ބޮޑެތި އިނާމުތަކަކާއި ހިލޭ ލިބޭ ތަފާތު ގިނަ ހިދުމަތްތަކަކާ އެކު ދިރާގުގެ ރޯދަ ހަދިޔާ މިއަދު އިއުލާން ކޮށްފި އެވެ.

ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް ދިރާގުން ކުރި އަށް ގެންދާ މި ޕްރޮމޯޝަންގައި މި އަހަރު ވެސް އެންމެ ފާހަގަކޮށްލެވެނީ "ދިރާގު ރޯދަ ބޮޑު ހަދިޔާ" އެވެ. މީގެ އިތުރުން ވެސް، ހިލޭ ޑޭޓާ ލިބުމާއި ހިލޭ ފޯނު ކުރެވުމާއި ދީނީ އަޅުކަންކަމާ ގުޅިފައިވާ ބައެއް ޕްރޮމޯޝަންތައް ވެސް ރޯދަ ހަދިޔާގައި ހިމަނާފައިވެ އެވެ.

ފަންސާސް ހާހުގެ އަގުހުރި ބޮޑު ހަދިޔާ

ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އިމްޖާދު ޖަލީލު ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި އިއްޔެ އިން ފެށިގެން މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ދިރާގުގެ މޮބައިލް، ފިކްސްޑް ލައިން އަދި އިންޓަނެޓް ބޭނުން ކުރާ މީހުންނަށް އޮޓަމެޓިކުން ބައިވެރިވެވޭނެ އެވެ. ކޮންމެ ހުކުރު ދުވަހަކު ނަގާ ގުރުއަތުން ހޮވޭ ފަރާތަކަށް 50،000 ރުފިޔާ އަށް ވުރެ އަގުހުރި ތަކެތި ރީފްސައިޑުން ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ބޮޑު ހަދިޔާގައި ހިމެނެނީ:

- އެލްޖީ ބްރޭންޑުގެ 4ކޭ އަލްޓްރާ އެޗްޑީ ޓީވީއެއް

- 8ކީ އަލްޓްރާ ޑްރައިވް ދޮންނަމެޝިނެއް

- ސްމާޓް ކަނެޓް ފްރޮސްޓް ފްރީ ފްރިޖެއް

- ވަޔަލެސް ސްޕީކަރެއް

- އެލްޖީ ބްރޭންޑުގެ ތަފާތު އެއްޗެހި އެކުލެވޭ ގިފްޓް ހެމްޕަރެއް

ހިލޭ ޑޭޓާ

ދިރާގުގެ މޮބައިލް އަދި ފިކްސްޑް އިންޓަނެޓް ބޭނުން ކުރާ ފަރާތްތަކަށް މިއީ ބޮޑު އުފަލެއް ގެނެސް ދޭނެ މަހެކެވެ. މިހާރު ބޭނުން ކުރާ ޑޭޓާ ޕެކޭޖުގެ 50 ޕަސެންޓަށް ވާ މިންވަރާ އެއްވަރުގެ ޑޭޓާ އެލަވެންސް އިއްޔެ ވަނީ އެ ކަސްޓަމަރުންނަށް ދީފަ އެވެ. ޕްރިޕެއިޑް ޑޭޓާ ޕެކޭޖުތަކަށް ހިލޭ ލިބޭ އެލަވެންސުގެ ފައިދާ ކުރާނެ އެވެ.

"މި މަހުގެ ތެރޭގައި އަލަށް ޑޭޓާ ނަންގަވާ ފަރާތްތަކަށް ވެސް މި އެލަވެންސް ލިބިވަޑައިގަންނަވާނެ،" ދިރާގުގެ މައި އޮފީހުގައި ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިމްޖާދު ވިދާޅުވި އެވެ.

ދިރާގު ރޯދަ ހަދިޔާއާ ބެހޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ޕްރެސް ކޮންފަރެންސް. މި ޕްރެސް ކޮންފަރެންސްގައި ދިރާގު "ބޮޑު ހަދިޔާ"ގެ ފުރަތަމަ ނަސީބިވެރިޔާ ހޮވާފައި -- ފޮޓޯ: މަރިިޔަމް ސާލިޔާ /މިހާރު
ދިރާގު ރޯދަ ހަދިޔާއާ ބެހޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ޕްރެސް ކޮންފަރެންސް. މި ޕްރެސް ކޮންފަރެންސްގައި ދިރާގު "ބޮޑު ހަދިޔާ"ގެ ފުރަތަމަ ނަސީބިވެރިޔާ ހޮވާފައި -- ފޮޓޯ: މަރިިޔަމް ސާލިޔާ /މިހާރު

ހުކުރު ދުވަސް ހިލޭ، ސައޫދީ އަށް ހެޔޮ އަގެއް

މިދިޔަ އަހަރެކޭ އެއްގޮތަށް މި ފަހަރު ވެސް ކޮންމެ ހުކުރު ދުވަހަކު ދިރާގު ނަންބަރުތަކަށް ހިލޭ ގުޅޭނެ އެވެ. އަންނަ ހޯމަ ދުވަހުން ފެށިގެން ޖުލައި އަށް ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ބައިވެރިވުމަށް "FF" ޖެހުމަށް ފަހު 343 އަށް މެސެޖެއް ކޮށްލުމުން އެ ނިމުނީ އެވެ. އެކަމަކު، ޕްރިޕެއިޑް ގެންގުޅޭ ފަރާތްތަކަށް މި ޕްރޮމޯޝަންގެ ފައިދާ ލިބޭނީ ހަފުތާގެ ތެރޭގައި މަދުވެެން 50ރ. ބޭނުން ކުރުމުންނެވެ.

