އިންޑިއާގެ ޓާޓާ ކުންފުނިން ކުރީގެ ގާކޮށި ބިމުގައި ހެދި ފްލެޓްތަކުގައި ދިރިއުޅޭ މީހުން ކުނި ބަހައްޓަން ހާއްސަކުރި ތަނަށް އެ ސަރަހައްދުގެ އެހެން މީހުން ވެސް ކުނި އަޅައި އެތަން "ގޮނޑަކަށް" ހަދާ މައްސަލަ ބޮޑުވެއްޖެ އެވެ.

އެ ފްލެޓްތަކުގައި ދިރިއުޅޭ މީހުން އުކާލާ ކާބޯތަކެތި ފަދަ ކުނިބުނި އަޅަން ހާއްސަ ޑަސްބިންތަކެއް ފްލެޓް ހުޅަނގު ފަރާތުގައި ބަހައްޓާފައިވެ އެވެ. އިމާރާތުގެ ސެކިއުރިޓީ އާއި ކުނި އުކާލުން ފަދަ ހިދުމަތްތަކަށް ކޮންމެ ފްލެޓަކުން މަހަކު 12،00 ރުފިޔާގެ ފީއެއް ދަައްކަ އެވެ.

ޓާޓާ ފްލެޓްތައް ބަލަހައްޓަމުން އަންނަ އެޗްޑީސީން ކުނި އުކާލުން ހަވާލުކޮށްފައިވަނީ ވެމްކޯއާ އެވެ.

އެތަނުގައި ބަހައްޓާފައި ހުންނަނީ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނަށް ހާއްސަ ޑަސްބިންތަކެއް ނަމަވެސް އެ ސަރަހައްދުގެ އެތައް ބަޔަކު ކުނި އެޅުމުން މުޅި ތަން އޮންނަނީ ގޮނޑަކަށް ހަދާފަ އެވެ. އަދި އެތަނަށް އުކާނުލެވޭ ކަހަލަ އެތައް ވައްތަރެއްގެ ކުނި ވެސް ބައެއް މީހުން ބަހައްޓާތީ، ކުނި ނަގަން އަންނަ މީހުންނަށް ވެސް އުނދަގޫތަކާ ކުރިމަތިވާ ކަމަށްވެ އެވެ.

"މުޅި އެގޯޅީގައި އޮންނަނީ ކުނި. ގޮނޑިގޮނޑި އާއި ގޮދަނޑި ކަހަލަ އެއްޗެހި ވެސް އުކާފައި ހުރޭ،" ފްލެޓެއްގައި ދިރިއުޅޭ މީހަކު ބުންޏެވެ.

ކުރިން ގާކޮށި އޮތް ބިމުގައި ހަދާފައިވާ މާލެ ސްކްޔާގެ ތިރިއަށް ކުނި އަޅާފައި - ފޮޓޯ: ހުސައިން ވަހީދު/މިހާރު
ކުރިން ގާކޮށި އޮތް ބިމުގައި ހަދާފައިވާ މާލެ ސްކްޔާގެ ތިރިއަށް ކުނި އަޅާފައި - ފޮޓޯ: ހުސައިން ވަހީދު/މިހާރު

އެ ޝަކުވާ ބޮޑުވުމުން، އެޗްޑީސީން މިހާރު އަންގާފައި ވަނީ އެ ސަރަހައްދަށް ކުނި ނޭޅުމަށެވެ. އޭގެ ބަދަލުގައި ވެމްކޯގެ މުވައްޒަފުން ކޮންމެ ފްލެޓަކަށް ވަކިވަކިން ދާ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.

އެކަމަކު ފްލެޓް އިމާރާތުގެ ހުސް ތަންކޮޅުގައި އޮންނަ އެ ސަރަހައްދަށް މިހާރު ވެސް މީހުން ކުނި އަޅަ އެވެ. އެ ކުނިތައް ސާފުކޮށް ތަން ބަލަހައްޓަން ވެސް މައްސަލަ ދިމާވާ ކަމަށް، ބައެއް މީހުން ބުނެ އެވެ.

"އަޅުގަނޑުމެން ކޮންމެ މަހަކު ފައިސާ މި ދައްކަނީ ރަނގަޅަށް ކަންކަން މެނޭޖްކުރަން. މިހާރު މި ފެންނަނީ ބޭނުން ބަޔަކު އެތަނަށް ކުނި އަޅާތަން،" ފްލެޓެއްގައި ދިރިއުޅޭ ފިރިހެނަކު ބުންޏެވެ.

"ކޮންމެވެސް ހައްލެއް އެބަ ބޭނުންވޭ. އެހެންނޫނީ ވަރަށް އުނދަގޫވާނެ ކުނި ގިނަވަންޏާ."