ތެލާއި ގޭހާއި ކާޑުގެ ބާވަތްތަކާއި ބޭހާއި ހިލަ އާއި ހިލަވެއްޔާއި ސިމެންތީގެ ވިޔަފާރި އެންމެ ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަނީ މި ކުންފުނިންނެވެ. އޭގެ އިތުރުން އިލެކްޓްރޯނިކް ސާމާނާއި ކާބޯތަކެތި ހޯސޭލްކޮށް އަދި ރީޓެއިލްކޮށް ކުރުމަށް މާލޭގެ އިތުރުން މުޅި ރާއްޖެއަށް ވަނީ ފަތުރާލައިފަ އެވެ. މި ކުންފުނީގެ ވިޔަފާރީގެ ލިސްޓް ވަރަށް ދިގެވެ. އެކަމަކު އެސްޓީއޯގެ ވިޔަފާރީގެ ފައިދާ އެތައް ތަނަކުން ދަށްވެ، ދެން މިވާ ގޮތަކާ މެދު މި އޮތީ ސުވާލު އުފައްދަން ޖެހިފަ އެވެ.

އެސްޓީއޯގެ ވިޔަފާރި ކިތަންމެ ފުޅާވެ، ވަރުގަދަ ކަމަށް ދެއްކިއަސް އެ ކުންފުންޏަށް ފަހަކަށް އައިސް ފެންނަ ބަދަލުތަކުން ކުންފުނީގެ ހިއްސާދާރުންނާއި އާއްމުން ތިބީ ހައިރާންވެފަ އެވެ. އެހާ ބިޔަ ކުންފުންޏަކުން ކުރަމުން އަންނަ ވިޔަފާރިން ލިބޭ ފައިދާ އަހަރުން އަހަރަށް ދަށްވަމުން ދާތީ އެވެ. ވޭތުވެދިޔަ ދެ އަހަރު ވެސް އެ ހާލަތެވެ. ހިއްސާދާރުންނަށް މާޔޫސްކަމެވެ.

އެސްޓީއޯގެ ހިސާބުތައް ދައްކާ ގޮތުން 2015 ވަނަ އަހަރު ނިމުނުއިރު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބުނީ 386.4 މިލިއަން ރުފިޔާ އެވެ. ނަމަވެސް 2016 ވަނަ އަހަރު އެ ކުންފުނީގެ ސާފު ފައިދާ ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.

ބޮޑު ތަނުން ފައިދާ ދަށަށް

އެސްޓީއޯގެ ހިސާބުތައް ދައްކާ ގޮތުން 2016 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބުނީ 112 މިލިއަން ރުފިޔާ އެވެ. ނަމަވެސް ޖެހިގެން އައި ކުއާޓަރުގައި 79.9 މިލިއަން ރުފިޔާއަށް ސާފު ފައިދާ ދަށްވިއިރު ތިން ވަނަ ކުއާޓަރުގެ ފައިދާ އަކީ 56.4 މިލިއަން ރުފިޔާ އެވެ. އަދި އެންމެ ފަހު ކުއާޓަރުގައި ލިބުނީ 53.1 މިލިއަން ރުފިޔާ އެވެ. އެއާ އެކު ޖުމްލަ ސާފު ފައިދާގެ މިންވަރު ވަނީ 301.4 މިލިއަން ރުފިޔާއަށް ދަށްވެފަ އެވެ. މިއީ 2015 ވަނަ އަހަރާ އަޅާބަލާއިރު 85 މިލިއަން ރުފިޔާ ދަށް އަދަދެކެވެ.

އެސްޓީއޯގެ ފައިދާ އެހާ ބޮޑަށް ދަށަށް ދިޔަ ސަބަބެއް މުޅިން ސާފެއް ނޫނެވެ. ނަމަވެސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ކުންފުނިން 6.2 ބިލިއަން ރުފިޔާގެ ވިޔަފާރިކުރިއިރު ހިންގުމުގެ ހަރަދާއި މާކެޓިންއަށް ވަރަށް ބޮޑު ހަރަދެއް ކޮށްފައިވާކަން ފާހަގަކުރެވެ އެވެ.

