އެމެރިކާ އާއި އީރާނާ ދެކޮޅަށް ސަރަހައްދީ އިސްލާމީ ގައުމުތައް އެއްބައިވުމަށް އީރާންގެ ރޫހީ ލީޑަރު މުޖުތަމާއ ޚާމަނާއީ ގޮވާލައްވައިފި އެވެ. 

އޭނާ މިކަމަށް އެދިވަޑައިގަތީ، މެދުއިރުމަތީގެ ހަނގުރާމައަށް ހަ މަސް ފުރުމާ ދިމާކޮށް ލިޔުމުން މިއަދު ނެރުއްވި ބަޔާނެއްގަ އެވެ. 

ފެބްރުއަރީ 28 ގައި ހަނގުރާމަ ފެށުނުތަނާހެން ބައްޕާފުޅު އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން ވެރިކަމަށް ވަޑައިގެންނެވި ޚާމަނައީ، އެ މަގާމަށް އައްޔަންކުރި ފަހުން އަދި އާންމުންގެ ކުރިމައްޗަކަށް ނުކުމެވަޑައެއް ނުގަންނަވަ އެވެ. އަދި ކަމާބެހޭ ފަރާތްތަކުން އޭނާގެ އެއްވެސް ވީޑިއޯއެއް ނުވަތަ އޯޑިއޯއެއް ވެސް އާންމުކޮށްފައެއް ނުވެ އެވެ.

"އިސްލާމީ އުއްމަތަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ ހައްލަކީ އެކައްޗެއް ކިޔުމާއި، އެކުވެރިކަމާއި، އަދި ހެޔޮކަމުގެ މަގުގައި އެއްބާރުލުން ދިނުމެވެ." ޝީއީ މުސްލިމުން ކީރިތި ރަސޫލާގެ އީދު މީލާދު ފާހަގަކުރަމުންދިޔަ އާދީއްތަ ދުވަހު އޭނާ ވިދާޅުވި އެވެ.

"އެނގިގެން ނުވަތަ ނޭނގި، ގަސްދުގައި ނުވަތަ ގަސްދަކާ ނުލައިވެސް، މުސްލިމުންގެ މެދުގައި ބައިބައިވުން އުފެދި، އިސްލާމީ މުޖުތަމައުގައި ފިތުނަ އުފެދޭ ފަދަ ކަމެއް ކޮންމެ މަގާމެއްގައި ހުރެގެން ކުރި ކަމުގައި ވިޔަސް، އެ ކުރެވުނީ އިސްލާމްދީނުގެ ދުޝްމަނުންގެ މަގުސަދު ހާސިލުކޮށްދިނުމުގެ މަސައްކަތެވެ." ޚާމަނާއީއާ ހަވާލާދީ އޭނާގެ ރަސްމީ ވެބްސައިޓުގައި ބުނެފައިވެ އެވެ.

އީރާންގެ އެންމެ މަތީ ވެރިޔާ ވަނީ ސަރަހައްދީ ގައުމުތަކުގެ ވެރިން "އެބައިމީހުންގެ ހަގީގީ ދުޝްމަނަކީ ކާކުކަން ދެނެގަނެ، އެމީހުންގެ ރޭވުންތައް ދަނެ، އެކަމާ ދެކޮޅަށް ތެދުވުމަށް" ގޮވާލައްވައިފަ އެވެ.

އޭނާ އިޝާރާތް ކުރެއްވީ އެމެރިކާ އާއި އިޒްރޭލަށެވެ.

ހަނގުރާމައިގެ ތެރޭގައި އީރާނުން ވަނީ ސައޫދީ އަރަބިއާ، އަރަބި އެމިރޭޓްސް (ޔޫއޭއީ)، އުރުދުން، ކުވެއިތު، ގަތަރު އަދި ބަހްރޭން ހިމެނޭ ގޮތަށް މެދުއިރުމަތީގައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކަށް ހަމަލާދީފަ އެވެ. އޭގެ ފަހުން އެ ގައުމުތަކާ އެކު އޮތް ގުޅުން ވަނީ ގޯސްވެފަ އެވެ.

ދައުލަތުގެ މުހިންމު ސިޔާސަތުތަކުގައި އެންމެ ފަހުގެ ނިންމުން ނިންމެވުމުގެ ބާރު އޮތް އީރާނުގެ އެންމެ މަތީ ވެރިޔާ ވަނީ އިޒްރޭލާއި އެމެރިކާއާ ދެކޮޅަށް އީރާންގެ ރައްޔިތުން އެއްގަލަކަށް އަރައި، ހިޔާލުތަފާތުވުންތައް އެއްފަރާތް ކުރުމަށް އީރާނުގެ މަސްއޫލުވެރިންނަށާއި ރައްޔިތުންނަށް ގޮވާލައްވައިފަ އެވެ.

"އަނެއްކާވެސް، މި ހާދިމުގެ އިލްތިމާސަކީ، އީރާން ރައްޔިތުންގެ މެދުގައި އެއްވެސް ގޮތަކުން ބައިބައިވުމަކަށް ޖާގަ ނުދިނުމެވެ." ހުކުރު ދުވަހު ނެރުއްވި އެހެން ބަޔާނެއްގައި ވިދާޅުވި ވާހަކަފުޅު ތަކުރާރުކުރައްވަމުން އޭނާ ވިދާޅުވި އެވެ."އިޖުތިމާއީ ބަދަހިކަމަށް އުނިކަން އަންނަ ފަދަ އެއްވެސް ކަމެއް ކުރުމަކީ މަނާކުރެވިގެންވާ ކަމެއްކަން އިއުލާނުކުރަން،" ހުކުރު ދުވަހުގެ މެސެޖުގައި އޭނާ ވިދާޅުވި އެވެ.

އެމެރިކާގެ ހިސާރުކުރުންތަކާއި އަހަރުތަކެއް ވެފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އާންމުންގެ ދިރިއުޅުމަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފައިވާތީ، އިގްތިސާދީ ކުރިއެރުމަށް އެހީތެރިވުމުގެ ގޮތުން އީރާންގެ އިގްތިސާދު ޑޮލަރަށް ބަރޯސާވާ މިންވަރު މަޑުމަޑުން ދޫކޮށްލުމަށާއި އުފެއްދުންތެރިކަން އިތުރުކުރުމަށް ވެސް ހުކުރު ދުވަހު އޭނާ ގޮވައިލެއްވި އެވެ. -- އޭއެފްޕީ