އިންޖިނީއަރިންގެ ދުވަސް ފާހަގަކުރުމަށް ސްޓެލްކޯއިން ކުރިއަށްގެންދާ ކުރެހުމުގެ މުބާރާތުގައި ބައިވެރިވުމަށް މުއްދަތު އިތުރުކޮށްފި އެވެ.
މި މަހުގެ 30 ވަނަ ދުވަހު ފާހަގަކުރާ އިންޖިނިއަރުންގެ ދުވަހަށް، ކުރެހުމުގެ މުބާރާތެއް ބާއްވަނީ ސްޓެލްކޯގެ އިންޖިނިއަރުންގެ މަސައްކަތާއި އެކަމަށް ހުންނަ ޝައުގުވެރިކަން ދައްކުވައިދިނުމުގެ ގޮތުންނެވެ.
މުބާރާތުގައި ބައިވެރިވާން މި މަހުގެ ދެވަނަ ދުވަހު ހުޅުވާލި ފުރުސަތުގެ މުއްދަތު، އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް އޮތީ ކުރިން ދީފަ އެވެ. ނަމަވެސް މިހާރު އެ މުއްދަތު ވަނީ އަންނަ ބުރާސްފަތި ދުވަހަށް އިތުރުކޮށްފަ އެވެ.
އެ މުބާރާތުގައި ދެ ކެޓަގަރީއެއް ހިމެނޭއިރު އެއީ ފަސް އަހަރާއި 10 އަހަރު އަދި 11 އަހަރާއި 16 އަހަރުގެ އުމުރުފުރާ އެވެ.
ވަނަ އާއި އިނާމު
- 1 ވަނަ ކުރެހުމަށް 2،500ރ.
- 2 ވަނަ ކުރެހުމަށް 1،500ރ.
- 3 ވަނަ ކުރެހުމަށް 1،000ރ.
- 4 ވަނައިން 10 ވަނައާ ދެމެދަށް، ކޮންމެ ކުރެހުމަކަށް 500ރ.
ސްޓެލްކޯއިން ބުނީ ކުރެހުމުގެ އަސްލު ހުށަހަޅަން ޖެހޭނީ އަމީނީމަގުގައި ހުންނަ އެ ކުންފުނީގެ ހެޑް އޮފީހުގެ އިންފޮމޭޝަން ކައުންޓަރަށް ކަމަށެވެ. ކުރެހުން ހުންނަން ޖެހޭނީ އޭ3 ސައިޒުގެ ޕޭޕަރެއްގައި ކަމަށާއި އެއާ އެކު ކުއްޖާގެ ނަމާއި އައިޑީކާޑުގެ ފޮޓޯއަކާއި ދިރިއުޅޭ އެޑްރެހުގެ އިތުރުން ގުޅޭނެ ފޯނު ނަމްބަރު ހިމެނުމަށް ސްޓެލްކޯއިން އެދިފައިވެ އެވެ.
އިތުރު މައުލޫމާތު ބޭނުންނަމަ 3338239 އަށް ގުޅުމަށް ނުވަތަ [email protected] އަށް މެއިލް ކުރުމަށް އެދިފައިވެ އެވެ.
އެ ކުންފުނިން ފާހަގަކުރާ އިންޖިނިއަރުންގެ ދުވަހުގެ ބެކްޑްރޮޕުގެ ގޮތުގައި ބޭނުން ކުރަން ނިންމާފައި ވަނީ އެ މުބާރާތުން އެއްވަނައަށްދާ ކުރެހުމެވެ.