އެ ހިސާބުތައް ދައްކާ ގޮތުން ހިންގުމަށް މިދިޔަ އަހަރު 545.8 މިލިއަން ރުފިޔާ ހަރަދުކުރިއިރު މާކެޓިން އަދި ތަކެތި ވިއްކުމަށް 139.7 މިލިއަން ރުފިޔާ ހޭދަކުރި އެވެ.

އެސްޓީއޯއިން ފައިދާ ނުލިބޭ ބޭކާރު ހަރަދުތަކެއް

އެސްޓީއޯގެ މާލީ ހާލަތު ދަށްވުމުގައި ވަރަށް ގިނަ ސަބަބުތަކެއް އެބަ ހުއްޓެވެ. އެގޮތުން ރާއްޖޭގެ ކޮންމެ ރަށެއްގައި ބޭސް ފިހާރަ ހުޅުވުމާއި ކުރިން އެސްޓީއޯއިން ސީދާ ތެޔޮ ވިއްކަމުން ގެންދިޔަ ތަންތަނަށް އަމިއްލަ ފަރާތްތައް މެދުވެރިކޮށް ތެޔޮ ވިއްކުމަކީ ވެސް ފައިދާ ދަށްވި ސަބަބެއް ކަމަށް ބެލެވެން އެބަ އޮތެވެ. އެކަން އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރަކު ވެސް ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެސްޓީއޯ އިން މިދިޔަ ދެ އަހަރުގެ ތެރޭގައި އިންވެސްޓްކުރީ ބޮޑު ފައިދާއެއް ލިބޭ ކަހަލަ އިންވެސްޓްމަންޓްތަކަކަށް ނޫނެވެ. އޭގެ މިސާލެއްގެ ގޮތުގައި އޭނާ ދެއްކެވީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ހުޅުވި ބޭސް ފިހާރަތަކެވެ.

"އެސްޓީއޯގެ މާލީ ހާލަތު މިދިޔަ ދެ އަހަރު ދަށްވި މައިގަނޑު ސަބަބަކީ ސިޔާސީ ބޭނުންތަކަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރުމުން. ރާއްޖޭގައި 500 މީހުން ނޫޅޭ ރަށްރަށުގައި ވެސް އެހެރީ ފާމަސީ ހުޅުވާފައި. އެތަންތަނުގައި ފާމަސީ ހުޅުވާފައި އެސްޓީއޯގެ ސްޓޭންޑަޑުން އަށް ގަޑިއިރުގެ ޝިފްޓަކަށް މުވައްޒަފުން ހަމަޖައްސައި މުސާރަ އާއި އެލަވަންސް ދޭން ޖެހޭނެ،" އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި ބޭފުޅަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮންމެ ރަށެއްގައި އެސްޓީއޯގެ ފާމަސީއެއް ހުޅުވުމަށް ވުރެ އަމިއްލަ ފަރާތްތަކަށް ކްރެޑިޓަށް ބޭސް ދޫކޮށްގެން އެކަންކުރާ ނަމަ ކުންފުނީގެ ހަރަދު އެތައް ގުނައެއް ކުޑަވާނެ ކަމަށެވެ.

"މިހާރު އެސްޓީއޯއިން އަމިއްލައަށް އެކަން ކުރަން ޖެހުމުން ހިންގުމުގެ ހަރަދު ބޮޑުވެގެން ދާނެ. އެތަންތަނުން ގިނަ ދުވަހު 100 ރުފިޔާގެ ސޭލްސް ވެސް ނުހެދޭނެ. އޭގެ ގިނަ ތަންތަނުން ވާނީ ގެއްލުން،" އޭނާ ވިދާޅުވި އެވެ.

އެސްޓީއޯގެ ފައިދާ ދަށަށް ދާ ދެވަނަ ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ އެސްޓީއޯ އިން ކުރިން ސީދާ ތެޔޮ ސަޕްލައިކުރަމުން ދިޔަ ރިސޯޓްތަކާއި ބައެއް ކުންފުނިތައް އަމިއްލަ ބައެއް ފަރާތްތަކަށް ދޫކޮށްލުމެވެ. އެގޮތަށް ހަމަޖެއްސުމުން ރީޓެއިލްކޮށް ތެޔޮ ވިއްކުމުން އެސްޓީއޯއަށް ލިބެން ޖެހޭ އާމްދަނީގެ ބޮޑު ބައެއް ގެއްލިދާކަން އޭނާ ފާހަގަކުރެއްވި އެވެ.

