ތަސްވީރެއް ނުވަތަ ކުރެހުމަކުން އެތައް ހާސް ވާހަކައެއް ބުނެދެ އެވެ. ނޭޝަނަލް އާޓް ގެލެރީގައި މިހާރު ކުރިއަށްދާ އަންވެއިލިން ވިޝަންސްގައި އަހުސަން ހުސެއިން ބައިވެރިކުރި އޭނާގެ އާޓްވޯކުގައި ވެސް ވަނީ ވަރަށް ގިނަ ވާހަކަތަކެވެ.

އުމުރުން 19 އަހަރުގެ އަހުސަން، ވަރަށް ކުޑައިރުއްސުރެ އާޓަށް ޝައުގުވެރިކަން ހުރެ އެވެ. އޭނާ އެކަމަށް ކުރާ ލޯބި ބޮޑުވުން، ސްކޫލު ދުވަސްވަރުން ފެށިގެން އައީ އެކި ކަހަލަ އާޓުތައް ދަސްކުރަމުންނެވެ.

"ޔޫޓިއުބުން އެކި ކަހަލަ ޓިއުޓޯރިއަލްސް ބަލައިގެން އެކި ގޮތްގޮތަށް އާޓް ދަސްކުރަން ފެށީ. ރައްޓެހިންގެ ފަރާތުން އެކި ކަހަލަ އެހީ ވެސް ލިބުން އިިތުރަށް ދަސްކުރަން އުޅުނު އިރު،" އަހުސަން ބުންޏެވެ.

އާޓް ދަސްކުރަން އުޅުމުގެ ތެރޭގައި އޭނާ އެންމެ ޝައުގުވެރިވާ މީޑިއަމަކަށް ވީ އެކްރިލިކްސް އެވެ. މިފަހަރު އަންވެއިލިން ވިޝަންގައި އޭނާ ބައިވެރިކުރި އާޓުވޯކުގައި ވެސް ބޭނުންކޮށްފައި ވަނީ އެކްރިލިކްސް އެވެ.

.
.

މި ކުރެހުމަކީ އެތައް މާނައެއް ދޭހަވާ ކުރެހުމެކެވެ. މި ކުރެހުމަށް ނަޒަރު ހިންގާ މީހަކަށް މީގެން ފެންނާނީ މޫދެއްގެ ތެރޭގައިވާ އަތެކެވެ. ނަމަވެސް ކުރެހުމަށް ފުންކޮށް ވިސްނަން ފެށުމުން ފޮރުވިފައިވާ މާނަތަކެއް ފެންނާނެ އެވެ.

އަހުސަން އެ ކުރެހުން ތައްޔާރުކުރުމުގައި ވިސްނާފައި ވަނީ އޭނާ އާ ގުޅުންހުރި މާޒީގެ ހަނދާނެއް ސިފަކޮށްދޭ ކަމަކަށް ބިނާކޮށެވެ.

"ކުޑައިރު މަސް ހިފަން ގޮސް އުޅޭއިރު އުޅޭނެ ވަރަށް ފަސޭހައިން ހިފޭ މަހެއް. މިއީ ވަރަށް ފަސޭހައިން ހައްދާލައިގެން ހިފޭނެ މަހެއެ،" އަހުސަންގެ އާޓުވޯކުގެ ވާހަކަ އޭނާ ކިޔައިދިނެވެ.

.
.

އަހުސަންގެ ކުރެހުމަށް ދީފައިވާ ނަމަކީ "ހޭންޑްސް އޮފް ޑިސީޓް" އެވެ. އެ ކުރެހުމުގެ ފުން މާނަ ގުޅިފައިވަނީ އެ ނަމާ އެވެ. އެ ކުރެހުމުގައި އަހުސަން އަތް ކުރަހާފައި ވަނީ ވަރަށް ބޮޑުކޮށެވެ. އެކަމުގެ ފަހަތުގައި ވެސް ސަބަބެއް ވެ އެވެ. އެ އަތް ސިފަކޮށްދެނީ އޮޅުވާލުމާއި މެނުޕުލޭޓް ކުރުން ފަދަ ކަންތައްތަކެވެ. އަދި އެ މަސް ރަމްޒުކޮށްދެނީ "އިނޮސެންސް" އެވެ.

މި ކުރެހުން އޭނާ ނިންމާލީ ހަފުތާއެއްގެ ތެރޭގަ އެވެ.

އެކްރިލިކްސްގެ އިތުރުން ވެސް އޭނާ އަންނަނީ އެހެން މީޑިއަމްތައް އެކްސްޕެރިމެންޓް ކުރަމުންނެވެ. އޭގެން އެއް މީޑިއަމް އަކީ ޑިޖިޓަލް އާޓެވެ. އެ އާޓްވޯކްތައް އޭނާގެ އިންްސްޓަގްރާމް ޕޭޖް "ބޯއި ޕްލޫޓޯ" އިން ބަލައިލެވޭނެ އެވެ.

ތަފާތު އެކި ހުނަރު ދަސްކުރި ނަމަވެސް އާޓުގައި ރާއްޖެ އަށް އޮތް ލިމިޓުތައް އަހުސަން އަށް އެނގެ އެވެ. އެގޮތުން ރާއްޖޭގައި އާޓިސްޓުންނަށް ފުރުސަތުތައް ހަނިކަން އަހުސަން ގަބޫލު ކުރެ އެވެ.

"ރާއްޖޭގައި އާޓިސްޓުންނަށް އާޓު ކެރިއަރެއްގެ ގޮތުގައި ކުރިއަށް ގެންދިޔުމަށް ވަރަށް ފުރުސަތު މަދު. އެކަމަކު މަޑުމަޑުން އެ އަންނަނީ ބަދަލުވަމުން،" އަހުސަން ބުންޏެވެ.

އެފަަދަ ފުރުސަތުތަކަށް ކެތްމަދުވެފައިވާ އާޓިސްޓުންނަށް "އަންވެއިލިން ވިޝަންސް" ފަދަ ޕްލެޓްފޯމަކީ ރަނުގެ ފުރުސަތެއް ކަމުގައި އޭނާ ފާހަގަކުރި އެވެ. އަދި މިފަދަ ގިނަ އާޓު އެގްޒިބިޝަންތައް ކުރިއަށް ގެންދިޔުމަކީ އާޓިސްޓުންގެ ކުރިއެރުމަށް ވަރަށް މުހިއްމު ކަމެއް ކަމަށް އޭނާ ބުންޏެވެ.