އިންޓަނޭޝަނަލް ޔޫތު އެކްސްޗޭންޖް ޕްރޮގްރާމްގެ ދަށުން ދިވެހި ޒުވާނުން އަންނަ މަހު އިންޑިއާ އަށް ދާނެ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ރޭ ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަކުރަން ހދ. ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ، ކޮވިޑްގެ ދަތި ދުވަސްވަރުގައި ވެސް ޔޫތް މިނިސްޓްރީގެ މެންޑޭޓުގެ ތެރެއިން ޒުވާނުން ކުުރިއެރުވުމަށް ގިނަ ކަންތައްތަކެއް ކޮށްފައިވާ ކަަމަށެވެ.

އެގޮތުން 3،000 ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޔޫތު އެޕްރެންޓިސްޝިޕް ޕްރޮގުރާމެއްގެ މަސައްކަތް މިހާރު ކުރިއަށް ގެންދާ ކަމަށް ވިދާޅުވި އެވެ. އަދި ޔޫތު ވޮލެންޓިއާ ޕްރޮގުރާމްތައް ވެސް ރާވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އިންޓަނޭޝަނަލް ޔޫތު އެކްސްޗޭންޖު ޕްރޮގުރާމްތައް އެކިއެކި ގައުމުތަކާ އެކީ އަޅުގަނޑުމެން ވަނީ އެމްއޯޔޫ ތަކުގައި ސޮއިކޮށްފައި،" މަހުލޫފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ޒުވާނުންނަށް މައުލޫމާތު ދީ، ތަމްރީނު ކުރުމަށް، ޔޫތު އެކްސްޗޭންޖް ޕްރޮގްރާމުގެ ދަށުން އަންނަ ނޮވެމްބަރު މަހުގެ ފުރަތަމަ 15 ގައި ރާއްޖޭގެ ޒުވާނުން އިންޑިއާ އަށް ދަތުރުކުރަން ފަށާނެ ކަމަށެވެ.

"ހަމަ އެހެންމެ ޒުވާނުންނާ ގުޅޭ ސްޓަޑީއެއް ހެދުމަށްޓަކައި މިހާރު ވަނީ ނެޝަނަލް ޔުނިވާސިޓީއާ ހަވާލުކުރެވިފައި. ލައިފްސްކިލް ޕްރޮގުރާމްތައް އެތައް ސަތޭކަ ޒުވާނުންނަށް ވަނީ ހިންގިފައި،" މަހުލޫފް ވިދާޅުވި އެވެ.

ތައުލީމީ ދާއިރާ އަށް އަލިއަޅުވާލައި އޭނާ ވިދާޅުވީ، ރާއްޖެ އިން ބޭރުގައި ކިޔަވަން ސަރުކާރުން އިއުލާނު ކޮށްފައިވާ 554 ސްކޮލާޝިޕްތަކުގެ ތެރެއިން 248 ސްކޮލަޝިޕް މިހާރު ވަނީ ޒުވާނުންނަށް އެވޯޑުކޮށްފައި ކަމަށެވެ. އަދި ހިލޭ ޑިގްރީ އަށް ސަރުކާރުން 11،321 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވާއިރު، އޭގެ ތެރެއިން 90 ޕަސެންޓަކީ ޒުވާނުން ކަމަށް ވެސް ވިދާޅުވި އެވެ.