އިންޓަ ރިސޯޓް ވޮލީބޯލް ޗެމްޕިއަންސް ލީގުގެ ފައިނަލުގެ ފުރަތަމަ ޖާގަ އަނަންތާރާ ކިހާވަށް ވިލާސް އިން ހޯދައިފި އެވެ.
އެ ޓީމު ފައިނަލުގެ ޖާގަ ޔަގީންކުރީ ސެމީ ފައިނަލުގައި ކުޅުނު ދެ ލެގުން ވެސް ގްރޭންޑް ޕާކް ކޮއްދިއްޕަރު ބަލިކުރުމަށް ފަހު އެވެ. ފުރަތަމަ ލެގުން ގްރޭންޑް ޕާކް އަތުން އަނަންތަރާ މޮޅުވީ ސީދާ ތިން ސެޓުންނެވެ. އިއްޔެ އަނަންތަރާގައި ކުޅުނު ދެ ވަނަ ލެގުން އެ ޓީމު މޮޅުވީ ތިން ސެޓު އެއް ސެޓުންނެވެ.
އިއްޔެގެ މެޗުގެ ފުރަތަމަ ސެޓު އަނަންތަރާ އިން ގެންދިޔައީ 25-19 އިންނެވެ. ގްރޭންޑް ޕާކުން ވަނީ 23-25 އިން ދެ ވަނަ ސެޓު ގެންގޮސް މެޗުގެ އުއްމީދުއާ ކޮށްފަ އެވެ. އެހެން ނަމަވެސް ދެން ކުޅުނު ދެ ސެޓު ގެންގޮސް އަނަންތަރާ ވަނީ މެޗުން މޮޅުވެފަ އެވެ. އެ ޓީމުން ފަހު ދެ ސެޓު ގެންދިޔައީ 25-18 އަދި 25-19 އިންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަނަންތަރާ އަށް މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ގައުމީ ޓީމުގެ ކުޅުންތެރިއާ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އެވެ. އޭނާ އަކީ މިދިޔަ އަހަރު އިންޓަ ރިސޯޓް މުބާރާތް ބަނޑޮހުން ކާމިޔާބުކުރިއިރު އެ ޓީމަށް މޮޅު ކުޅުމެއް ދައްކައިދިން ކުޅުންތެރިއެކެވެ.
ފައިނަލުގައި އަންނަ ބުދަ ދުވަހު އަނަންތަރާއާ ދެކޮޅަށް ކުޅޭ ޓީމެއް އެނގޭނީ މިއަދު ސޮނޭވާފުށްޓާއި ބަނޑޮސް ކުޅޭ މެޗަށް ފަހު އެވެ. މި ދެ ޓީމު ކުޅުނު ފުރަތަމަ މެޗުން ސޮނޭވާ މޮޅުވީ ތިން ސެޓު އެއް ސެޓުންނެވެ. އެ މެޗުގެ ފުރަތަމަ ސެޓު 22-25 އިން ސޮނޭވާ ގެންގޮސްފައިވަނިކޮށް ބަނޑޮހުން ވަނީ ކުޅުން ރަނގަޅުކޮށް 25-15 އިން ދެ ވަނަ ސެޓު ގެންގޮސްފަ އެވެ. ސޮނޭވާ މެޗު ކާމިޔާބުކުރީ ދެން ކުޅުނު ދެ ސެޓު 24-26 އަދި 17-25 އިން ގެންގޮސްގެންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކީ ސޮނޭވާ އަށް މި ފަހަރުގެ މުބާރާތުގެ ޒޯން ފަހެއްގެ ޗެމްޕިއަންކަން ހޯދައިދިނުމުގައި ވެސް މޮޅު ކުޅުމެއް ދެއްކި އަލީ ހުޒާމް (ހުޒާމްޓެ) އެވެ.
މުބާރާތުގެ ފައިނަލު އޮންނާނީ އަންނަ ބުދަ ދުވަހު އެވެ.