އިޒްރޭލުން މިއަދު ޣައްޒާގައި ދިން ހަމަލާތަކެއްގައި، ކުޑަކުދިން ވެސް ހިމެނޭހެން 32 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ބުނެފި އެވެ.
ހަމަލާ ބަދަލުކުރުން ހުއްޓާލަން ވެފައިވާ އެއްބަސްވުމާ ހަމާސްއިން ހިލާފުވި ކަމަށް ބުނެ އިޒްރޭލުން މި ހަމަލާތައް ދީފައި މި ވަނީ ޣައްޒާ އާއި ދުނިޔެ ގުޅުވައިދޭ ރަފަހް ބޯޑަރު މާދަމާ ހުޅުވާނެ ކަމަށް އިޒްރޭލުން ބުނުމަށް ފަހުގަ އެވެ. އެކަމަކު އިޒްރޭލުން ކުރިމަތިކޮށްފައިވާ ޝަރުތުތަކަށް ބަލާއިރު މިއީ ނަމަކަށް ކުރާ ކަމެއްގެ ގޮތުގައި ބެލެވެ އެވެ.
"މިހާތަނަށް ވަނީ 32 ޝަހީދެއްގެ ހަށިގަނޑު ފެނިފައި. މީގެ ތެރެއިން ހަތަރު ބައިކުޅަ އެއްބަޔަކީ ކުޑަކުދިން. ތިންބައިކުޅަ އެއްބަޔަކީ އަންހެނުން. އަދި މީގެ ތެރޭގައި އުމުރުން ދުވަސްވީ މީހަކު ވެސް ހިމެނޭ،" ހަމަލާގައި ހަލާކުވި ތަންތަނުގެ ތެރޭގައި އަދިވެސް ބައެއް މީހުންގެ ހަށިތައް ނުފެނި ހުރިކަން ފާހަގަކުރަމުން ސިވިލް ޑިފެންސްގެ ބަޔާނުގައި ބުންޏެވެ.
"އާންމުން އުޅޭ އިމާރާތްތަކާއި ފޭލިގެތަކާއި އެހެނިހެން ހިޔާވަހިތަކާއި ޕޮލިސް ސްޓޭޝަނެއް ވެސް ހަމަލާތަކުގެ އަމާޒަކަށް ހަދާފައިވޭ."
ޣައްޒާގެ އެންމެ ބޮޑު އާބަން ސެންޓަރު ކަމަށްވާ ޝެއިޚް ރަދްވާން ޑިސްޓްރިކްޓްގެ ޕޮލިސް ސްޓޭޝަނަށް ވެސް ހަމަލާއެއް ދީފައިވެ އެވެ. ޣައްޒާގެ ޖެނެރަލް ޕޮލިސް ޑައިރެކްޓްރޭޓުން ބުނީ އެ ހަމަލާގައި ހަތް މީހަކު ޝަހީދުވެފައިވާ ކަމަށެވެ.
"ޝަހީދުވި މީހުންގެ ތެރޭގައި ފުލުހުންނާއި އެ ސްޓޭޝަންގައި ތިބި އާންމުން ވެސް ހިމެނޭ،" ޑައިރެކްޓްރޭޓުން ބުންޏެވެ.
އޭއެފްޕީގެ ނޫސްވެރިއަކު ބުނި ގޮތުގައި އެންމެ ފުރަތަމަ ހަމަލާއާ އެކު މީހުން ވަނީ ހަލާކުވެފައިވާ އިމާރާތަކުގެ ތެރެއަށް ވަދެ މީހުން ސަލާމަތްކުރުމުގެ މަސައްކަތް ފަށައިފަ އެވެ.
އިޒްރޭލުގެ އިތުރު ހަމަލާއެއް ޣައްޒާގެ ދެކުނުގެ ސަރަހައްދެއް ކަމަށްވާ އަލް މަވާސީގައި ހުންނަ، ގެދޮރު ގެއްލިފައިވާ މީހުންގެ ވަގުތީ ހިޔާއަކަށް ވެސް އަމާޒުކުރި ކަމަށް އޭއެފްޕީގެ ނޫސްވެރިން ބުންޏެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ މިއީ ޣައްޒާގެ ދެކުނުގެ ރަފަހް ސިޓީގެ ޓަނަލަކުން ފަލަސްތީނުގެ 8 ހަނގުރާމަވެރިއަކު ނުކުތުމުން ދިން ހަމަލާތަކެއް ކަމަށެވެ. މިއީ އިޒްރޭލުން ބުނާ ގޮތުގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ ހިލާފް ކަމެކެވެ.
ހަމަލާ ބަދަލުކުރުން ހުއްޓާލަން އެއްބަސްވެފައި ވިޔަސް އެކި އުޒުރުތައް ދެއްކުމަށް ފަހު އިޒްރޭލުން ޣައްޒާއަށް ހަމަލާ ދިނުން އާންމެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު ވީ އެއްބަސްވުމަށް ފަހު މިހާތަނަށް މިފަދަ ހަމަލާތަކުގައި ފަލަސްތީނުގެ 510 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.
މި މުއްދަތުގެ ތެރޭގައި އިޒްރޭލު ސިފައިންގެ ހަތަރު މީހަކު ވެސް މަރާލާފައިވާ ކަމަށް އިޒްރޭލުން ބުނެފައިވެ އެވެ.
އޮކްޓޫބަރު 7، 2023 ގައި އިޒްރޭލަށް ހަމާސްއިން ހަމަލާދީ 1،221 މީހަކު މަރާލުމުން އެކަމުގެ ބަދަލުހިފަން ކަމަށް ބުނެ އިޒްރޭލުން ދޭން ފެށި ހަމަލާތައް ދެ އަހަރަށް ފަހު މަޑުޖައްސާލި އިރު ޣައްޒާއިން 71،769 މީހަކު ވަނީ ޝަހީދުކޮށްލައިފަ އެވެ.