އެމެރިކާ އިން އީރާނާ ދެކޮޅަށް ކުރަމުން ދިޔަ ހަނގުރާމަ، އެ ދެ ގައުމުން އެއްބަސްްވެގެން ވަގުތީ ގޮތުން ހުއްޓާލުމުން ރާއްޖޭން އެކަމަށް މަރުހަބާ ކިޔައިފި އެވެ.

ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ ހަަމަލާ ބަދަލުކުރުން ވަގުތީ ގޮތުން ހުއްޓާލުމުން އެކަމަށް މަރުހަބާ ކިޔާ ކަމަށާއި އޭގެ ސަބަބުން މަޝްވަރާ އަށް މަގުފަހިވެ، އެ ދެ ގައުމުގެ ދެމެދުގައި އޮތް މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ. 

ހަނގުރާމަ މެދުކަނޑާލަން ޕާކިސްތާނާއި އެހެން ގައުމުތަކުން ޑިޕްލޮމެޓިކް ގޮތުން ކުރި މަސައްކަތްތައް ރާއްޖޭން ހިތްހަމަޖެހުމާ އެކު ފާހަގަކުރާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

"...ސަރަހައްދަށް ސުލްހަ އާއި ހަމަޖެހުން ގެންނަން ބައިނަލްއަގުވާމީ މުޖުތަމައު އިން ކުރާ ހުރިހާ މަސައްކަތަކަށް ދިވެހިރާއްޖޭން ތާއީދު ކުރަމެވެ. އާއްމުންގެ ރައްކާތެރިކުރުމުގެ މުހިއްމުކަމާއި ދުނިޔޭގެ ވިޔަފާރި އަށް މަގުފަހިކުރުމަށް ޓަކައި ކަނޑުދަތުރުފަތުރު ކުރުމުގެ މިނިވަންކަން އޮތުމުގެ މުހިއްމުކަން ދިވެހިރާއްޖޭން ފާހަގަކުރަމެވެ،" ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

މަހަކަށް ވުރެ ގިނަ ދުވަސް ވަންދެން އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދެމުންދިޔަ ވަރުގަދަ ހަމަލާތަކަށް ފަހު، އީރާނުން ބުނީ މި ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި ޕާކިސްތާނުގައި މާދަމާ އެމެރިކާއާ އެކު މަޝްވަރާތައް ފެށުމަށް އެއްބަސްވެފައިވާ ކަމަށެވެ.

ޓްރަމްޕް ވިދާޅުވީ އޭނާ ޕާކިސްތާނުގެ ލީޑަރުންނާ ވާހަކަ ދެއްކެވި ކަމަށާއި އިއްޔެ ރޭގައި އީރާނަށް ފޮނުވަން އޮތް "ހަލާކުކުރަނިވި ބާރުތައް" މަޑުޖައްސާލުމަށް އެ ގައުމުން އެދުނު ކަމަށެވެ.

"އީރާނުން ހޯރްމޫޒް ކަނޑުއޮޅި ފުރިހަމަ އަށް، ވަގުތުން އަދި ރައްކާތެރިކަމާ އެކު ހުޅުވާލުމަށް އެއްބަސްވުމާ ގުޅިގެން، އީރާނަށް ބޮން އެޅުމާއި ހަމަލާދިނުން ދެ ހަފުތާގެ މުއްދަތަށް ހުއްޓާލުމަށް އެއްބަސްވެވިއްޖެ،" ޓްރަމްޕްގެ 'ޓްރޫތު ސޯޝަލް' ޕްލެޓްފޯމުގައި އޭނާ ލިޔުއްވާފައިވެ އެވެ.

އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވަނީ، ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި އުފުލާ މި މަގުން ދެ ހަފުތާގެ މުއްދަތަށް އުޅަނދުފަހަރަށް ރައްކާތެރިކަމާ އެކު ދަތުރުކުރެވޭނެކަން ކަށަވަރު ކޮށްދެއްވައިފަ އެވެ. މި މަގު ބަންދުކުރީ ފެބްރުއަރީ މިދިޔަ 28 ގައި ފެށި ހަނގުރާމައަށް ބަދަލުހިފުމުގެ ގޮތުންނެވެ.

އީރާނުގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކާއި ކަރަންޓު އުފައްދާ މަރުކަޒުތަކާއި ބުރިޖުތައް ހަލާކުކޮށްލާނެ ކަމުގެ އިންޒާރު ޓްރަމްޕް ކުރިން ދެއްވާފައިވެ އެވެ. މިއީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ހަނގުރާމައިގެ ކުށެކެވެ.

އެމެރިކާއާ ގާތް ގުޅުމެއް އޮންނަ އަދި އީރާނުގެ އަވަށްޓެރި ޕާކިސްތާނުން ވަނީ މި މައްސަލައިގައި މެދުވެރިއެއްގެ ދައުރު އަދާކޮށްފަ އެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވީ ސުލްހަވެރި ހައްލަކަށް ކުރާ މަސައްކަތްތައް ބާރުމިނުގައި ކުރިއަށްދާ ކަމަށެވެ.

މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް އުފުލިފައިވީ ނަމަވެސް، ސުލްހައިގެ މި ޚަބަރާއެކު ތެލުގެ އަގު ވަނީ ވަގުތުން ދަށްވާން ފަށައިފަ އެވެ