އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އުދުވާނާއި، ހިފާފައިވާ ހުޅަނގު އައްސޭރީގައި ހިންގަމުންދާ ނަސްލީ ތަފާތުކުރުންތަކުގައި އިޒްރޭލުގެ އިތުރުން އެހެން ގައުމެއްގެ ޕާސްޕޯޓް އޮންނަ [ޑުއެލް ސިޓިޒެންޝިޕް] އޮންނަ ގިނަ އަދަދެއްގެ ސިފައިން ހަރަކާތްތެރިވަމުންދާކަން ހާމަވެއްޖެ އެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ފުރަތަމަ ފަހަރަށް އާންމުކުރި ރަސްމީ މައުލޫމާތުތަކުން ދައްކާ ގޮތުގައި، އިޒްރޭލުގެ އިތުރުން އެހެން ގައުމެއްގެ ވެސް ރައްޔިތުކަން އޮންނަ ވަރަށް ގިނަ ބަޔަކު އަސްކަރިއްޔާގައި އުޅެ އެވެ.
"ހަޒްލަޗާ" ނަމަކަށް ކިޔާ ޖަމިއްޔާއަކުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން ހުށަހެޅި ފޯމަކާ ގުޅިގެން 'ޑީކްލެސިފައިޑް' އަށް ލިބިފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިހާރު ހިދުމަތުގައި ތިބި ސިފައިންގެ ތެރެއިން 50,632 މީހުންނަކީ އިޒްރޭލުގެ އިތުރުން، މަދުވެގެން ކޮންމެވެސް އެހެން އެއް ގައުމެއްގެ ރައްޔިތުކަން އޮންނަ މީހުންނެވެ.
މި މީހުންގެ ތެރޭގައި އެންމެ ގިނައީ އެމެރިކާ، ރަޝިޔާ، ފްރާންސް، އިނގިރޭސިވިލާތް، ޖަރުމަނުވިލާތް، ޔޫކްރެއިން އަދި ކެނެޑާގެ ޕާސްޕޯޓް ގެންގުޅޭ މީހުންނެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނަ އަދަދަކަށް ތިބީ އެމެރިކާގެ ރައްޔިތުންނެވެ. އެއީ 12,135 ސިފައިންނެވެ.
މީގެ އިތުރުން ފްރާންސްގެ 6,100 އަށްވުރެ ގިނަ ސިފައިންނާއި، ރަޝިޔާގެ 5,000 އަށްވުރެ ގިނަ ސިފައިން އަދި އިނގިރޭސިވިލާތުގެ 2,069 ސިފައިން އިޒްރޭލު އަސްކަރިއްޔާގައި މިވަގުތު ހިދުމަތް ކުރަމުންދާކަން ވަނީ ކަށަވަރުވެފަ އެވެ.
މީގެ ކުރިން އަންދާޒާ ކުރެވިފައި އޮތީ އެފަދަ މީހުންގެ އަދަދަކީ ގާތްގަނޑަކަށް 54 ކަމަށެވެ. ނަމަވެސް، އަލަށް ހާމަވި މި ހިސާބުތަކުން އެނގޭ ގޮތުގައި، ދެ ގައުމެއްގެ ރައްޔިތުކަމާ އެކު އިޒްރޭލުގެ އަސްކަރިއްޔާގައި ހަރަކާތްތެރިވާ މީހުންގެ އަދަދު ކުރިން ހީކުރި ވަރަށްވުރެ އެތައް ގުނައެއް އިތުރެވެ.