އިޓަލީން 1982 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރީ ނިސްބަތުން އާދައިގެ ސްކޮޑަކާ އެކު އެވެ. ގްރޫޕް ސްޓޭޖުން ކިރިޔާ ސަލާމަތްވިއިރު މަންޒަރު ބަދަލުވީ ދެ ވަނަ ބުރުގައި އޭރުގެ ގަދަ ދެ ބާރު އާޖެންޓީނާ އާއި ބްރެޒިލް އަތުން މޮޅުވި ހިސާބުންނެވެ. އެ ދެ މެޗުން އިޓަލީ މޮޅުވުމުގެ ބޮޑު ހިއްސާއެއް އޮތީ ބްރެޒިލްގެ ޒިކޯ އަދި އާޖެންޓީނާގެ ޑިއޭގޯ މަރަޑޯނާ ޓައިޓްކޮށް މާކްކޮށްގެން ކުޅުނު އިޓަލީގެ ޑިފެންޑަރު ކްލައުޑިއޭ ޖެންޓިލޭ އަށެވެ.
ޔޫރޯގެ ދެ ވަނަ ބުރުގައި ސްޕެއިނާ ދެކޮޅަށް އިޓަލީ މިރޭ ނުކުންނައިރު އެ ޓީމަކީ، 1982 ވަނަ އަހަރެކޭ އެއްގޮތަށް ފޭވަރިޓެއް ނޫނެވެ. ޖެންޓިލޭ ބުނީ މި ފަހަރު ސްޕެއިން ހުއްޓުވަން ބޭނުން ނަމަ ކުރަން ޖެހޭނެ ކަމަކީ އެ ޓީމުގެ މިޑްފީލްޑަރު އަންދްރޭ އިނިއެސްޓާ ބަނދެލުމެވެ.
"އަހަރެމެން ސްޕެއިނަށް އިހުތިރާމް ކުރަން ޖެހޭ. އެ ޓީމުގެ ގިނަ ކުޅުންތެރިންނަކީ ޔޫރަޕުގެ ޗެމްޕިއަނުން އަދި ކްލަބް ލެވެލްގައި ތަށި ހޯދާފައި ތިބި ބައެއް. ގްރޫޕް ސްޓޭޖުގައި ކްރޮއޭޝިއާ އަތުން ބަލިވި ނަމަވެސް ސްޕެއިނަކީ އަދިވެސް ގަދަބާރެއް،" ޖެންޓިލޭ ބުންޏެވެ.
ޖެންޓިލޭ ބުނީ އިޓަލީގެ ޑިފެންސް ވަރުގަދަ ކަމަށާއި ސްޕެއިނުގެ އެޓޭކް ވަރުގަދަ ކަމަށެވެ. އެކަމަކު މެދުތެރޭގެ ހުރިހާ ބާރެއް އޮތީ އިނިއެސްޓާ އަތުގައި ކަމަށް އޭނާ ބުންޏެވެ.
"އިނިއެސްޓާ އަކީ މެދުތެރޭގެ މައި އިންޖީނު. މެޗުގެ ޓެމްޕޯ ހިފަހައްޓަނީ އޭނާ. އޭނާ އެންމެ މަތީ ފެންވަރުގައި ކުޅޭތާ އަހަރުތަކެއްވެއްޖެ. ބޯޅައިގެ ކޮންޓްރޯލް ބޭނުން ނަމަ އިނިއެސްޓާ ހުއްޓުވަން ޖެހޭ. އަހަރެމެން ޒިކޯ އަދި މަރަޑޯނާގެ މައްޗަށް ކުރި ހޯދީ ވެސް އެގޮތަށް،" ލީބިއާ އަށް އުފަން ކުޅުންތެރިޔާ ބުންޏެވެ.