އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހްމޫދު އަބޫބަކުރު މަރައިލީ އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ޝާ އަލޮމް މިއާ (ސާލިމް) އެކަނި ކަމަށް ގަބޫލުކުރަން ދަތި ކަމަށް އޭނާގެ އާއިލާ އިން މިއަދު ބުނެފި އެވެ.
މި މަހުގެ 13 ވަނަ ދުވަހުގެ ރޭ މަހުމޫދު މަރައިލި މައްސަލައާ ގުޅިގެން ފުލުހުން ރޭ ވަނީ ފުރަތަމަ ފަހަރަށް މީޑިއާއާ މައުލޫމާތު ހިއްސާކޮށްފަ އެވެ. ފުލުހުންގެ އިދާރާ އިން ނެރުނު ނޫސްބަޔާނުގައި ބުނީ ސާލިމް ފިޔަވައި އެ މައްސަލައާ ގުޅުމެއް ހުރި އިތުރު މީހަކު އަދި މިހާތަނަށް ތަހުގީގަށް ފާހަގަކުރެވިފައި ނެތް ކަމަށެވެ. އެކަމަކު މައްސަލައިގެ ތަހުގީގު އަދި ނުނިމެ އެވެ.
މަހުމޫދުގެ އާއިލާގެ ފަރާތުން ފުލުހުންނާ ވެސް މުއާމަލާތު ކުރާ އޭނާގެ އަންހެނުންގެ އެއްބަނޑު އެއްބަފާ ބޭބެ، އަބްދުލްއަޒީޒް އުމަރު (އަޒީ) "މިހާރު"އަށް ބުނީ މަހުމޫދު މަރާލައި ވަޅަށް އެއްލައިލީ ހަމައެކަނި ސާލިމް ކަމަށް އާއިލާގެ އެއްވެސް މީހަކު ގަބޫލު ނުކުރާ ކަމަށެވެ.
"އާއިލާ އިން އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރޭ ސާލިމްމިއާ އަށް އެކަނި މިކަން ކުރެވިދާނެ ކަމަކަށް. ރަށުގެ މީހަކު ވެސް ދާއިރާގެ ފަސް ރަށުން ރަށެއްގެ މީހަކު ވެސް ގަބޫލެއް ނުކުރޭ،" އަޒީ ބުންޏެވެ.
މަހުމޫދުގެ ހަށިގަނޑު ފެނުނު ވަޅު ހުންނަނީ ސާލިމް ދިރިއުޅޭ ގެއާ ގާތްގަނޑަކަށް 100 އެއްހާ ފޫޓު ދުރުގަ އެވެ.
އަޒީ ބުނިގޮތުގައި، އެންމެ މީހަކަށް މައްޔިތެއްގެ ހަށިގަނޑު ގެއިން ނެރެގެން ދުރުގައި ހުރި ގޯއްޗަކަށް ގެންދެވޭނެ ކަމަށް ގަބޫލު ކުރަން ދައްޗެވެ.
އަޒީ ބުނީ އޭނާ އަކީ ވެސް މީގެ ކުރިން އާއިލާގެ މީހުން ނިޔާވުމުން ހަށިގަނޑު އުފުލަން ފުރުސަތު ލިބިފައިވާ މީހެއް ކަމަށް ވާއިރު، މައްޔިތެއްގެ ބަރުދަނަށް ބަލައި އެއީ އެކަކަށް ކުރެވިދާނެ ކަމެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
އޭނާ ބުނީ، މަހުމޫދުގެ އާއިލާ އިން އެދެނީ ފުރިހަމަ ތަހުގީގެއްކޮށް، އިންސާފުވެރި ޝަރީއަތެއް ހިންގުމަށް ކަމަށެވެ.
