އިޒްރޭލުން ސުންނާފަތިކޮށްފައިވާ ޣައްޒާ ދުނިޔެއާ ގުޅުވައިދޭ ހަމައެކަނި މަގު ކަމަށްވާ ރަފަހް ބޯޑަރު އެތައް މަސް ދުވަހެއް ފަހުން މިއަދު "ނަމަކަށް" ހުޅުވައިފި އެވެ. 

އިޒްރޭލުގެ ހުއްދަ އޮވެގެން ނޫނީ ހުރަސް ނުކުރެވޭ ގޮތަށް ރަފަހް ބޯޑަރު ހުޅުވީ، ޣައްޒާގައި ހަމަލާ ދިނުން ހުއްޓާލަން ހަމާސް އާއި އިޒްރޭލާ ދެމެދު މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު އެއްބަސްވިޔަސް އެތައް ހަމަލާއެއް ދިނުމަށް ފަހު އަދި އިއްޔެ ވެސް ހަމަލާދީ އެތައް ބަޔަކު ޝަހީދުކޮށްލުމަށް ފަހުގަ އެވެ. 

ޣައްޒާއަށް އޮކްޓޫބަރު 7، 2023 ގައި ހަމަލާ ދޭން ފެށުމަށް ފަހު،  އިޒްރޭލުން ރަފަހް ބޯޑަރު އިޒްރޭލުން ބަންދުކުރީ އެ ސަރަހައްދުގެ ކޮންޓްރޯލް އަތުލުމަށް ފަހު މެއި 2024 ގަ އެވެ. 

ފަލަސްތީނުގެ މަދަނީ ކަންކަން ހިންގަންވީ ގޮތް ކަނޑައަޅަމުން އަންނަ، އިޒްރޭލުގެ ޑިފެންސް މިނިސްޓްރީގެ އިދާރާއެއް ކަމަށްވާ "ކޯގަޓް" އިން ބުނީ ރަފަހް ކްރޮސިން މިއަދު ހުޅުވާލީ ހަމައެކަނި އާންމުން ދަތުރު ކުރުމަށް ކަމަށެވެ. ބޯޑަރު ހުރަސްކޮށް ޣައްޒާއިން މިސްރަށް އަދި މިސްރުން ޣައްޒާއަށް ދެވޭނެ ކަމަށް ވެސް ބުންޏެވެ. އެކަމަކު ބުނެފައިވަނީ ބޯޑަރު ހުރަސްކުރެވޭނީ ފައިމަގުގައި އެކަނި ކަމަށެވެ. 

ހަމާސްގެ ދަށުން ހިންގާ ޣައްޒާގެ ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އެ ސަރަހައްދު ހުޅުވުމުން 200 އެއްހާ ބަލި މީހުން މިސްރަށް ގެންދަން ބޭނުންވާތީ އެކަމުގެ އިންތިޒާމް ހަމަޖައްސަމުން އަންނަ ކަމަށެވެ. 

ފަލަސްތީނުގެ އޮފިޝަލަކު ނަން ނުޖެހުމަށް ޝަރުތުކޮށް އޭއެފްޕީއަށް ވިދާޅުވީ ފަލަސްތީނު ސަރުކާރާ އެކު މަސައްކަތްކުރާ 40 ވަރަކަށް މީހުންގެ ގްރޫޕެއް މިސްރު ފަޅިން ޣައްޒާއަށް ވަދެ މިހާރު މަސައްކަތް ފަށާފައިވާ ކަމަށެވެ. 

އިޒްރޭލުން ބުނީ ބޯޑަރު ހުރަސްކުރެވޭނީ އިޒްރޭލުން ކުރިން ސެކިއުރިޓީ ކްލިއަރެންސް ދިނުމުން އަދި ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ މިޝަންގެ ބެލުމުގެ ދަށުން ކަމަށެވެ. އަދި މިއީ "ޕައިލޮޓް" މަރުހަލާއެއް ކަމަށް ވެސް ބުންޏެވެ. 

އާންމުންގެ ދަތުރުތަކަށް އާންމުކޮށް ފުރުސަތު ދޭނީ މި މަރުހަލާތައް ނިމުމުން ކަމަށް ވެސް ބުންޏެވެ. 

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ބޯޑަރު ހުރަސްކުރުމަށް، ކޮންމެ ދުވަހަކު ހުއްދަ ދޭނީ ވަކި އަދަދަކަށް ކަމެއް ވެސް ކަނޑައަޅައިފައެއް ނުވެ އެވެ. އެކަމަކު މިސްރުން ވަނީ ޣައްޒާއަށް ވަންނަން ބޭނުންވާ އެންމެންނަށް އެ ފުރުސަތު ދޭން ނިންމާފައި ކަމަށް ރިޕޯޓްތައް ބުނެ އެވެ. 

އިޒްރޭލުން ބަނޑަށް ޖައްސާފައިވާ ޣައްޒާއަށް ތަކެތި ވެއްދުމަށް، އިޒްރޭލު ތެރެއަށް ނުވަދެ ބޭނުންކުރެވެން އޮންނަ ހަމައެކަނި އެއްގަމު މަގަކީ ރަފަހް ބޯޑަރެވެ. 

ހަމާސް އިން އަސީރުކުރި އިޒްރޭލު މީހުންގެ ތެރެއިން އެންމެ ފަހު މީހާގެ ހަށިގަނޑު އިޒްރޭލާ ހަވާލުކުރަންދެން ރަފަހް ބޯޑަރު ނުހުޅުވާނެ ކަމަށް ބުނަމުން ދިއުމަށް ފަހު މިއަދު ހުޅުވީ އެންމެ ފަހު މީހާގެ ހަށިގަނޑު މިދިޔަ ހަފްތާގައި ހަވާލުކުރުމާ އެކުގަ އެވެ.