އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު މަރައިލި މައްސަލައިގެ ތުހުމަތު ކުރެވޭ ބަންގްލަދޭޝްގެ މުހައްމަދު ސާލިމް ދަނގެތިން އދ. މަހިބަދު އަށް މިރޭ ފުރުވާލައިފި އެވެ.
ދަނގެތީގެ އުމުރުން ދުވަސްވީ މީހަކު ބަލަހައްޓަން ބަހައްޓާފައި ހުރި ސާލިމް، މަހުމޫދުގެ މަރުގެ މައްސަލައިގެ ތުހުމަތުގައި އިއްޔެ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ. އުމުރުން ދުވަސްވީ މީހާއާ އެއްކޮށް ސާލިމް އުޅުނު މި ރަށު ނެދުންގެ އަށް ފުލުހުން މިއަދު އޭނާ ގެންދިޔަ އެވެ. ފުލުހުން ވަނީ އެ ގެ ވަށައިގެން ބޮޑު ސަރަހައްދެއް ބަންދުކޮށް، ސާލިމް ކަންތައްތައް ކުރި ގޮތް އޭނާ ލައްވައި ކުޅުވައިފަ އެވެ.
ދަނގެތީ މެޖިސްޓްރޭޓު ކޯޓުން 15 ދުވަހަށް ބަންދު ކުރި ސާލިމް ކަންކަން ކުރި ގޮތް ކުޅުވުމަށް ފަހު، ދަނގެތީގެ ގެސްޓް ހައުސްއެއްގެ ކާރަކަށް އަރުވައިގެން ފުލުން އޭނާ ޕޮލިސް ސްޓޭޝަނަށް ގެންދިޔަ އެވެ. އެ އަށް ފަހު މިރޭ އޭނާ ވަނީ ލޯންޗެއްގައި މި އަތޮޅުގެ ވެރިރަށް މަހިބަދު އަށް ފުރުވާލައިފަ އެވެ.
ސާލިމް ދިރިއުޅުނު ނެދުންގޭގެ އިތުރުން މަހުމޫދު މަރާލައި ގޯންޏަކަށް ލައި ވައްޓާލާފައި އޮތް ފެން ވަޅު ހުންނަ ގޯއްޗަށް ވެސް އޭނާ ގެންދިޔަ އެވެ. އެ ވަޅު ކައިރި އަށް ވެސް ސާލިމް ގެންގޮސް ފުލުހުން ވަނީ އޭނާ އަމަލުކުރި ގޮތް ކުޅުވައިފަ އެވެ. ފުލުހުން އޭނާ ގޮވައިގެން ދިޔައިރު ބައެއް ވާހަކަތައް ދިޔައީ ފުލުހުންނަށް ކިޔައި ދެމުންނެވެ.
މީހަކު ހައްޔަރު ކުރިކަން ހާމަ ކުރުމުގެ އިތުރުން މަހުމޫދުގެ މަރާ ގުޅޭ ގޮތުން ފުލުހުން ރަސްމީކޮށް އަދި އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.
އެކަމަކު މަހުމޫދު ގެއްލުނު ރޭ ސާލިމްގެ އަމަލުތައް ހުރި ގޮތުން ޝައްކު ކުރެވޭ ކަންކަން މީހަކު ވަނީ ފުލުުހުންނަށް ކިޔައިދީފަ އެވެ. އޭގެ ތެރޭގައި ނެދުންގޭގެ ތެރެއިން އާދަޔާ ހިލާފު އަޑުތަކެއް އިވުމާއި އެ ގޭގެ ފާރުމަތިން ބޯ ދިއްކުރި މީހަކަށް ފެނުނު ކަމަށް ބުނާ ބައެއް މަންޒަރުތައް ހިމެނެ އެވެ.