްލޮމެޓިކް މަސައްކަތް ފުޅާކޮށް، ގަލްފު ސަރަހައްދުގައި ސުލްހަ ގާއިމުކުރުމުގެ  މަސައްކަތް ވަރުގަދަކުރުމަށް، ސަރުކާރުގެ ބަޔާން ނިންމާލަމުން ގޮވާލާފައިވެ އެވެ. 

މިދިޔަ މަހުގެ 28 ގައި އިޒްރޭލާއި އެމެރިކާއިން އީރާނަށް ހަމަލާދީ އެ ގައުމުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އާއި އިސް އެތައް ބަޔަކު އަވަހާރަކޮށްލާފައި ވާއިރު އެ ހަމަލާތަކުގެ ބަދަލުގައި އީރާނުން ދަނީ އެމެރިކާގެ މަގާމުތަކަށް ކަމަށް ބުނެ ގަލްފުގެ އެކި ގައުމުތަކަށް ރައްދު ހަމަލާ ދެމުންނެވެ. އެކަމަކު އެ ހަމަލާތައް އާންމުންގެ ސަރަހައްދުތަކަށް ވެސް އަމާޒުވެ އާންމުންގެ ބައެއް މީހުން މަރުވެ ބޮޑެތި ގެއްލުންތައް ދަނީ ލިބެމުންނެވެ. 

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ތާއީދު އޮތީ އަރަބި ގައުމުތަކާ އެކުގައިކަން ހާމަކުރަން އެ ގައުމުތަކުގެ ވެރިންނާ ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިން ވަނީ ވިދާޅުވެފަ އެވެ.