މޮސްކޯ (ޖުލައި 2) - ސްޕެއިނަށް 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކޮށްދިން ލަނޑު ޖެހި ތަޖުރިބާކާރު މިޑްފީލްޑަރު އަންދްރެސް އިނިއެސްޓާ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި އެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގެ ކުރިން ވެސް އިނިއެސްޓާ ވަނީ މިއީ އޭނާ ގައުމީ ޓީމަށް ކުޅޭ ފަހު މުބާރާތް ކަމަށް ބުނެފަ އެވެ. ސްޕެއިނަށް މި ފަހަރުގެ މުބާރާތް ނިމުނީ ރޭ މުބާރާތް ބާއްވާ ގައުމު ރަޝިއާ އަތުން ޕެނަލްޓީ ޖަހައިގެން ބަލިވުމުންނެވެ. މިއީ ރަޝިއާ އަތުން ސްޕެއިން ބަލިވި ފުރަތަމަ ފަހަރެވެ.

ސްޕެއިނުން ރޭގެ މެޗަށް ނެރުނު ފުރަތަމަ އެގާރައިގައި އިނިއެސްޓާ ނުހިމެނެ އެވެ. އުމުރުން 34 އަަހަރުގެ އިނިއެސްޓާ ކުޅެން އެރީ ދެ ވަނަ ހާފުގަ އެވެ. ސްޕެއިނުން ޕެނަލްޓީ ކާމިޔާބުކުރި ތިން ކުޅުންތެރިންގެ ތެރޭގައި އިނިއެސްޓާ ހިމެނެ އެވެ.

"މިއީ ވަދާއީ މެޗަކަށް އެންމެ ރަނގަޅު ނަތީޖާއެއް ނޫން. އެކަމަކު ފުޓްބޯޅަ އާއި ދިރިއުޅުމުގެ ކަންތައްތައް ދާނީ މިހެން،" ރޭގެ މެޗަށް ފަހު އިނިއެސްޓާ ބުންޏެވެ. "އަހަރެމެންނަށް މި ލިބުނީ ކުރި ހުރިހާ މަސައްކަތަށް އިތުރު ހިތްވަރެއް ނުލުމުގެ ހިތި ރަހަ."

ރޭގެ މެޗަކީ އިނިއެސްޓާ ގައުމީ ޓީމަށް ކުޅެދިން 131 ވަނަ މެޗެވެ. އަދި ރޭގެ މެޗަކީ ބޮޑު މުބާރާތެއްގައި އިނިއެސްޓާ ސްޕެއިން ޖޯޒީގައި ކުޅުނު 30 ވަނަ މެޗެވެ. ގައުމީ ޓީމަށް އޭނާ ވަނީ 13 ލަނޑު ޖަހައިފަ އެވެ.

އިނިއެސްޓާ އަކީ 2008-2012 އާ ދެމެދު ސްޕެއިނުން ދުނިޔޭގެ ފުޓްބޯޅައިގައި ރަސްކަން ކުރިއިރު ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިއާ އެވެ. ސްޕެއިނުން އެ މުއްދަތުގެ ތެރޭގައި ވޯލްޑް ކަޕާއި ޔޫރޯ ފުޓްބޯޅަ މުބާރާތް ވަނީ ކާމިޔާބު ކޮށްފަ އެވެ. މި ފަހަރުގެ ވޯލްޑް ކަޕްގެ ކުރިން އިނިއެސްޓާ އަށް ވަނީ ސްޕެއިން ސަރުކާރުގެ ޝަރަފްވެރި އެވޯޑެއް ވެސް ދީފަ އެވެ.

ނެދަލެންޑްސް ކޮޅަށް 2010 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ލަނޑު ޖެހި އިނިއެސްޓާ ވަނީ އޭގެ ދެ އަހަރު ފަހުން 2012 ވަނަ އަހަރުހެ ޔޫރޯގެ ފައިނަލުގައި އިޓަލީ އަތުން ސްޕެއިން މޮޅުވިއިރު ވެސް މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެ ދެ ފައިނަލުގެ މޮޅު ކުޅުންތެރިޔަކީ ވެސް އިނިއެސްޓާ އެވެ.

އިނިއެސްޓާ ވަނީ ބާވީސް އަހަރު ބާސެލޯނާ އަށް ކުޅެދީފަ އެވެ. އޭނާ ވަނީ އެ ޓީމާ އެކު 32 މުބާރާތުގެ ތަށި އުފުލާލައިފަ އެވެ. އަދި އޭނާ އަކީ ފުޓްބޯޅަ ތާރީހުގައި ވެސް ފާހަގަކޮށްލެވޭ ފަދަ ހުނަރުވެރި މޮޅު ކުޅުންތެރިޔެކެވެ. މި ސީޒަނަށް ފަހު ބާސެލޯނާ ދޫކޮށްލި އިނިއެސްޓާ ދެން ފެންނާނީ ޖަޕާނުގެ ވިސެލް ކޯބޭ އިންނެވެ.