އިޒްރޭލާއި އެމެރިކާއިން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން އީރާނުން މުޅި ސަރަހައްދަށް ދެމުން ގެންދާ ރައްދު ހަމަލާތަކުގައި އީރާންގެ ޑްރޯން ހަމަލާއަކުން ދުބާއީ އެއާޕޯޓަށް ގެއްލުން ވެއްޖެ އެވެ. މީގެ އިތުރުން ޖަބަލް އަލީ ޕޯޓަށް ވެސް ހަމަލާއެއްގެ ސަބަބުން ގެއްލުންވެ އަލިފާނުގެ ހާދިސާއެއް ވަނީ ހިނގައިފަ އެވެ.
ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރުގައި މުޅި ދުނިޔޭގެ ވެސް އެންމެ ބާރުބޮޑު އެއާޕޯޓަށް އަމާޒުވި ހަމަލާގެ ސަބަބުން ހަތަރު މުވައްޒަފަކަށް އަނިޔާވެފައިވާކަން އެތަނުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
"ދުބާއީ އިންޓަނޭޝަނަލްގެ ކޮންކޯސްއަކަށް ވަނީ ގެއްލުންތަކެއް ވެފައި އެކަމަކު ދިމާވި ހާދިސާ ވަގުތުން ވަނީ ކޮންޓްރޯލް ކުރެވިފައި،" ދުބާއީ އެއާޕޯޓްސް އިން ނެރުނު ބަޔާނުގައި ބުންޏެވެ. "ކުރިން ވެފައިވާ ތައްޔާރީތަކާ އެކު ގިނަ ޓާމިނަލްތަކުން ވަނީ ފަސިންޖަރުން ހުސްކޮށްފައި."
ދުބާއީގެ އިތުރުން ޒައިދު އިންޓަނޭޝަނަލް އެއާޕޯޓަށް ވެސް ހަމަލާއެއް އަމާޒުވެ މީހަކު މަރުވެ، ހަތް މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް އެއާޕޯޓް އޭޖެންސީން ބުނެފައިވެ އެވެ.
ޖަބަލް އަކީ ޕޯޓްގައި ރޯވީ އީރާންގެ ހަމަލާއެއް އިންޓަސެޕްޓުކުރުމުން އެއިން ވެއްޓުނު ބައިތަކުގެ ސަބަބުން ކަމަށް ވަނީ ބުނެފަ އެވެ.
"ޖަބަލް އަލީ ޕޯޓުގައި އަލިފާން ރޯވީ އިންޓަސެޕްޓްކުރި ވައިގެ ހަމަލާއެއްގެ ބައިތަކުގެ ސަބަބުން ކަމަށް ދުބާއީގެ ކަމާ ބެހޭ އިދާރާތަކުން ކަށަވަރުކޮށްދޭ. ދުބާއީގެ ސިވިލް ޑިފެންސްގެ ޓީމުން ވަގުތުން އިޖާބަ ދީ، އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުން،" ދުބާއީގެ މީޑިއާ އޮފީހުން ނެރުނު ޕޯސްޓެއްގައި ބުނެފައިވެ އެވެ.
މީގެ އިތުރުން އެހެން ހަމަލާއެއްގައި ދުބާއީގެ ޕާމް ޖުމެއިރާގެ، ބުރްޖް އަލް އަރަބް އަލްޓްރާ ލަގްޒަރީ ހޮޓަލުގައި ރޯވި އެވެ.
ޖަބަލް އަލީ ޕޯޓަކީ އެމެރިކާގެ ހަނގުރާމަމަތީ މަނަވަރުތަކުން ވެސް ބޭނުންކުރާ އަދި މަތިންދާބޯޓު އުފުލާ މަނަވަރުތަކަށް ވެސް ހިދުމަތް ދެވޭ ގޮތަށް ހަދާފައިވާ ބަނދަރެކެވެ.
އީރާންގެ ހަމަލާތައް މިރޭ އިޒްރޭލަށް ވެސް އަމާޒުކޮށް ބައެއް ހަމަލާތަކުގައި ވަނީ ބޮޑެތި ގެއްލުންތައް ދީފަ އެވެ. އެއިން އެއް ހަމަލާއެއްގައި މީހަކު މަރުވެފައިވާ ކަމަށް ވެސް އިޒްރޭލުން ބުންޏެވެ.