ދަނގެތީގެ އުމުރުން ދުވަސްވީ މީހަކު ބަލަހައްޓަން ހަވާލުކޮށްފައި ހުރި ސާލިމް ހައްޔަރު ކުރީ މަހުމޫދު މަރާލާފައި އޮއްވައި ފެނުނުތާ ދެ ދުވަސް ފަހުން، ފުލުހުން ކޯޓު އަމުރެއް ހިފައިގެން އޭނާ ދިރިއުޅުނު ދަނގެތީ ނެދުންގެ އަށް ގޮހެވެ. އޭގެ އަނެއް ދުވަހު ސާލިމް ނެދުންގެ އަށް ގެންދިއުމުން ވަނީ އޭނާ އަމަލު ކުރި ގޮތް ފުލުހުންނަށް ކިޔައިދީފަ އެވެ. ސާލިމް ހައްޔަރު ކޮށްގެން ދަނގެތިން މަހިބަދު އަށް ގެންދިޔަ ފަހުން ވެސް އޭނާ އަނބުރާ ދަނގެއްޗަށް ގެންގޮސް ތަހުގީގުގެ ބޭނުމަށް ނެދުންގެ އަށް ގެންގޮސްފައި ވެ އެވެ.
މަޑުމައިތިރި ބަސް މަދު މީހެއް ކަމަށް ދަނގެތީ މީހުން ސިފަކުރާ ސާލިމް ފިޔަވައި އިތުރު އެއްވެސް މީހަކު ހިމެނޭ ކަމުގެ ހެއްކެއް މިހާތަނަށް ލިބިފައި ނުވާއިރު، ސާލިމްއާ ގުޅުވައިލެވޭ މުހިންމު ހެކިތަކެއް ފުލުހުން ވަނީ ހޯދައިފަ އެވެ. އޭގެ ތެރޭގައި ނެދުންގޭގައި ވަޅުލާފައިވާ މަހުމޫދުގެ ފޯނާއި އައިޑީ ކާޑުގެ އިތުރުން އެހެން ހެކިތައް ވެސް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.
ސާލިމްއާ މެދު ޝައްކު އުފެދުނީ މަހުމޫދު ގެއްލުނު ރޭ 9:00 ގެ ފަހުން ނެދުންގޭ ތެރެއިން އަޑެއް އިވިގެން، ގޭގެ ފާރުމަތިން މީހަކު ބެލިއިރު، އެ ގޭގެ ތެރެއިން އެ މީހާ އަށް ފެނުނު ޝައްކު އުފެދޭ މަންޒަރެއް ފުލުހުންނަށް ރިޕޯޓު ކުރުމުންނެވެ. މަންޒަރު ދުށް މީހާ އަށް ފެނުނީ ސާލިމް އެ ގޭގެ ތެރޭގައި އެއްޗެއްގައި ހިފައި ފަހަތަށް ދަމަމުން ދިޔަ މަންޒަރެވެ. އަނދިރިކަމުން ކަށަވަރު ނުވިޔަސް، އެއީ މީހެއްގެ ދެފައިގައި ހިފައިގެން ދިޔުން ފަދަ ގޮތަކަށް އެ މީހާ އަށް ސިފަވިކަން އެނގިފައިވެ އެވެ.
މަހުމޫދުގެ އާއިލާ މީހަކު ކުރިން ކިޔައިދިން ގޮތުގައި އޭނާގެ ހަށިގަނޑު އެއްލައިލި ވަޅު ހުރީ އޭނާ އުޅެ ބޮޑުވި ގޯތީގަ އެވެ. އެއީ މަހުމޫދުގެ ކައިވެނީގެ ވަލީމާ ވެސް ބޭއްވި ތަނެވެ. އެ ގޯތީގައި ހުރި ގެ ތަޅާލާފައި ހުރީ އެ ތަނުގައި ދެ ބުރިއަށް ގެއެއް އެޅުމަށެވެ. އެ ވަޅު ރޭނީ ވެސް މަހުމޫދު އެ މަސައްކަތް ހަވާލު ކޮށްގެންނެވެ. އެއީ އެތަނުގައި ހުރި ގަސްތަކަށް ފެން ދިނުމަށާއި ފަހުން ކޮންސްޓްރަކްޝަން މަސައްކަތަށް ވެސް ބޭނުން ކުރުމަށެވެ.