ރާއްޖޭގައި ތަފާތު އެކި ކަހަލަ ހުނަރުވެރި އާޓިސްޓުން ވަރަށް ގިނަ އެވެ. ޒުވާން ޑިޖިޓަލް އާޓިސްޓް، ހުސައިން ހިޝާމް އަހުމަދަކީ ވެސް އެފަދަ ތަފާތު ހުނަރުވެރިއެކެވެ. ފިއުޗަރިސްޓިކް އާޓްތަކަށް ލޯބިކުރާ ހިޝާމް ދައްކައިދެނީ ސައިބަޕަންކް ރާއްޖެއަކާއި ތަފާތު ދުނިޔެއެކެވެ.
އުމުރުން 19 އަހަރުގެ ހިޝާމްގެ ބައެއް އާޓްވޯކްތައް މިހާރު ހުންނާނީ ގިނަ ބަޔަކަށް ފެނިފަ އެވެ. އޭނާގެ ބައެއް އާޓްތަކުން ފެންނަނީ ރާއްޖެ އެވެ. ނަމަވެސް، މި އާޓްވޯކްތަކުން ރާއްޖެ ފެންނަނީ ހޮލީވުޑްގެ ސައިންސް ފިކްޝަން ފިލްމުތަކުން ފެންނަ ފަދަ ތަފާތު މަންޒަރުތަކެއްގެ ގޮތުގަ އެވެ. ބޮޑެތި އާބަނައިޒޭޝަން އާއި ޓެކްނޮލޮޖީގެ ގޮތުން އެޑްވާންސް ވެފައިވާ ރާއްޖެ އެއް އެ މަންޒަރުތަކުން ފެނެ އެވެ. މިއީ ހިޝާމްގެ އާޓްގެ މައިގަނޑު ތީމެވެ.
ހދ. ވައިކަރަދޫ އަށް ނިސްބަތްވާ ހިޝާމް، ޑިޖިޓަލް އާޓަށް ވަރަށް ކުރިން ވެސް ޝައުގުވެރިކަން ހުއްޓެވެ. އެންމެ 15 އަހަރުން ފެށިގެން އޭނާ އަންނަނީ ޑިޖިޓަލް އާޓު ދަސްކޮށް ތަފާތު އެކި ޑިޒައިންތަކާއި ހިޔާލުތަކުގެ އިތުރުން ވާހަކަތައް، އެނިމޭޓެޑް އާޓްގެ ގޮތުގައި އުފައްދަމުންނެވެ.
"މީގެ ހަތަރު ވަރަކަށް އަހަރު ކުރިން ގްރެފިކްސް ޑިޒައިން ދަސްކުރަން ފެށީ. އެހާ ހިސާބުން އަސްލު ޑިޖިޓަލް އާޓްތަކަށް ޝައުގުވެރިކަން އުފެދެން ފެށީ. އަދި އެކަމަށް ވަރަށް ފަސޭހައިން ލޯބި އުފެދެން ފެށި،" ހިޝާމް ބުންޏެވެ.
ޑިޖިޓަލް އާޓްގެ ތެރެއިން ތަފާތު ކުރެހުމާއި އެނިމޭޝަން ހެދުމަކީ ވެސް ހިޝާމް ވަރަށް ކުރާހިތްވާ ކަމެކެވެ. އެގޮތުން ސްޓިލް ގްރެފިކްސް އާޓް ތައްޔާރުކުރުމަށް ހިޝާމް ގިނައިން ގެންގުޅެނީ ފޮޓޯޝޮޕް އާއި އިލުސްޓްރޭޓާ އެވެ. އަދި އެނިމޭޝަން އަށް ބޭނުންކުރަމުން އައީ އާފްޓާއިފެކްޓްސް އެވެ.
"މިއީ މީގެކުރީން ބޭނުންކުރި އެއްޗެހި. އެކަމު މިހާރު ބްލެންޑާ ކިޔާ ސޮފްޓްވެއާ އެއް ބޭނުންކުރެވޭ ވަރަށް ގިނައިން. މިއީ ތްރީޑީ އާޓްވޯކް އަށް ވަރަށް ބޮޑަށް ބަރޯސާ ވެފައި އޮންނަ ސޮފްޓްވެއާ އެއް،" ހިޝާމް ބުންޏެވެ.
ހިޝާމް މި ދާއިރާއިން އެއްވެސް ކަހަލަ ކޯހެއް ވެސް ނަހަދަ އެވެ. ނަމަވެސް ހިޝާމްގެ ގްރެފިކްސް ޑިޒައިންގެ ހުނަރު މިއަދު އައިސްފައިވާ ހިސާބުގެ ފަހަތުގައި އާސިލްސް ބޮޑު ރޯލެއް އޮތް ކަމަށް އޭނާ ބުނެ އެވެ.
