"އެސްޓީއޯ އަހަރީ ސޭލް" ގެ ނަމުގައި އެއް ދުވަހުގެ ބޮޑު ސޭލެއް މާދަމާ އޮންނާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެސްޓީއޯ އިން ބުނީ މި ސޭލަކީ އެ ކުންފުނީގެ 57 ވަނަ އަހަރީ ދުވަހާ ގުޅިގެން ބާއްވާ ސޭލެއް ކަމަށެވެ. މި ސޭލްގައި ގިނަ ބާވަތްތަކުން ބޮޑެތި ޑިސްކައުންޓްތަކެއް ކަސްޓަމަރުންނަށް ލިބޭނެ އެވެ.

ސޭލް ކުރިޔައްދާނީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް، އެސްޓީއޯ ސުޕަމާޓް އަދި އެސްޓީއޯ ރީޖަނަލް ފިހާރަތަކުގަ އެވެ.

މި ސޭލްގައި އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން 15 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ. އެ ފިހާރައިން ވިއްކާ މުދަލުގެ ތެރެއިން އޭސީ ނޫން އެހެން ހުރިހާ އެއްޗަކުން ޑިސްކައުންޓް ލިބޭނެ އެވެ.

ސުޕަމާޓު ފިހާރައިން ފަސް ޕަސެންޓްގެ ޑިސްކައުންޓް، އެސްޓީއޯ ރީޖަނަލް ފިހާރަތަކާއި ހޯމް އިމްޕްރޫވްމަންޓްގެ މުދަލުން 10 ޕަަސެންޓް ޑިސްކައުންޓް ލިބޭނެ އެވެ.

އެއް ދުވަހުގެ މި ސޭލްގައި ބައިވެރިވާ މީހުންގެ ތެރެއިން ގްރޭންޑް ލަކީޑްރޯގެ ނަސީބުވެރި އެއް ފަރާތަކަށް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން 20،000ރ. ގެ ވައުޗާއެއް ލިބޭނެ އެވެ.

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ކޮންމެ 57 ވަނަ ކަސްޓަމަރަކަށް ހާއްސަ އިނާމެއްގެ ގޮތުގައި 32 އިންޗީގެ ޓީވީއެއް ލިބޭނެ އެވެ. އެސްޓީއޯ ސުޕަމާޓުން ވިޔަފާރި ކުރާ ކޮންމެ 57 ވަނަ ކަސްޓަމަރެއްގެ ބިލް މުޅިން ހިލޭވާނެ އެވެ.