ތެހެރާން (އޭއެފްޕީ) — އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ބޮޑު ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައިވާ އާންމު އިންތިހާބުގައި ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް އެކަމުގެ ސަބަބުން އެއްވެސް ކަމެއް ބަދަލު ނުވާނެ ކަމަށް އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއިލް ބަގާއީ ހޯމަ ދުވަހު ވިދާޅުވެއްޖެ އެވެ.
"އަހަރެމެންގެ ސަރަހައްދަށް އަނިޔާވެރިކަމާއި ގަތުލުއާންމު ފިޔަވައި އެހެން އެއްވެސް ކަމެއް ގެނެސްދީފައިނުވާ ދައުލަތެއްގެ ވެރިކަމަށް އަންނަނީ ކާކުތޯ ބެލުމަކީ އަހަރެމެންނަށް އެއްވެސް ތަފާތެއް ހުރި ކަމެއް ނޫން،" އީރާނުގެ ހަފްތާގެ ބްރީފިންގައި ބަގާއީ ވިދާޅުވި އެވެ.
މާދަމާ އިޒްރޭލުގައި ބާއްވާ ގާނޫނުހަދާ މަޖިލީހުގެ އިންތިހާބު ކުރިއަށްދަނީ، މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު އިޒްރޭލާއި އެމެރިކާއިން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައަށް ފަހު، އަލުން ހަމަލާތައް ދޭން ފަށާފާނެ ކަމުގެ އިންޒާރުތައް ވަރުގަދަވެފައިވާ ދަނޑިވަޅެއްގަ އެވެ.
އީރާނުގެ ފަރާތުން ކުރިމަތިވާ ނުރައްކާތައް ނައްތާލެވޭނެ ހަމައެކަނި ގޮތަކީ އެ ގައުމުގެ ސަރުކާރު ވައްޓާލުން ކަމަށް ނަތަންޔާހޫ ފަހަކަށް އައިސް ވަނީ ތަކުރާރުކޮށް ބުނެފަ އެވެ.
އާދީއްތަ ދުވަހު އިޒްރޭކުގެ ޗެނަލް 14 އަށް ދިން އިންޓަވިއުއެއްގައި ނަތަންޔާހޫ ބުނީ "އީރާނުގެ ސަރުކާރު ވައްޓާލުމަށް މޮސާޑަށާއި އައިޑީއެފް (އިސްރާއީލުގެ އަސްކަރިއްޔާ) އަށް އިރުޝާދު ދީފައިވާނެ" ކަމަށެވެ.
ނަމަވެސް ބަގާއީ ވަނީ ނަތަންޔާހޫގެ އެ ވާހަކަތަކަށް ރައްދު ދެއްވައި، އެއީ އެއްވެސް ބުރަދަނެއް ނެތް އިންޒާރުތަކެއް ކަމަށާއި، އެއީ އޭނާގެ ނިކަމެތިކަމާއި މާޔޫސްކަން ހާމަވާ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.