އާސިލް އަކީ ރާއްޖޭގެ ގޭމް ޑިވެލޮޕިން ކުންފުންޏެކެވެ. ހުނަރުވެރި ޒުވާނުންގެ ޓީމެއް ހިމެނޭ އާސިލްސް އިން މިހާރު މަސައްކަތް ކުރަމުން އަންނަނީ ރާއްޖޭގެ ފުރަތަމަ އޯޕެން ވޯލްޑް ގޭމް ތައްޔާރުކުރުމަށެވެ. އެ ގޭމްގެ ވާހަކަ ވާނީ ދޯ އިން މީގެކުރިން ގެނެސްދީފަ އެވެ.
ހިޝާމް މީގެކުރިން ވަނީ އާސިލްސްގައި ގްރެފިކް ޑިޒައިނަރެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ.
"ޔޫޓިއުބް ބަލައިގެން އަދި އެކި ގޮތް ގޮތަށް އަމިއްލަ އަށް ދަސްކުރީ. އެކަމަކު ދަސްކުރަން އުޅުމުގެ ތެރޭގައި އާސިލްގެ ފަރާތުން ވަރަށް ގިނަ ކަންތައްތައް ދަސްވި،" ހިޝާމް ކިޔައިދިނެވެ.
މިހާރު ގްރެފިކްސް ޑިޒައިނިން ދާއިރާއިން އިތުރަށް ކިޔަވަން ތައްޔާރުވެފައިވާ ހިޝާމް އޭނާގެ އާޓް ސްޓައިލް ސިފަކުރަނީ ސައިފައި އަދި ފިއުޗަރިސްޓިކްގެ އިތުރުން ތިމާވެށްޓާ ގުޅޭ ޑިޖިޓަލް އާޓްގެ ގޮތުގަ އެވެ.
ކޮންމެ މީހަކު ވެސް އާޓް އުފައްދާއިރު އެކަމަށް ތަފާތު ހިޔާލުތައް ހޯދާނީ ވަށައިގެންވާ މާހައުލުންނެވެ. ހިޝާމް ހިޔާލު ހޯދާ އުޅެނީ ޕިންޓްރެސްޓް އާއި އާޓްސްޓޭޝަން ފަދަ އާޓް އާ ގުޅޭ ކޮމްޕިލޭޝަން ޕްލެޓްފޯމްތަކުންނެވެ.
"އެއްޗެއް ހެދުމުގެ ކުރިން އަބަދު ވެސް ޕިންޓްރެސްޓް އާއި އާޓްސްޓޭޝަން ބަލަން. ދެން މައިންޑް ގަ އިންނަ އާޓްވޯކް އަކަށް ވާ ވަރަށް ރިފަރެންސް ހޯދަނީ. މިގޮތަށް ރިފަރެންސް ހޯދީމަ އާޓް ވޯކެއް ހެދުމުގެ ޕްރޮސެސް އަށް ހޭދަވާ ވަގުތު ކުޑަވޭ،" ހިޝާމް ކިޔައިދިނެވެ.
އާޓްވޯކެއް ހެދުމަށް ފަހު އެ އެކި ފަހަރު މަތިން ހިޝާމް އިންސްޕެކްޓް ކުރެ އެވެ. އަދި ކަމުނުދާ ބައެއް އާޓްވޯކުން ފެނިއްޖެ ނަމަ، އެ އަލުން ރެންޑާކުރަނީ އެވެ. ހިޝާމްގެ އާޓްވޯކްތަކުގައި ތްރީޑީ އެލިމެންޓެއް ހުރި ނަމަ އެ އާޓްތައް، ސިނެމާ 4ޑީ ނަމަކަށް ކިޔާ ސޮފްޓްވެއާއަކުން ރެންޑާ ކުރެ އެވެ. މި ހުރިހާ ކަމަކަށް ބަލާފައި ހިޝާމް އަށް ގާތްގަނޑަކަށް ތިން ވަރަކަށް ގަޑިއިރުގެ ތެރޭގައި އާޓްވޯކެއް ތައްޔާރުކުރެވެ އެވެ.
އާޓްވޯކެއް ތައްޔާރުކުރުމުގައި އޭނާ އަސް އެންމެ އުނދަގޫ ކަމަކީ އެ އާޓްވޯކެއް ވިޝުއަލައިޒް ކުރުމެވެ. ނުވަތަ އާޓްވޯކެއް ފުރިހަމަކޮށް އިންނާނެ ގޮތެއް ސިކުނޑިއަށް ގެނައުމެވެ. އެކަމަށް ހަމަ އެންމެ ފަސޭހައިން ހައްލު ހޯދަނީ ރިފަރެންސް ފޮޓޯތަކެއް ހޯދައިގެންނެވެ.
ކުރިއަށް އޮތް ތަނުގައި ވެސް ހިޝާމް ގެ ވިސްނުން އޮތީ މި ދާއިރާއިން ކުރިއަށް ދިއުމަށެވެ. އޭނާ ބޮޑަށް ބޭނުންވަނީ ގްރެފިކްސްގެ އިތުރުން ކޮންސެޕްޓް އާޓިސްޓެއްގެ ގޮތުގައި ކުރިއަށް ދާށެވެ. އެ ދާއިރާއިން ކުރިއަށް ދިޔުމަށް އޭނާ ކުރާ އުއްމީދު ބޮޑެވެ.