ހަރާރޭ (ނޮވެމްބަރު 25) - ޒިމްބާބުވޭގެ ކުރީގެ ރައީސް ރޮބަޓް މުގާބޭގެ ސިއްހީ ހާލަތު ގޯސްވެ މިހާރު ނުވެސް ހިންގެވޭ ކަމަށް އެ ގައުމުގެ ރައީސް އެމާސަން ނަންގަގްވާ ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ އުމުރުން 94 އަހަރުގެ މުގާބޭ ވޭތުވެދިޔަ ދެ މަސް ދުވަހު ފަރުވާ ހޯއްދެވުމަށް ހޭދަ ކުރައްވާފައި ވަނީ ސިންގަޕޫރުގައި ކަމަށެވެ. މުގާބޭގެ ވެރިކަމުގެ ފަހު ދުވަސް ވަރު ވެސް ވަނީ ގިނަގިނައިން މެޑިކަލް ދަތުރުތަކުގައި ސިންގަޕޫރަށް ވަޑައިގެންފަ އެވެ.
މުގާބޭގެ އުފަން ޓައުންގައި ވާހަކަ ދައްކަވަމުން ނަންގަގްވާ ވިދާޅުވީ މުގާބޭ ބަލިވެ އުޅުނު ނަމަވެސް އޭނާގެ ފަރާތުން ސަރުކާރުގައި އެދޭ ކަންކަން ކޮށްދެއްވާނެ ކަމަށެވެ. މުގާބެ އަށް ހިންގަވާ ނޫޅުއްވުނު ނަމަވެސް އަންނަ ހަފުތާގައި ގައުމަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ.
މުގާބޭގެ ބޭސް ފަރުވާގެ ޚަރަދުތައް ބަލަހައްޓަނީ ޒިމްބާބުވޭ ސަރުކާރުންނެވެ.
ނަންގަގްވާ ވެރިކަމަށް ވަޑައިގެންނެވީ މީގެ އަހަރެއްހާ ދުވަސް ކުރިން މުގާބޭ ވެރިކަމުން ދުރުކުރުމުންނެވެ. މުގާބޭގެ ވެރިކަން ނިމުމަކަށް ގެނައީ 37 އަހަރަށް ފަހު އެވެ.