އިންޓަ ރިޒޯޓް ވޮލީބޯލް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގެ މެޗުތަކުން ގްރޭންޑް ޕާކް ކޮއްދިއްޕަރާއި އަނަންތަރާ ކިހާވަށް މޮޅުވެއްޖެ އެވެ.
ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި އިއްޔެ ގްރޭންޑް ޕާކު މޮޅުވީ އެ ރިޒޯޓުގައި ކުޅުނު މެޗުން ނިޔާމަ އަތުން 3-1 ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ސެޓު ގްރޭންޑް ޕާކު ގެންދިޔައީ 25-22 އިންނެވެ. ދެ ވަނަ ސެޓު ނިޔާމަ އިން 25-27 އިން ގެންގޮސްފައިވަނިކޮށް ގްރޭންޑް ޕާކް މޮޅުވީ ދެން ކުޅުނު ދެ ސެޓު ގެންގޮސްގެންނެވެ. އެ ޓީމު ސެޓުތައް ގެންދިޔައީ 25-18 އަދި 25-14 އިންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގްރޭންޑް ޕާކަށް ކުޅޭ ގައުމީ ޓީމުގެ ކުޅުންތެރިއާ އާދަމް ނަސީމް (އެޑަމް) އެވެ.
އިއްޔެ ކުޅުނު ކުއާޓާ ފައިނަލްގެ ދެ ވަނަ މެޗުން އަނަންތާރާ މޮޅުވީ ޝެރަޓަންއާ ވާދަކޮށެވެ. އަނަންތާރާ މޮޅުވީ ސީދާ ތިން ސެޓުންނެވެ. އެ ޓީމު ސެޓުތައް ގެންދިޔައީ 23-25، 17-25 އަދި 21-25 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ އަނަންތަރާ އަށް ކުޅޭ ގައުމީ ޓީމުގެ ކުޅުންތެރިއާ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އެވެ.
ދެ ވަނަ ލެގު މެޗުތައް އޮންނާނީ މާދަމާ އެވެ. މި މުބާރާތުގެ ކުއާޓާ ފައިނަލްގެ އަނެއް ދެ މެޗު މިއަދު އޮންނާނެ އެވެ. އެއީ ބަނޑޮސް މޯލްޑިވްސް އާއި ޖުމެއިރާ ވިޓަވެލި ކުޅޭ މެޗާއި ސޮނޭވާފުއްޓާއި ކޮންރަޑް ބައްދަލުކުރާ މެޗެވެ.