ބާސެލޯނާ (ޖޫން 7) - ކުޅިވަރަށް ހިދުމަތްކޮށްދޭ ފަރާތްތަކަށް ސްޕެއިން ސަރުކާރުންދޭ އެންމެ ޝަރަފްވެރި އެވޯޑް ބާސެލޯނާގެ ކުރީގެ މިޑްފީލްޑަރު އަންދްރެސް އިނިއެސްޓާ އަށް ދީފި އެވެ.

އިނިއެސްޓާ އަކީ ސްޕެއިން ސަރުކާރުންދޭ "ދަ ގްރޭންޑް ކްރޮސް އޮފް ދަ ރޯޔަލް އޯޑާ އޮފް ސްޕޯޓްސް މެރިޓް" އެވޯޑް ލިބުނު ތިން ވަނަ ފުޓްބޯޅަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން މި އެވޯޑް ލިބުނީ ބާސެލޯނާގެ ކުރީގެ މިޑްފީލްޑަރު ޒަވީ ހެނާންޑޭޒާއި ރެއާލް މެޑްރިޑްގެ ކުރީގެ ގޯލްކީޕަރު އިކާ ކަސިއަސް އަށެވެ.

އިނިއެސްޓާއާ ޝަރަފްގެ އެވޯޑް ހަވާލުކުރީ ދާދި ފަހުން ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް އެ ގައުމުގެ ޓީމާ ބައްދަލުކުރުމަށް ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިންނެވެ. ސްޕެއިން ގައުމީ ޓީމަށް 2006 ވަނަ އަހަރުން ފެށިގެން ކުޅެމުން އަންނަ އިނިއެސްޓާ ވަނީ މިހާތަނަށް އެ ޓީމަށް ކުޅެދިން 129 މެޗުން 13 ގޯލު ޖަހައިދީފަ އެވެ.

މި ފަހަރުގެ ވޯލްޑް ކަޕަކީ އުމުރުން 34 އަހަރުގެ އިނިއެސްޓާ ގައުމީ ޓީމަށް ކުޅޭ ފަހު މުބާރާތްކަމަށް އޭނާ ވަނީ މީގެ ކުރިން އިއުލާންކޮށްފަ އެވެ.

އިނިއެސްޓާ އަކީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ސްޕެއިނުން ކާމިޔާބުކުރިއިރު، ފައިނަލުގައި ނެދަލެންޑްސް ކޮޅަށް މޮޅުވި ގޯލު ޖެހި ކުޅުންތެރިޔާ އެވެ. އަދި އޭގެ ދެ އަހަރު ފަހުން 2012 ވަނަ އަހަރު ސްޕެއިނުން އިޓަލީ ބަލިކޮށް ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި ފައިނަލުގައި ވެސް އިނިއެސްޓާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެ ދެ ފައިނަލުގެ މޮޅު ކުޅުންތެރިޔަކީ ވެސް އިނިއެސްޓާ އެވެ.

އިނިއެސްޓާ ވަނީ ބާވީސް އަހަރު ބާސެލޯނާ އަށް ކުޅެދީފަ އެވެ. އޭނާ ވަނީ އެ ޓީމާ އެކު 32 މުބާރާތުގެ ތަށި އުފުލާލައިފަ އެވެ. އަދި އޭނާ އަކީ ފުޓްބޯޅަ ތާރީހުގައި ވެސް ފާހަގަކޮށްލެވޭ ފަދަ ހުނަރުވެރި މޮޅު ކުޅުންތެރިޔެކެވެ. މި ސީޒަނަށް ފަހު ބާސެލޯނާ ދޫކޮށްލި އިނިއެސްޓާ ދެން ފެންނާނީ ޖަޕާނުގެ ވިސެލް ކޯބޭ އިންނެވެ.