ވޮޝިންޓަން (އޮކްޓޯބަރު 5) - ރައީސް ޑޮނަލްޑް ޓްރަމްޕާއި މައްސަލަ ޖެހި އިސްތިއުފާ ދެއްވަން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލަސަން ދޮގު ކުރައްވައިފި އެވެ.
ބައެއް މީޑިއާތަކުން ބުނި ގޮތުގައި ޓްރަމްޕަކީ "މޮޔައެއް" ކަމަށް ޓިލަސަން ވަނީ ވިދާޅުވެފަ އެވެ. އެކަމަކު ޓިލަސަން ވަނީ އެ ބާވަތުގެ ކޫސަނި ވާހަކަތަކަށް އަޅާ ނުލައްވާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ޓްރަމްޕަކީ މޮޔައެއް ކަމަށް ވިދާޅުވި ވާހަކަ ދޮގު ކުރައްވައިފައެއް ނުވެ އެވެ.
"ރައީސް ޓްރަމްޕުގެ ޚާރިޖީ ސިޔާސަތު ކާމިޔާބު ކުރުމަށް މަގާމާ ހަވާލުވި ދުވަހު ވެސް ހުރި އަޒުމުގައި އަޅުގަނޑު އަދިވެސް މިހުރީ،" އިސްތިއުފާ ދޭން ވިސްނެވި ކަމަށް އެންބީސީން ރިޕޯޓް ކުރުމާ ގުޅިގެން ޓިލަސަން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި އެވެ.
ރައީސް ޓްރަމްޕާއި ދެމެދު އޮތް ނުތަނަވަސްކަން ކުޑަ ކުރުމަށް ފަހު ޚާރިޖީ ވަޒީރު ކަމުގައި ހުންނެވުމަށް ނައިބް ރައީސް މައިކް ޕެންސް ބާރު އެޅުއްވި ކަމަށް އެންބީސީ އިން ބުނި ވާހަކަތައް ވެސް ޓިލަސަން ވަނީ ދޮގު ކުރައްވައިފަ އެވެ.
"އަޅުގަނޑު މަގާމުގައި ހުރުމަށް ނައިބް ރައީސް ބާރު އަޅުއްވަން ޖެހޭނެ އެއްވެސް ހާލަތެއް ނާދޭ. ސަބަބަކީ އިސްތިއުފާ ދޭން އެއްވެސް އިރެއްގައި އަޅުގަނޑު ވިސްނާފައި ނުވާތީ،" ޓިލަސަން ވިދާޅުވި އެވެ.
ޓިލަސަންގެ ނިއުސް ކޮންފަރެންސްގެ ކުރިން ޓްރަމްޕް ވަނީ ޓްވީޓް މެދުވެރިކުރައްވާ އެންބީސީ އަށް ބަހުގެ ހަމަލާތައް ދެއްވައިފަ އެވެ. އެންބީސީ އަކީ ފޭކްނިއުސްއެއް ކަމަށް ވިދާޅުވެ އެއީ ސީއެންއެން އަށް ވުރެ ބޭވަފާތެރި ބައެއް ކަމަށް ވިދާޅުވި އެވެ.
ލަސް ވެގަސްގައި ބަޑި ޖެހި ހާދިސާގައި ގެއްލުން ލިބުނު މީހުންނަށް ޒިޔާރަތް ކުރެއްވުމަށް ފަހު ޓްރަމްޕް ވަނީ ރެކްސް ޓިލަސަން އަށް ފުރިހަމަ އިތުބާރު އޮތް ކަމަށް ވިދާޅުވެފަ އެވެ.
ޓްރަމްޕަކީ މޮޔައެއް ކަމަށް ޓިލަސަން ވިދާޅުވި ކަމަށް ބުނާ ވާހަކަ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާން ވަނީ ދޮގު ކުރައްވައިފަ އެވެ. އަދި ޓިލަސަން އަކީ ރައީސް އަށް އެފަދަ އިބާރާތެއް ބޭނުން ކުރައްވާނެ ބޭފުޅެއް ނޫން ކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ.
ނޯތު ކޮރެއާއާ އެކު މުވާސަލާތީ ގުޅުމެއް ގާއިމްކޮށްފައިވާ ކަމަށް ޓިލަސަން ދާދި ފަހުން ވިދާޅުވުމާ ގުޅިގެން ޓްރަމްޕް ވަނީ ޚާރިޖީ ވަޒީރުގެ ވަގުތު ބޭކާރު ނުކުރެއްވުމަށް އެދިވަޑައިގެންފަ އެވެ. ޓްރަމްޕުގެ އެ ޓްވީޓަށް ފަހު ބައެއް ފަރާތްތަކުން ވަނީ ޓްރަމްޕާއި ޓިލަސަންގެ މެދުގައި މައްސަލަ ޖެހިފައިވާ ކަމަށް ބުނަން ފަށައިފަ އެވެ.