އިންޖިނިއަރިންގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް ސްޓެލްކޯގައި ފުރުސަތުތަކެއް ހުރިއިރު، އެންމެ ބޮޑު ފަހުރަކީ އެތަނުގައި 100 ޕަސެންޓް ދިވެހި އިންޖިނިއަރުންގެ ޓީމެއް މަސައްކަތް ކުރުން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ އަޒްވަރު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ގައުމީ އިންޖިނިއަރުންގެ ދުވަހާ ގުޅުވައި އޭނާ ވަނީ ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ގައުމު ބިނާކުރުމުގެ މަސައްކަތުގައި އުޅޭ ހުރިހާ ދިވެހި އިންޖިނިއަރުންނަށް، ހާއްސަކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ދުވަހުގެ ތަހުނިޔާ ފޮނުވައިފަ އެވެ.
އަޒްވަރު ވިދާޅުވީ އިންޖިނިއަރިން ދާއިރާ ހިޔާރުކުރާ ދަރިވަރުންގެ އަދަދު ނިސްބަތުން މަދު ނަމަވެސް އެއީ ގިނަ ފުރުސަތުތަކެއް އޮތް ދާއިރާއެއް ކަމަށެވެ. ޒުވާން އިންޖިނޭރުންނަށް ތަމްރީންގެ ފުރުސަތުތައް ފަހިކޮށްދީ، ކުރިއަރުވަން އެ ކުންފުނިން އިސްކަންދޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"[އިންޖިނިއަރިންގެ ދާއިރާއަކީ] ގައުމު ބިނާކުރުމަށް ނުހަނު މުހިންމު ދާއިރާއެއް. އަދި ދުނިޔޭގެ އެންމެ ފަހުގެ ޓެކްނޮލޮޖީއަށް އަހުލުވެރި، ގާބިލު ޖީލެއް ބިނާކުރުމަށްޓަކައި ޒުވާނުންނަށް މަރުހަބާ ކިޔަން ސްޓެލްކޯ އަބަދު ވެސް އޮތީ ތައްޔާރަށް،" އެމްޑީ ވިދާޅުވި އެވެ.
އިންޖިނިއަރިންގެ ދާއިރާއަކީ ގައުމެއްގެ ތަރައްގީގެ މައިބަދަކަން ފާހަގަކުރައްވައި އަޒްވަރު ވިދާޅުވީ ސްޓެލްކޯގެ އިންޖިނިއަރުންގެ ޒިންމާ ބޮޑު މަސައްކަތުގައި ތިބީ ހުސް ދިވެހިން ކަމަށެވެ.
ރައްޔިތުންނަށް 24 ގަޑިއިރު މެދުކެނޑުމެއްނެތި ފޯރުކޮށްދެމުން އަންނަ ހިދުމަތްތަކުގެ އަސްލަކީ އެ ހުނަރުވެރި ޓީމުގެ ބުރަ މަސައްކަތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މާޒީގައި އެތައް ދަތިތަކަކާއެކު އެ ދާއިރާއިން ތައުލީމު ހާސިލުކުރައްވައި ކުންފުންޏަށް ހިދުމަތް ކޮށްފައިވާ އަދި މިހާރު ރިޓަޔާ ކުރައްވާފައިވާ އިސް އިންޖިނިއަރުންގެ ހިދުމަތުގެ އަގު ވަޒަންކޮށް، ވަކިވެދިޔަ މުވައްޒަފުންގެ ހަނދާން އާކުރަން،" އަޒްވަރު ވިދާޅުވި އެވެ.
މުވައްޒަފުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް ސްޓެލްކޯއިން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން އެމްޑީ ވިދާޅުވީ ދުނިޔޭގެ ފެންވަރުގެ ތަމްރީނުތައް ހޯދައިދިނުމަށް ޔޫރަޕްގެ ގައުމުތަކަށް ވެސް އިންޖިނިއަރުން ފޮނުވާފައިވާ ކަމަށެވެ.
ސްޓެލްކޯގެ ގިނަ އިންޖިނިއަރުން ތަމްރީންކުރީ އެ ކުންފުނިން އަމިއްލަ އަށެވެ. އެ ކުންފުނިން 2024 ވަނަ އަހަރު 535 ފުރުސަތު އަދި މިދިޔަ އަހަރު 947 ފުރުސަތު މުވައްޒަފުންގެ ތަމްރީނަށް ހޯދައިދީފައިވާ ކަމަށް ވެސް އަަޒުވަރު ވިދާޅުވި އެވެ.