ސިންގަޕޫރުގައި ހުންނަވާ ނޮން ރެސިޑެންޓް ސަފީރަކަށް، ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ބޮޑުބޭބެ ވިދާޅުވާ ހަމްދޫން އަބްދުﷲ ހަމީދު އައްޔަން ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމެޓީއަށް މިއަދު ފޮނުވައިފި އެވެ.

ސިންގަަޕޫރުގައި ހުންނަވާ ސަފީރަކަށް ހަމްދޫން ހަމަޖެއްސުމުގެ އިތުރުން ތައިލެންޑުގައި ހުންނަވާ ނޮން ރެސިޑެންޓް ސަފީރަކަށް ފާތުމަތު އިނާޔާ، މއ. ރެސްޓިންހައުސް، އައްޔަން ކުރެއްވުމާ ގުޅޭ މައްސަލަ ވެސް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގައުމީ ސަލާމަތުގެ ކޮމެޓީއަށް ފޮނުވި އެވެ.

ރައީސް މައުމޫންގެ ވެރިކަމުގައި ޕްލޭނިން މިނިސްޓަރުކަން ކުރެއްވި ހަމްދޫން ވަނީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަން ވެސް ކުރައްވައިފަ އެވެ. އަދި ޕީޕީއެމް އެތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކަށް ހައްލެއް ހޯދަން ރައީސް މައުމޫން އުފެއްދެވި މަޝްވަރާ މަޖިލީހުގައި ވެސް އޭނާ ހިމެނިވަޑައިގަންނަވަ އެވެ.

އިނާޔާ މިހާތަނަށް ހުންނެވީ ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށެވެ.

މިއަދުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީ މެމްބަރު ފައިސަލް ނަސީމް ދެ ގާނޫނަކަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހެޅި މައްސަލައިގެ ފުރަތަމަ ކިޔުން ވަނީ އިއްވައިފަ އެވެ. އެއީ ބިދޭސީންގެ ބޭންކް އެކައުންޓް ހުޅުވުމަށް އިތުރު މުއްދަތު ދިނުމަށް ވަޒީފާއާ ބެހޭ ގާނޫނަށާއި ރިސޯޓް އަދި ޓޫރިސްޓް ހޮޓާތަކުގެ މެނޭޖްމަންޓް ދާއިރާތަކުގައި މަދުވެގެން 50 ޕަސެންޓް ވަޒީފާގެ ފުރުސަތު ދިވެހިންނަށް ދޭން ޖެހޭ ގޮތަށް ޓޫރިޒަމް ގާނޫނަށް ގެންނަން ހުށަހެޅި އިސްލާހެވެ.

ޖަރުމަނުގައި ހުންނަވާ ދިވެހި ސަފީރަކަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ނައިބު ރައީސް ޖަމީލާ އަލީ ހާލިދު އަދި ބަންގްލަދޭޝްގައި ހުންނަވާ ދިވެހި ސަފީރަކަށް އައިޝަތު ޝާން ޝާކިރު، ގ. ޕެންޒީމާގޭ 1، އައްޔަން ކުރެއްވުމުގެ މައްސަލަ މިހާރު އޮތީ ކޮމެޓީ މަރުހަލާގަ އެވެ.