ރާއްޖެއަށް އިންޑިއާ އިން ދީފައިވާ ހިލޭ އެހީގައި މ. ކޮޅުފުށީގެ މަގު ބައްތި ހަރުކޮށްފި އެވެ.
މިއީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ދީފައިވާ 200 މިލިއަން ރުުފިޔާގެ ގްރާންޓު އެހީ ބޭނުންކޮށްގެން އެކި ރަށްރަށުގައި ހިންގަމުން އަންނަ 27 މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ކޮޅުފުށީ ކައުންސިލުން ހިންގި މި މަޝްރޫއަށް 1.5 މިލިއަން ރުފިޔާ ހޭދަކޮށްފައި ވެ އެވެ.
މި މަޝްރޫއުގެ ނިމުން ފާހަގަކުރަން ބޭއްވި ވާޗުއަލް ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ސަންޖޭ ސުދީރު އާއި ކޮޅުފުށީ ކައުންސިލުގެ ރައީސް ހުސެއިން ޝާމިލް ވެސް ބައިވެރިވަޑައިގަތެވެ.
މިއީ އިންޑިއާގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓްގެ ސްކީމްގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. މި މަޝްރޫއުގައި ކޮޅުފުށީގައި 115 މަގު ބައްތި ވަނީ ހަރުކޮށްފަ އެވެ.
ލޯކަލް ކައުންސިލްތަކުގެ ބައިވެރިވުމާ އެކު ކުރިއަށް ގެންދާ މި ފަދަ މަޝްރޫއުތަކުގެ ސަބުބުން ރަށްރަށުގައި އުޅޭ މީހުންނަށް ގިނަ ފައިދާތަކެއް ވާނެ ކަމަށް އިންޑިއާގެ ސަފީރު ސަންޖޭ މި ރަސްމިއްޔާތުގައި ވިދާޅުވި އެވެ. އަދި މި މަޝްރޫއުގެ ސަބަބުން ކޮޅުފުށީގެ ރައްޔިތުންނަށް ވެސް ގިނަ ފަސޭހަތަކެއް ވެގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތަނުގައި ވެސް މި ފަދަ މަޝްރޫއުތަކުގައި އިންޑިއާ ސަރުކާރުގެ އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.