އެސްޓީއޯގެ ކާޑު ގުދަނަކުން މީހަކު ބަސްތާތަކެއް ގާޑިޔަލަކަށް އަރުވައިގެން ގެންދަނީ.
އެސްޓީއޯގެ ކާޑު ގުދަނަކުން މީހަކު ބަސްތާތަކެއް ގާޑިޔަލަކަށް އަރުވައިގެން ގެންދަނީ.

"ތެލަކީ އެ ކުންފުނީގެ އާމްދަނީގެ ވަރަށް ބޮޑު ބައެއް ހިއްސާކުރާ ބާވަތެއް. ނަމަވެސް ފަހަކަށް އައިސް އަޅުގަނޑަށް ފާހަގަކުރެވުނީ ތެޔޮ ޑައިރެކްޓްކޮށް ވިއްކުން ހުއްޓާލައި އަމިއްލަ ފަރާތްތަކަށް ކްރެޑިޓަށް ދޭކަން. އެގޮތަށް ހެދުމުން އެސްޓީއޯއަށް ލިބޭ މާޖިން ކުޑަވާނެ،" އޭނާ ވިދާޅުވި އެވެ.

އެސްޓީގެ ފައިދާ ދަށްވާއިރު މުވައްޒަފުން ދަނީ އިތުރުކުރަމުންނެވެ. އޭގެ ހިސާބުތަކެއް ފެންނަން ނެތް ނަމަވެސް ރަށްރަށުގައި ހިންގާ އެސްޓީއޯގެ ފިހާރަތަކާއި ބޭސް ފިހާރަތަކަށް ސިޔާސީ ބޭނުމަށް ގިނަ އަދަދެއްގެ މުވައްޒަފުން ނަގާފައިވެ އެވެ. އޭގެ ސަބަބުން ވެސް ކުންފުނީގެ ހިންގުމުގެ ހަރަދުތައް ބޮޑުވެގެންދާނެ ކަމަށް އެ ކުންފުނީގެ އިސް މަގާމުތައް އަދާކުރެއްވި ބައެއް ބޭފުޅުން ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެބަ ފެނޭ އެސްޓީއޯގެ ވަކި މީޑިއާތަކެއް ބޭނުންކޮށްގެން ތާކުންތާކު ނުޖެހޭ ބޮޑެތި ހަރަދުތަކެއް ކުރަމުންދާ ތަން. އެސްޓީއޯއިން އަހަރަކު 100 މިލިއަން ރުފިޔާ މާކެޓިންއަށް ހަރަދުކުރާ ނަމަ އަހަރު ނިމޭއިރު މާލީ ހިސާބުތަކުން ފެންނަން ޖެހޭނެ. ނަމަވެސް މިހާރު އެކަން އެކުރަނީ ވަކި ބަޔަކަށް ފައިދާ ހޯދައިދޭން،" އެސްޓީއޯގައި އިސް މަގާމުތަކެއް އަދާކުރެއްވި ބޭފުޅަކު ވިދާޅުވި އެވެ.

އެސްޓީއޯގެ މިސްރާބެއް ނެތް

ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ކުންފުނިން މިހާތަނަށް ކުރި އެންމެ ބޭކާރު ހަރަދަކީ ހުޅުމާލޭގައި އަޅާ ފަސް ތަރީގެ ބިޔަ ހޮޓަލެވެ. އެ ހޮޓަލުގެ މަސައްކަތް ނިންމައި ހުޅުވަން ބުނި ތާރީހުތައް ފަހަނައަޅައިދިޔަ އިރު ވެސް އެތަނެއް ނުހުޅުވެ އެވެ. އަދި އެތަނުގެ މަސައްކަތް ނިމޭނެ ދުވަހެއް ވެސް ނޭނގެ އެވެ. މިދިޔަ އަހަރު އެތަން ވިއްކާލަން އުޅުނު ނަމަވެސް އޭގެ އެއްވެސް ކަމެއް ކުރިޔަކަށް ނުދެ އެވެ.

