ކުނި އުކުމުގެ ހިދުމަތް ހޯދުމަށް ފަހު، މާލެ ސިޓީ ކައުންސިލުން ފައިސާ ނުދައްކާތާ ދެ އަހަރު ވެއްޖެ ކަމަށާއި އެ ބިލްތަކަށް 116 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަރާފައިވާ ކަމަށް ވެމްކޯ އިން މިރޭ ބުނެފި އެވެ.

ވެމްކޯގެ ހިދުމަތްތަކާ ގުޅޭގޮތުން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އަށް ސިޓީ ކައުންސިލުން މައްސަލަ ހުށަހަޅާނެ ކަމަށް ބުނެފައި ވަނިކޮށް، އެ ކަމަށް ރައްދު ދީ އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ ވެމްކޯގައި ރަޖިސްޓަރީކޮށް، ކަނޑައަޅާފައިވާ އުސޫލުން ހިދުމަތް ހޯދަން އަބަދު ވެސް މަރުހަބާ ކިޔާނެ ކަމަށެވެ.

ނަމަވެސް، 2024 ވަނަ އަހަރުން ފެށިގެން މިހާތަނަށް ސިޓީ ކައުންސިލުން ހިދުމަތް ހޯދުމަށް ފަހު 116،421،129ރ. ނުދައްކާ އެބައޮތް ކަމަށާއި އެހެންވެ، އާއްމު އުސޫލުން ކަސްޓަމަރުން ރަޖިސްޓަރީ ކުރުމުގައި އަމަލުކުރާ އިޖުރާއަތްތައް ފުރިހަމަކުރަން ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް ބުންޏެވެ.

ވެމްކޯއިން ބުނިގޮތުގައި އެ ކުންފުނީގެ މާލީ ފުދުންތެރިކަމަށް ހީނަރުކަން އައުމަށް ދިމާވާ އެންމެ ބޮޑު ސަބަބަކީ ބޮޑެތި ކަސްޓަމަރުން ދައްކަންޖެހޭ ފައިސާ ނުދައްކާތީ އެވެ.

"ކޯޕަރޭޝަންގެ މުވައްޒަފުންގެ ޕެންޝަން ފައިސާ ނުދެއްކި ލަސްވަމުންދަނީ ވެސް އެގޮތަށް ފައިސާ ލިބުމުގައި ދަތިތަކެއް ހުރުމުންނެވެ. ސިޓީ ކައުންސިލް މި ކޯޕަރޭޝަން ލިބެން ފައިސާ ބަރާބަރަށް ދައްކަމުންދާ ނަމަ މިދިޔަ މާލީ ގެއްލުމުން އަރައިގަނެވޭނެ އެވެ،" ބަޔާނުގައިވެ އެވެ.

މިފްކޯ އިން ބުނީ ކަސްޓަމަރުންނަށް ހިދުމަތް ފޯރުކޮށްދިނުމުގައި އަމަލުކުރާ އުސޫލުން ވިދިވިދިގެން ދެ މަސް ދުވަހުގެ ހިދުމަތުގެ އަގު ނުދައްކާ ފަރާތްތަކަށް، ހިދުމަތްތައް ކަނޑާލުމުގެ އިހުތިޔާރު އޮންނަ ކަމަށެވެ. އެއާ އެކު، ސިޓީ ކައުންސިލުން ހިދުމަތް ހޯދުމަށް ފަހު، ނުދައްކާ ހުރި ފައިސާ ހޯދުމާއި މެދުނުކެނޑި ހިދުމަތް ދިނުމަށް 2024 އަދި މިދިޔަ އަހަރު ވެސް އެކި ފަހަރު މަތިން ސިޓީ ކައުންސިލާއެކު މަޝްވަރާތައް ބޭއްވި އެވެ. 

ނަމަވެސް، ޕޭމަންޓު ޝެޑިއުލް ހުށަހަޅަން ތަކުރާރުކޮށް އެދުމުން ވެސް މިއަދާ ހަމައަށް ވެސް މާލެ ސިޓީ ކައުންސިލުން އެދެވޭ އެއްބާރުލުމެއް ނުދޭ ކަމަށް ވެމްކޯ އިން ބުންޏެވެ.

"ކަން މިހެން އޮތް ނަމަވެސް ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ހިދުމަތްތަކަށް ބުރުލެއް އެރިޔަނުދިނުމުގެ ގޮތުން ސިޓީ ކައުންސިލުން މިހާރު ހޯދަމުންދާ ހިދުމަތްތައް މެދުކަނޑާނުލައި މި ކޯޕަރޭޝަނުން ދަނީ ފޯރުކޮށްދެމުންނެވެ. އެހެން ނަމަވެސް، ދައްކަންޖެހޭ ފައިސާ ނުދައްކާ އޮތުމުގެ ސަބަބުން ސިޓީ ކައުންސިލްގެ އިތުރު ތަންތަން ރަޖިސްޓްރީ ކޮށްދިނުމަށާއި އާ ހިދުމަތްތައް ފޯރުކޮށްދިނުމަށް މި ވަގުތު މި ކޯޕަރޭޝަނަށް ވަނީ އުޒުރުވެރިވެފަ އެވެ،" އެ ކުންފުނިން ބުންޏެވެ.

ސިޓީ ކައުންސިލަށް ހިދުމަތް ދެނީ އާއްމު ވިޔަފާރިތަކަށް ވުރެ ބޮޑު ރޭޓެއްގައި ކަމަށް ބުނެ ކައުންސިލުން ދައްކާ ވާހަކަތަކަށް ރައްދު ދެމުން ވެމްކޯއިން ބުނީ ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކަށް އެ ކުންފުނިން ހިދުމަތް ފޯރުކޮށްދެނީ އާއްމު ވިޔަފާރިތަކާ ތަފާތު ރޭޓުތަކެއްގައި ކަމަށެވެ. އެގޮތަށް އަގުތައް ކަނޑައެޅުމުގެ މައިގަނޑު މަގުސަދަކީ ވެސް ބަޔާނުގައި ބުނީ، އާއްމުންނަށް ފޯރުކޮށްދޭ ހިދުމަތުގެ އަގު އެންމެ ހެޔޮ ވަރެއްގައި ބެހެއްޓުމެވެ. 

ވެމްކޯ އިން ބުނީ އެ ކުންފުނީގެ މަގުސަދަކީ އާއްމުންނާ އެންމެ ފުރިހަމަ ގޮތުގައި ކުނި މެނޭޖުކުރުމުގެ ހިދުމަތް ފޯރުކޮށްދިނުން ކަމަށެވެ. އެހެންވެ، އެ މައްސަލައިގައި ވެސް މަޝްވަރާކޮށް އަދި ދައްކަންޖެހޭ ފައިސާއާ މެދު އެއްބަސްވުމަކަށް އައިސް ހައްލެއް ހޯދަން އިސްކަންދޭނެ ކަމަށް ބަޔާނުގައިވެ އެވެ.