ރާއްޖޭގެ 61 ރަށެއްގައި އައުޓްޑޯ ޖިމް ހަދަން ބޭނުންވާ ސާމާނު އިންޑިއާ ސަރުކާރުން މިއަދު ހަދިޔާކޮށްފި އެވެ.
ގަލޮޅު ދަނޑުގައި ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރާ އެ ތަކެތި ހަވާލު ކޮށްދެއްވީ، ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު ސަންޖޭ ސުދީރެވެ. އެ ސާމާނާ ހަވާލުވެވަޑައިގަތީ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފެވެ.
އެކި ރަށްރަށުގައި އައުޓްޑޯ ޖިމް ހަދަން ބޭނުންވާ ސާމާނު އިންޑިއާ ސަރުކާރުން މި ދިނީ، އެ ގައުމުގެ ކުރީގެ ފޮރިން މިނިސްޓަރު ސުޝްމާ ސްވަރާޖް މިދިޔަ އަހަރުގެ މާޗު މަހު ރާއްޖެ އަށް ކުރެއްވި ދަތުރުގައި ހަދިޔާ ކުރެއްވި 106 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ތެރެއިންނެވެ. ޖިމްތަކަށް ބޭނުންވާ ސާމާނު ގަތުމަށް އޭގެ ތެރެއިން އަށް މިލިއަން ރުފިޔާ ކަނޑައެޅިއިރު، ސާމާނަށް އޯޑަރުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގަ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި މިނިސްޓަރު މަހްލޫފު ވިދާޅުވީ، ވަރަށް ގިނަ ކަންތައްތަކުގައި އިންޑިއާގެ އެހީތެރިކަން ރާއްޖެ އަށް ލިބޭ ކަމަށެވެ. އެގޮތުން، އެ ގައުމުގެ އެހީއާއެކު، 68 ރަށެއްގައި ކުޑަކުދިންގެ ޕާކް އަވަސް މުސްތަގްބަލެއްގައި ގާއިމްކުރާނެ ކަމަށް މަހްލޫފު ވިދާޅުވި އެވެ. ކުރިއަށް އޮތް ހަތަރު މަސް ތެރޭގައި އެ މަސައްކަތް ނިންމައި، އެ ޕާކުތައް ރަށްރަށާ ހަވާލު ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މަހްލޫފް ވިދާޅުވި ގޮތުގައި، އައުޓްޑޯ ޖިމްތަކަށް ބޭނުންވާ ސާމާނު އިންޑިއާ އިން ދިނުމަކީ، ޖިމްތައް ގާއިމްކުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިސްނަންގަވައިގެން ކުރިއަށް ގެންދާ، "ދުޅަހެޔޮ، ހަށިހެޔޮ" ޕްރޮގްރާމަށް ލިބުނު އިތުރު ކުރިއެރުމެކެވެ.
ފަސޭހަކަމާއެކު ކަސްރަތު ކުރެވޭނެ އިންތިޒާމެއް ދިވެހިންނަށް ހަމަޖައްސައި ދިނުމަކީ ރައީސްގެ ވައުދެކެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް ނަޝީދު ވިދާޅުވީ، ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުން އެކި ސަރުކާރުތަކުގައި އެންމެ ރަނގަޅަށް ކުރިއަށް ނުގެންދެވުނަސް ދެ ގައުމުގެ އެކުވެރިކަން ނުގެއްލޭނެ ކަމަށެވެ.
ރާއްޖެ އާއި އިންޑިއާ ދެމެދު އޮތީ ވަރަށް ދުވަސްވީ ގުޅުމެއް ކަން ފާހަގަކުރައްވަމުން އެ މަނިކުފާނު ވިދާޅުވީ، މުނިފޫހިފިލުވުމާއި ސަގާފީ އާދަތަކަށް ބަލާއިރު ވެސް ގިނަ ކަންތައްތަކެއް ގުޅިފައިވާ ކަމަށެވެ.
ނަޝީދު ވިދާޅުވި ގޮތުގައި، ބައެއް ހާލަތުތަކުގައި ރާއްޖޭގައި އޮންނަ ސަރުކާރާއި އިންޑިއާގެ ސަރުކާރާ ގުޅުން ބަދަހި ނުވެދާނެ އެވެ. ނަމަވެސް ދެ ގައުމުގެ ރައްޔިތުންގެ އާދަކާދަތަކަށް ބަދަލެއް ނާންނާނެ ކަމަށް ވިދާޅުވި އެވެ. އަދި އިންޑިއާ އަކީ ތަނަވަސް ވަމުން އަންނަ ގައުމެއް ކަމަށާއި އެ ގައުމުގެ އެހީއާ އެކު ރާއްޖެ ވެސް ތަނަވަސް ވެވޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.