އާލާ އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތުގެ ޒޯން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ޖާގަތައް ބަނޑޮސް މޯލްޑިވްސް، ސޮނޭވާފުށި، ޑަބްލިއު މޯލްޑިވްސް އަދި ގްރޭންޑް ޕާކް ކޮށްދިއްޕަރުން ހޯދައިފި އެވެ.

ޒޯން އެކެއްގެ ޗެމްޕިއަންކަން ހޯދި ބަނޑޮހުން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގަ ހޯދީ ކުއާޓާ ފައިނަލުގައި އެ ޓީމާ ދެކޮޅަށް ކުޅެން އޮތް މެޗު ފެށުމުގެ ކުރިން ޖުމެއިރާ ވިޓަވެލި މުބާރާތުން ނަން ނެގުމުންނެވެ. އެއާ އެކު ބަނޑޮސް ސީދާ ތިން ސެޓުން މޮޅުވި ކަމަށް ވަނީ ނިންމައިފަ އެވެ.

ސެމީ ފައިނަލުގެ ޖާގައެއް ޑަބްލިއު އިން ހޯދީ ކުއާޓާ ފައިނަލުގައި ވަން އެންޑް އޮންލީ ރީތި ރަށް ބަލިކުރުމަށް ފަހު އެވެ. ގައުމީ ޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ އަލީ ހުޒާމް (ހުޒާންޓެ) އާއި ޖަވާމް އަލީ އަދި މުހައްމަދު ޝާއިން (ޝާއިންޓެ) ކުޅެމުން އަންނަ ޑަބްލިއު މޮޅުވީ ސީދާ ތިން ސެޓުންނެވެ. އެ ޓީމުން ސެޓުތައް ގެންދިޔައީ 27-25، 25-23 އަދި 25-18 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ހުޒާންޓެ އެވެ.

ގްރޭންޑްޕާކުން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގަ ހޯދީ ކުއާޓާގައި ޒޯން ތިނެއްގެ ޗެމްޕިއަން ނިޔާމަ ޕްރައިވެޓް އައިލެންޑް މޯލްޑިވްސް ބަލިކުރުމަށް ފަހު އެވެ. ގްރޭންޑްޕާކުން މެޗުގެ ސެޓުތައް ގެންދިޔައީ 28-26، 25-23، 25-17 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގްރޭންޑް ޕާކަށް ކުޅެމުން އަންނަ ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިއާ އަޝްފާގު އާދަމް (އައްކަޅޭ) އެވެ.

ސޮނޭވާ އަށް މުބާރާތުގެ ސެމީ ފައިނަލުގެ ޖާގަ ކަށަވަރުވީ ކުއާޓާ ފައިނަލުގައި އެ ޓީމާ ދެކޮޅަށް ކުޅެން ހަމަޖެހިފައި އޮތް ޝެރަޓަން މޯލްޑިވްސް މެޗަށް ހާޒިރުނުވުމުންނެވެ. މެޗު ކުޅެން ހަމަޖެހިފައި އޮތީ ސޮނޭވާފުށީގަ އެވެ.

އަންނަ ބުދަ ދުވަހު ބަނޑޮހުގައި ކުޅޭ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ބަނޑޮސް ނުކުންނާނީ ސޮނޭވާއާ ދެކޮޅަށެވެ. ދެ ވަނަ ސެމީގައި ހަމަ އެ ދުވަހު ޑަބްލިއުގައި އެ ޓީމު ކުޅޭނީ ގްރޭންޑްޕާކާ އެވެ. ފުރަތަމަ ސެމީން މޮޅުވާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭއިރު، ބަލިވާ ޓީމެއް ތިން ވަނަ ސެމީގައި ކުޅޭނީ ދެ ވަނަ ސެމީން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ އާދިއްތަ ދުވަހު އެވެ. ފައިނަލް މެޗު ކުޅޭނެތަނެއް ކަނޑައަޅާނީ ފަހުން ކަމަށް ވޮލީބޯލް އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.