"އެސްޓީއޯގެ މިހާރުގެ މެނޭޖްމަންޓުން ބޭނުންވަނީ ޓޫރިޒަމް ވިޔަފާރިއަށް ކޮށްފައިވާ އިންވެސްޓްމަންޓްތައް ދޫކޮށްލަން. އެކަމަކު އިންވެސްޓްމަންޓްތައް ކުރިޔަށް ގެންގޮސްފި ނަމަ ކުންފުންޏަށް ދިމާވެފައިވާ ބޭރު ފައިސާ ނުލިބުމުގެ މައްސަލައަށް ހައްލެއް އަންނާނެ. އޭގެ އިތުރުން ބޮޑު ފައިދާއެއް ލިބޭނެ،" އެއް ބޭފުޅަކު ވިދާޅުވި އެވެ.

އެސްޓީއޯ އިން އެތެރެ ކުރާ ތެޔޮ ރައްކާކުރާ ފުނަދޫ ބަނދަރު ސަރަހައްދު. --ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު/މިހާރު
އެސްޓީއޯ އިން އެތެރެ ކުރާ ތެޔޮ ރައްކާކުރާ ފުނަދޫ ބަނދަރު ސަރަހައްދު. --ފޮޓޯ: އަހްމަދު އަބްދުﷲ ސައީދު/މިހާރު

ޓޫރިޒަމް ވިޔަފާރީގެ އިތުރުން ދެން އޭނާ ފާހަގަކުރެއްވީ އެސްޓީއޯ އިން ތެލުގެ ވިޔަފާރި ފުޅާކުރުމަށް ކުރަމުން އަންނަ ބޭކާރު ހަރަދެވެ.

"އެސްޓީއޯ އިން ފުނަދުއަށް 20 މިލިއަން ޑޮލަރު އިންވެސްޓްކުރުމުގެ ބަދަލުގައި ތިލަފުށީގައި ސްޓޯރޭޖް އިތުރުކުރަން އުޅޭ ނަމަ ހަރަދުގެ ގޮތުން ވެސް އެތައް ގުނައެއް ކުޑަވެގެންދާނެ. ފުނަދުއަކީ ވަރަށް ލިމިޓެޑް ޖާގައެއް އޮތް ތަނެއް. ކޮންމެ ގޮތެއް ވިޔަސް އެސްޓީއޯއަށް ފައިދާ ބޮޑުވާނީ ޖާގަ ބޮޑުކުރެވެން ހުރި ތަނެއްގައި ސްޓޯރޭޖް ހެދުމުން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތެލުގެ ވިޔަފާރި ފުޅާކުރާއިރު ތެލުން ލިބޭ ފައިދާ ބޮޑުކުރަން ބޭނުން ނަމަ އަމިއްލަ ފަރާތްތައް މެދުވެރިކޮށް ރިސޯޓްތަކަށް ސަޕްލައިކުރުން ހުއްޓާލަން ޖެހޭ ކަމަށެވެ.

"އެސްޓީއޯއިން ކުރިން ވެސް ސަޕްލައިކުރަމުން ދިޔަ ތަންތަނަށް އަމިއްލައަށް ސަޕްލައިކުރާ ނަމަ އޭގެ ބޮޑު ފައިދާއެއް އެސްޓީއޯއަށް ލިބޭނެ. އަދިވެސް އެ މާކެޓް ހޯދޭނެ. އެކަމަކު ސިޔާސީ ބޭނުމަށް ވަކި ބަޔަކު މުއްސަނދިކޮށްދޭން އުޅެންޏާ އެ ފައިދާއެއް އެސްޓީއޯއަކަށް ނުލިބޭނެ،" އޭނާ ވިދާޅުވި އެވެ.

ކުންފުންޏަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް އާންމު ހިއްސާދާރުންގެ ހައްގު ހިމާޔަތްކުރަން މިހާރަށް ވުރެ ބޮޑު މަސައްކަތެއް ކުރަން ޖެހެ އެވެ.