ވެމްކޯއާ ނުގުޅި އަމިއްލަ އަށް ކުނި އުކަން ބޭނުންވާ ގޭބިސީތަކުގެ އަދަދު މި ދިޔަ ހަފުތާގެ ތެރޭގައި ވަރަށް ބޮޑަށް އިތުރުވެ، އެ އަދަދު 3،600 އަށް އަރާފައިވާ ކަމަށް، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން މިއަދު ބުނެފި އެވެ.

ވެމްކޯ އިން ބުނި ގޮތުގައި އަމިއްލަ އަށް ކުނި އުކުމަށް، މިދިޔަ ހަފުތާގެ ހޯމައިގެ ނިޔަލަށް ރަޖިސްޓްރީ ކޮށްފައިވަނީ ހާހެއްހާ މީހުންނެވެ. އެކަމަކު ރަޖިސްޓްރީ ނުކޮށް ކުނިއުކާ މީހުންގެ އަތުން މާދަމާ އިން ފެށިގެން ގޭޓްފީ ނަގަން ނިންމުމާ އެކު، އަމިއްލަ އަށް ކުނި އުކުމަށް ހަފުތާއެއްގެ ތެރޭގައި ވަނީ އިތުރު 2،600 މީހުން ރަޖިސްޓްރީ ވެފަ އެވެ.

އަމިއްލަ އަށް ކުނި އުކަން ރަޖިސްޓްރީވެފައިވާ ނަމަ ފީއަކާ ނުލައި ދުވާލަކު އެއް ފަހަރު ކުނި އުކޭނެ އެވެ. ރަޖިސްޓްރީވި ނަމަވެސް ދުވާލަކު އެއް ފަހަރަށް ވުރެ ގިނަ އިން ކުނި އުކާނަމަ، ކޮންމެ ފަހަރަކު 30 ރުފިޔާގެ ގޭޓްފީއެއް ދައްކަން ޖެހެ އެވެ.

ވެމްކޯގެ މުވައްޒަފުން ގޭބިސީތަކަށް ގޮސްގެން ކުނި އުކައިދެނީ 150 ރުފިޔާ އަށެވެ. ނަމަވެސް ވެމްކޯ އިން ކުނި ބަލައި ގަވާއިދުން ނާންނަ ކަމުގެ ޝަކުވާ އަށް އަދިވެސް އޮތީ ހައްލެއް ނުލިބި އެވެ.

ވެމްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަމިއްލަ އަށް ކުނި އުކާލުމަށް ރަޖިސްޓްރީވުމުގެ ހިދުމަތް އިންޑަސްޓްރިއަލް ވިލެޖްގައި ހުންނަ ވެމްކޯ އޮފީހުން މިހާރު ވެސް ލިބޭނެ ކަމަށެވެ.

ކުނި މެނޭޖް ކުރުމާ ބެހޭ ގަވާއިދުގައި ބުނާ ގޮތުން ކުނިއުކާލަން ގެންދާ އިރު އެ ތަކެތި ހުންނަން ޖެހޭނީ އޭގެ ވަހުގެ އުނދަގޫ މީހުންނަށް ނުފޯރާނެހެން ބަންދުކޮށްފަ އެވެ.

ވެމްކޯ އިން ގޭގެ އަށް ގޮސް ކުނި އުކައިދޭ ހިދުމަތަށް 17،000 އަށް ވުރެ ގިނަ ގެ އިން ވަނީ ރަޖިސްޓްރީކޮށްފަ އެވެ. މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހިދުމަތަށް ރަޖިސްޓްރީ ކުރާ ފަރާތްތައް ވެސް އިތުރުވަމުން އަންނަ ކަމަށެވެ.