އެސްޓީއޯއަށް މިދިޔަ ކުއާޓަރުގައި ލިބުނު ފައިދާ 45 މިލިއަން ރުފިޔާއަށް ދަށްވެއްޖެ އެވެ.
ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ކުންފުނިން މިއަދު އާއްމުކުރި މިއަހަރުގެ ތިންވަނަ ކުއާޓަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 1.6 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބުނެވެ. ނަމަވެސް އެއީ މިއަހަރުގެ ދެވަނަ ކުއާޓަރަށް ވުރެ 272 މިލިއަން ރުފިޔާ ދަށް އަދަދެކެވެ.
އެ ކުންފުންޏަށް މިދިޔަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބުނު މިންވަރު ވަނީ އޭގެ ކުރީ ކުއާޓަރަށްވުރެ 9.3 މިލިއަން ރުފިޔާ ދަށްވެފަ އެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ އެސްޓީއޯއަށް ތިން ވަނަ ކުއާޓަރުގައި ވިޔަފާރިކުރުމަށް 1.4 ބިލިއަން ރުފިޔާ ހަރަދުކުރުމުން ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައި ވަނީ 226.5 މިލިއަން ރުފިޔާ އެވެ. އޭގެ އިތުރުން އެ ކުންފުނިން ވިއްކުމަށާއި މާކެޓިންއަށް ކުރި ހަރަދު ވަނީ 43 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. އެކަމަކު ކުންފުނީގެ ހިންގުމުގެ ހަރަދު ވަނީ 130.4 މިލިއަން ރުފިޔާއަށް ކުޑަކޮށްފައިވާ ކަމަށް އެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
ތެލާއި ގޭހާއި ކާޑުގެ ބާވަތްތަކާއި ބޭސް އަދި ކޮންސްޓްރަކްޝަން ސާމާނާއި ކާބޯތަކެތީގެ ވިޔަފާރި އެންމެ ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ކުންފުންޏަށް މިދިޔަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައި ވަނީ 62 މިލިއަން ރުފިޔާ އެވެ.
އެސްޓީއޯއަށް މިދިޔަ ކުއާޓަރުގައި ލިބުނު ފައިދާއިން ހިއްސާއަކަށް ފައިދާގެ ގޮތުގައި ޖެހިފައި ވަނީ 40.2ރ. އެވެ.