ރާއްޖޭގެ 67 ރަށެއްގައި ކުޑަކުދިންގެ ޕާކު ހަދަން ބޭނުންވާ ސާމާނު އިންޑިއާ ސަރުކާރުން އިއްޔެ ހަދިޔާކޮށްފި އެވެ.
ގަލޮޅު ދަނޑުގައި ބޭއްވި ރަސްމިއްޔާތެއްގައި، މި ތަކެތި ހަވާލު ކޮށްދެއްވީ ރަސްމީ ދަތުރެއްގައި މިދިޔަ އާދިއްތަ ދުވަހު ރާއްޖެ ވަޑައިގަތް، އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަން ޝްރިންގްލާ އެވެ. ދިވެހި ސަރުކާރުގެ ފަރާތުން އެ ތަކެއްޗާ ހަވާލުވެވަޑައިގަތީ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފެވެ.
ރާއްޖޭގެ އެކި ރަށްރަށުގައި ޕާކުތައް ހެދުމުގެ މި މަސައްކަތަށް އިންޑިއާ ސަރުކާރުން ހަދިޔާކުރީ 6.7 މިލިއަން ރުފިޔާގެ ތަކެއްޗެވެ.
އިއްޔެގެ ރަސްމިއްޔާތުގައި މިނިސްޓަރު މަހްލޫފު ވިދާޅުވީ، މަގާމަށް ހަވާލުވެވަޑައިގަތުމަށް ފަހު، ގިނަ ރަށްރަށަށް ދަތުރު ކުރެއްވި ކަމަށާއި ނަމަވެސް ކުޑަކުދިންނަށް ހާއްސަ ޕާކު ފެނިވަޑައިގަތީ ވަރަށް މަދު ރަށަކުން ކަމަށެވެ. އިންޑިއާ ސަރުކާރުގެ އެހީގައި ޕާކުތައް ހެދުމަކީ ކުޑަ މަސައްކަތެއް ކަމަށް ބައެއް މީހުން ގަބޫލުކުރި ނަމަވެސް، އެފަދަ ވަސީލަތްތައް ނެތް ރަށްރަށަށް މިއީ ވަރަށް މުހިއްމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މި މަސައްކަތް ކުރިއަށް ގެންދަން އިންޑިއާ ސަރުކާރުން ދިން އެހީތެރިކަމަށް މިނިސްޓަރު ޝުކުރު އަދާކުރެއްވި އެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު ސަންޖޭ ސުދީރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް އިއްޔެގެ ރަސްމިއްޔާތުގައި ބައިވެރިވަޑައިގަތެވެ.