މީގެ އިތުރުން، މި ރޯދަ މަހު ސައޫދީ އަށް ގުޅުމަށް އެންމެ ހެޔޮ އަގު ލިބޭނެ ކަމުގެ ޔަގީންކަން ދިރާގުން އެ ކުންފުނީގެ ކަސްޓަމަރުންނަށް ދެ އެވެ. އިމްޖާދު ވިދާޅުވި ގޮތުގައި ފަސް މިނިޓަށް ވުރެ ދިގު ކޯލެއް ނަމަ މި ރޯދަ މަހު ޗާޖު ކުރާނީ ކޮންމެ ފަސް މިނިޓަކަށް 1.89 ލާރީގެ މަގުންނެވެ. އަންނަ ހޯމަ ދުވަހުން ޖުލައި 9 އަށް ކުރި އަށް ގެންދާ މި ޕްރޮމޯޝަންގައި ހިމަނާފައިވާ ޑިސްކައުންޓް ލިބޭނީ ބޭރު ގައުމުތަކަށް ގުޅަން އާއްމުކޮށް ޖަހާ "00"ގެ ބަދަލުގައި "091" ޖެހުމަށް ފަހު ސައޫދީގެ ކޯޑު ކަމަށްވާ "966"އާ އެކު ފޯނު ނަމްބަރު ޖެހުމުންނެވެ.

ރޯދަ ވީއްލުމަކާ އެކު އެހީއެއް

ދިރާގުގެ ހިދުމަތް ބޭނުން ކުރާ އެންމެންނަށް ބައިވެރިވޭ ގޮތަށް ކުރިއަށް ގެންދާ އަނެއް ޕްރޮމޯޝަނުގައި ހަފުތާއަކު ފަސް މީހަކަށް އެޗްއައިއެޗުން ރޯދަ ވީއްލުން ލިބެ އެވެ. "Iftar" ޖެހުމަށް ފަހު 500 އަށް އެސްއެމްއެސް ކުރުމުން ބައިވެރިވޭ މި ޕްރޮމޯޝަންގެ ގުރުއަތު ނެގުން ކޮންމެ ހަފުތާއެއްގެ ބުދަ ދުވަހު އޮންނާނެ އެވެ.

"... އެސްއެމްއެސް އިން ލިބޭ ހުރިހާ ފައިސާއެއް ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީ އަށް ބޭނުންވާ މީހުންގެ މަރުކަޒަށް ހަދިޔާ ކުރެވޭނެ،" ފޮނުވާ ކޮންމެ މެސެޖަކަށް ރުފިޔާއެއް ނަގާ ޕްރޮމޯޝަނާ ބެހޭ ގޮތުން އިމްޖާދު ވިދާޅުވި އެވެ.

އަޅުކަންތަަކަށް ފަސޭހަ މަގެއް

އަގުހުރި އިނާމުތަކެއްގެ އިތުރަށް ދިރާގުން ވަނީ މި އަހަރު ވެސް އަޅުކަންތައް އަދާ ކުރަން ފަސޭހަ ކޮށްދިނުމަށް ވެސް ހިދުމަތްތަކެއް ދޭން ނިންމާފަ އެވެ. އެ ގޮތުން، ޕްރިޕެއިޑް ގެންގުޅޭ ފަރާތްތަކަށް އެސްއެމްއެސް މެދުވެރިކޮށް ޒަކާތް ދެއްކޭނެ މަގު ދިރާގުން ފަހި ކޮށްދޭނެ އެވެ. މި ހިދުމަތް ހޯދުމަށް ގުޅަން ޖެހެނީ *123*8# އަށެވެ.

މީގެ އިތުރުން، ނަމާދު ވަގުތު ހަނދާން ކޮށްދޭ ހިދުމަތް މި އަހަރު ވެސް ދިރާގުން ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ. ކޮންމެ ނަމާދު ވަގުތެއްގެ 15 މިނިޓު ކުރިން އެސްއެމްއެސްއަކުން އެކަން އަންގައިދޭ މި ހިދުމަތް ލިބޭނީ *123*2*9*2# އަށް ގުޅާ ސަބްސްކްރައިބް ކުރުމުންނެވެ.

"މިއީ ކޮންމެ ކަސްޓަމަރަކަށް ވެސް ޖުލައި މަހުގެ 12 ވަނަ ދުވަހާ ހަމައަށް ހިލޭ ލިބިވަޑައިގަންނަވާ ހިދުމަތެއް،" އިމްޖާދު ނޫސްވެރިންނަށް ވިދާޅުވި އެވެ.

ރޯދަ މަސް ފެށެން ކުޑަތަން ވަމުން އަންނައިރު، ދިރާގުން މި ވަނީ ރޯދަ ހަދިޔާގެ ފައިދާ މިހާރުއްސުރެ ވެސް ލިބޭނެ ގޮތް ހަދާފަ އެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބޮޑު ހަދިޔާގެ ފުރަތަމަ ހައްގުވެރިޔާ ވެސް ހޮވާފައިވެ އެވެ. އެ ގުރުއަތުން ހޮވުނީ 7872353 ނަމްބަރުގެ ވެރި ފަރާތެވެ.