އުމުރުން 17 އަހަރުގެ އައިމިނަތު އަލްތާފް ޝަހީން މިފަހަރުގެ "އަންވެއިލިން ވިޝަންސް" ގައި "ބިންދާލި ރާޅު" އެއީ އެންމެން ހައިރާންކޮށްލި ހުށަހެޅުމެކެވެ. ވަކި އާޓް ސްޓައިލެއް ނުގެންގުޅުނަސް އެބްސްޓްރެކްޓް އާޓަށް ވުރެ ބޮޑަށް ޑީޓެއިލްތައް ހުންނަ އާޓަށް ޝައުގުވެރިވާ އަލްތާފް އޭނާގެ ހުނަރު މި ހުށަހެޅުމުން ސާބިތުކޮށްދިނެވެ.

ކުރެހުމާއި އާޓަށް ލޯބި އުފެދުނު އިރެއް ވެސް ނޭނގޭ އަލްތާފަކަށް ނޭނގެ އެވެ. އެނގޭހާ ވެސް ކަމަކީ ހަނދާން ހުންނަން ފެށި ހިސާބުން ވެސް އާޓަށް އޮތް ލޯތްބެވެ. އެކަމަކު އާޓުގެ ތެރެއަށް ސީރިއަސްކޮށް ވަދެވުނީ 12 އަހަރުގަ އެވެ.

"އެންމެ ފުރަތަމަ ފެންކުލައިން އާޓް ދަސްކޮށް އުޅުނީ. ދެން މަޑުމަޑުން އެކްރިލިކްސް ބޭނުންކޮށްގެން ކުރަހަން ފެށީ،" އަލްތާފް ކިޔައިދިނެވެ.

އެކްރިލިކް ބޭނުންކޮށްގެން އާޓް ތަރައްގީކުރަމުން ގޮސް ދެން އާޓް ތަރައްގީކުރަން ފެށީ އޮއިލް މީޑިއަމް އިންނެވެ. މިހާރު އަލްތާފް އެންމެ ބޭނުންކުރާ މީޑިއަމް އަކީ އޮއިލް އެވެ.

އާޓް އެގްޒިބިޝަންގައި އަލްތާފް ބައިވެރިކޮށްފައިވާ "ބިންދާލި ރާޅު" ކުރެހުމުގައި ވެސް ބޭނުންކުރީ އޮއިލް ޕެއިންޓް މީޑިއަމް އެވެ. ބިޔަ ރާޅެއް ބިންދާލާ އެ މަންޒަރުގައި ބައިވަރު ޑީޓެއިލް ހުރި އިރު ހީވަނީ ހަމަ އަސްލު ފޮޓޯއެއް ހެންނެވެ.

"ކަނޑުގެ ރާޅުތަކަކީ އެންމެ ހިތްހަމަ ޖެހޭ ސަބްޖެކްޓު އަސްލު ކުރަހަން. މި ކުރަހަން އެހާ ލޯބި ހުންނަނީ ނޫކުލަ ހުންނާތީހެން ހީވަނީ. އަދި މިފަދަ ކުރެހުންތަކަކީ ވަރަށް ބޮޑަށް ސްޓްރެސް ފިލާ ކަމެއް،" އަލްތާފް ކިޔައިދިނެވެ.

އާޓަކީ އަލްތާފަށް ހަމައެކަނި މަންޒަރެއް ކުރަހާލައި ހިސާބުން ނިމޭ ކަމެއް ނޫނެވެ. މިކަމަކީ އޭނާގެ އާންމު ދިރިއުޅުމާ ވެސް ވަރަށް ބޮޑަށް ގުޅިފައިވާ ކަމެކެވެ. މިހާރު ސީއެޗްއެސްސީގައި އޭލެވެލްސް ކިޔަވަމުން އަންނަ އަލްތާފްގެ އާންމު ދިރިއުޅުމުގެ ސްރެސް އަށް ހައްލު ހޯދަނީ ކުރެހުމުންނެެވެ. އަލްތާފް ބުނި ގޮތުގައި އާޓަކީ އޭނާ ރިލެކްސްވެލަން ކުރާ އެންމެ އާންމު ކަންތަކެވެ.

މީގެ ކުރިން ވެސް އޭނާ ވަނީ މި އެގްޒިބިޝަން ގައި ބައިވެރިވެފަ އެވެ. މި އަހަރުގެ އެގްޒިބިޝަންގައި ބައިވެރިވުމަށް ހުށަހެޅި އާޓްވޯކްގެ މަސައްކަތް އޭނާ ފެށީ މިއަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ.

"އޯލެވެލް ނިންމާލި ގޮތަށް މި އާޓްވޯކްގެ މަސައްކަތް ފެށީ. ދެން މީގެ ބޭސް ލޭޔާތަކުގެ މަސައްކަތް ކޮށްފައި އެއްވެސް ވަރަކަށް އަތްނުލައި ބެހެއްޓިން ދެ މަހެއްހާ ދުވަސް ވަންދެއް. އަސްލު އާޓް ބްލޮކެއްގެ ސަބަބުން މަސައްކަތް ހުއްޓިފައި އޮތީ،" އޭނާ ކިޔައިދިނެވެ.

އާޓިސްޓުން އެމީހުންގެ އާޓު އާންމުކުރަނީ ވަރަށް ބުރަ މަސައްކަތްތަކަކަށް ފަހުގަ އެވެ. އެކަން އަލްތާފްގެ އާޓުން ވެސް އެނގެ އެވެ. ނަމަވެސް އެ ކުރެވޭ މަސައްކަތާ އެއްވަރަށް ރާއްޖޭގައި އާޓަށް އަޅާލުމާއި ސަމާލުކަން ނުލިބޭކަން އަލްތާފް ވެސް އެހެން އާޓިސްޓުންނެކޭ އެއްގޮތަށް ފާހަގަކުރި އެވެ. އެކަމަކު މިފަހަރު އެގްޒިބިޝަނަށް އާންމުންގެ ފަރާތުން ލިބުނު ތަރުހީބުން އަލްތާފް ހުރީ އުންމީދުގަ އެވެ

ހުނަރު ތަރައްގީކޮށް މޮޅު އާޓިސްޓަކަކަށް ވުމަށް އަލްތާފް ދެކޭ ހުވަފެން ހަގީގަތަކަށް ހަދަން އޭނާ ހުރީ އަޒުމުގަ އެވެ.