އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު މަރައިލި މައްސަލައިގައި ހައްޔަރުކޮށްފައިވާ ބަންގްލަދޭޝްގެ މުހައްމަދު ސާލިމް، ހައްޔަރުކުރުމުގެ ކުރިން މަހުމޫދުގެ ކަށުނަމާދަށް ދިޔަ ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
އަނިޔާވެރި ގޮތަކަށް މަރައިލުމަށް ފަހު، ފަޅު ގެއެއްގެ ވަޅަކަށް އެއްލާލާފައި އޮއްވައި ފެނުނު މަހުމޫދުގެ މަރުގެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ސާލިމް ހައްޔަރު ކުރީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އޭނާ ތަހުގީގަށް 15 ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން އެންގުމުން އދ. މަހިބަދޫ ޕޮލިސް ސްޓޭޝަނަށް އިއްޔެ ވަނީ ގެންގޮސްފަ އެވެ.
"މިހާރު" އަށް ލިބިފައިވާ ފޮޓޯއަކުން ފެންނަ ގޮތުގައި މިދިޔަ ހުކުރު ދުވަހުގެ އަސުރު ނަމާދަށް ފަހު އޮތް މަހުމޫދުގެ ކަށު ނަމާދަށް ސާލިމް މިސްކިތަށް ގޮސް ހުއްޓެވެ. މި މަންޒަރު ފެންނަނީ މަހުމޫދުގެ ކަށުނަމާދު ނިމުމުގެ ކުރިން މީހަކު މިސްކިތުގެ ތެރޭގައި ހުރެ ނެގި ފޮޓޯއަކުންނެވެ.
"މިހާރު" އަށް ލިބިފައިވާ އެ ފޮޓޯ އިން ފެންނަ ގޮތުގައި ސާލިމް ލައިގެން ހުރީ ދަނގެތީގައި އޭނާ ދިރިއުޅުނު ނެދުންގެ އަށް ފުލުހުން ގެންދިޔަ އިރު ވެސް ލައިގެން ހުރި ހުދު ގަމީހެވެ.
މަހުމޫދުގެ ކަށު ނަމާދަށް ސާލިމް ދިޔަ ނަމަވެސް، އޭނާ ވަޅުލަން ދިޔަ މީހުންނާ އެކު އެ ރަށު ސަހަރާ އަށް ދިޔަ ކަމެއް އެނގިފައެއް ނުވެ އެވެ. "މިހާރުު" އިން އެ ސަރަަހައްދުގައި ނެގި ފޮޓޯތަކުން ވެސް ސާލިމެއް ނުފެނެ އެވެ.
ފުލުހުން އިއްޔެ ވަނީ އުމުރުން ދުވަސްވީ މީހަކު ބަލަހައްޓަން ހަވާލުކޮށްފައި ހުންނަ ސާލިމް ދިރިއުޅުނު ނެދުންގެއަށް އޭނާ ގެންގޮސް އޭނާ ލައްވައި އޭނާ އަމަލު ކުރި ގޮތް ކުޅުވައިފަ އެވެ.
މަހުމޫދު މަރާލައި ގޯންޏަކަށް ލައި ވައްޓާލާފައި އޮތް ފެން ވަޅު ހުންނަ ގޯއްޗަށް ވެސް ފުލުހުން އޭނާ ގެންދިޔަ އެވެ. އެ ވަޅު ކައިރި އަށް ވެސް ސާލިމް ގެންގޮސް ފުލުހުން ވަނީ އޭނާ އަމަލުކުރި ގޮތް ކުޅުވައިފަ އެވެ. ފުލުހުން އޭނާ ގޮވައިގެން ދިޔައިރު ބައެއް ވާހަކަތައް ދިޔައީ ފުލުހުންނަށް ކިޔައިދެމުންނެވެ.
މަހުމޫދު ގެއްލުނު ރޭ ސާލިމްގެ އަމަލުތައް ހުރި ގޮތުން ޝައްކު ކުރެވޭ ކަންކަން މީހަކު ވަނީ ފުލުުހުންނަށް ކިޔައިދީފަ އެވެ. އޭގެ ތެރޭގައި ނެދުންގޭގެ ތެރެއިން އާދަޔާ ހިލާފު އަޑުތަކެއް އިވުމާއި އެ ގޭގެ ފާރުމަތިން ބޯ ދިއްކުރި މީހަކަށް ފެނުނު ކަމަށް ބުނާ ބައެއް މަންޒަރުތައް ހިމެނެ އެވެ.
އޭނާއާ ގުޅޭ އިތުރު ހެކިތަކެއް ލިބިފައިވާ ކަމެއް ފުލުހުން މިހާތަނަށް ރަސްމީކޮށް ހާމަކޮށްފައި ނުވެ އެވެ. މީހަކު ހައްޔަރު ކުރިކަން ހާމަ ކުރުމުގެ އިތުރުން މަހުމޫދުގެ މަރާ ގުޅޭ ގޮތުން ފުލުހުން ރަސްމީކޮށް އަދި އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.