ވޮޝިންޓަން (އޮކްޓޯބަރު 11) - ދެބޭފުޅުންގެ ތެރޭން ވިސްނުން ރަނގަޅަކީ ކާކުތޯ ބަލަން އައިކިޔޫ ޓެސްޓެއް ހަދައިފި ނަމަ ކުރި ހޯއްދަވާނެ ކަމަށް ވިދާޅުވެ ޚާރިޖީ ވަޒީރު ރެކްސް ޓިލަސަން އަށް ރައީސް ޑޮނަލްޑް ޓްރަމްޕް ގޮންޖައްސަވައިފި އެވެ.

އެމަނިކުފާން މިހެން ވިދާޅުވެފައި ވަނީ ޓްރަމްޕަކީ "މޮޔައެއް" ކަމަށް ޓިލަސަން ވިދާޅުވެފައިވާ ކަމަށް ބުނާ ރިޕޯޓްތަކާ ގުޅޭ ގޮތުން މަޖައްލާއަކަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

"އަޅުގަނޑަށް ހީވަނީ އެއީ ފޭކް ޚަބަރެއްހެން. އެކަމަކު ޓިލަސަން އެހެން ވިދާޅުވި ކަމަށް ވަންޏާ ދެން ޖެހޭނީ ދެ މީހުންގެ އައިކިޔޫ ޓެސްޓް އަޅާކިޔަން. އަޅުގަނޑަށް ބުނެވިދާނެ ކާކުކަން ކުރިހޯދާނީ،" ފޯބްސް އަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް މިހެން ވިދާޅުވި އިރު ދެބޭފުޅުންގެ ޚިޔާލު ތަފާތުވުން ބޮޑުވެފައިކަމަށް ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް ޓްރަމްޕާއި ޓިލަސަން އިއްޔެ މެންދުރު ފަރިއްކުޅުވީ އެކުގަ އެވެ. ޓްރަމްޕް ވިދާޅުވެފައި ވަނީ ޓިލަސަންއާ މެދު އިތުބާރު އެބައޮތް ކަމަށެވެ.

ޓްރަމްޕާ ޚިޔާލު ތަފާތުވެ އިސްތިއުފާ ދެއްވަން އުޅޭކަމުގެ ޚަބަރުތައް ފެތުރުމާ ގުޅިގެން ޓިލަސަން ވަނީ އެކަން ދޮގު ކުރައްވައިފަ އެވެ. ނަމަވެސް ޖުލައި މަހު ޕެންޓަގަންގައި ބޭއްވި ބައްދަލުވުމަކަށް ފަހު ޓްރަމްޕަކީ މޮޔައެއް ކަމަށް ވިދާޅުވި ކަމަށް ބުނާ ވާހަކަތައް ޓިލަސަން ދޮގު ކުރައްވައިފައެއް ނުވެ އެވެ.

ނޯތު ކޮރެއާ މަޝްވަރާކޮށްގެން ހައްލެއް ހޯދަން ޓިލަސަން މަސައްކަތް ކުރައްވާތީ އެއީ ވަގުތު ބޭކާރު ކުރުމެއް ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

ޓްރަމްޕުގެ އައިކިޔޫ ޗެލެންޖާ ބެހޭ ގޮތުން ސުވާލު ކުރުމުން ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ސާރާ ހަކަބީ ސެންޑާސް ވިދާޅުވީ އެއީ "ޖޯކެއް" ކަމަށެވެ.