އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ތައިލެންޑާއި ބަންގްލަދޭޝްގައި ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.
މިދިޔަ ސެޕްޓެމްބަރު 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުން ވޯޓު ފޮށި ބެހެއްޓީ އަވަށްޓެރި އިންޑިއާ އާއި ސްރީލަންކާ އަދި މެލޭޝިއާގަ އެވެ.
އެކަމަކު، އަންނަ އޭޕްރީލް ހަ ވަނަ ދުވަހު އޮންނަ މަޖިލިސް އިންތިޚާބުގައި އިންޑިއާ އާއި ސްރީލަންކާ އާއި މެލޭޝިއާގެ އިތުރުން ތައިލެންޑާއި ބަންގްލަދޭޝްގައި ވޯޓު ފޮށި ބަހައްޓަން ނިންމައި ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް "މިހާރު" އަށް މިއަދު ވިދާޅުވީ ބޭރު ގައުމުތަކުގައި ވޯޓު ފޮށިތައް ބަހައްޓާނީ 100 އަށްވުރެ ގިނަ މީހުން ވޯޓުލާން ރީރަޖިސްޓްރީވެއްޖެ ނަމަ ކަމަށެވެ. އަދި ބޭރު ގައުމުތަކުގައި ބަހައްޓާ ފޮށީގެ އަދަދު މިފަހަރު އިތުރުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވޯޓު ފޮށި ބަހައްޓަން ނިންމި ބަންގްލަދޭޝްއަކީ ގިނަ އަދަދެއްގެ ދިވެހި ކިޔަވާ ކުދިން ތައުލީމް ހާސިލް ކުރަމުން އަންނަ ގައުމެކެވެ. އަދި ތައިލެންޑަކީ ގިނަ އަދަދެއްގެ ދިވެހިން ވިޔަފާރި ކުރުމަށާއި ޗުއްޓީ ހޭދަ ކުރުން ފަދަ ބޭނުންތަކަށް ގޮސް އުޅޭ ދިވެހިންގެ މެދުގައި މަގުބޫލު އެއް ގައުމެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު 264،589 މީހުންނަށް ވަނީ ލިބިފަ އެވެ. އަދި އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓު އާންމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް ހުޅުވާލައިފަ އެވެ. ޝަކުވާ ހުށަހެޅުމުގެ އެންމެ ފަހު ފުރުސަތު އޮންނާނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރިން ބުނި ގޮތުގައި މިިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީވި ރަށަށް ބަދަލެއް ނާންނަ ނަމަ އަލުން ރީރެޖިސްޓްރީވާން ނުޖެހޭނެ އެވެ.
އަކްރަމް ވިދާޅުވި ގޮތުގައި މަޖިލިސް އިންތިޚާބުގައި ކޮންމެ ވޯޓު ފޮއްޓަކަށް ގިނަވެގެން ވޯޓުލާނީ 1000 މީހުންނެވެ. އެހެންވެ، ރިޔާސީ އިންތިޚާބާ ހިލާފަށް މަޖިލިސް އިންތިޚާބުގައި ބަހައްޓާ ފޮށީގެ އަދަދު ވަރަށް ބޮޑު ތަން އިތުރުވެގެން ދާނެ ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.
"މެލޭޝިއާ، ކޮލަމްބޯ އަދި ޓްރިވެންޑްރަމްގައި ލަފާ ކުރެވެނީ ވޯޓު ފޮށީގެ އަދަދު ވެސް އިތުރު ވާނެ ކަމަށް. އެހެން ތަންތަނުގައި ބަހައްޓާ ފޮށީގެ އަދަދު އިތުރު ވާނެ،" އަކްރަމް ވިދާޅުވި އެވެ.
އަކްރަމް ވިދާޅުވި ގޮތުގައި ރިޔާސީ އިންތިޚާބާ ހިލާފަށް މަޖިލިސް އިންތިޚާބުގައި ގިނަ އަދަދެއްގެ ރިސޯޓުތަކުގައި ވޯޓު ފޮށިތައް ބަހައްޓަން ޖެހުމުގެ ފުރުސަތު ވެސް ބޮޑެވެ. އެގޮތުން، 50 އަށްވުރެ ގިނަ މީހުން ވޯޓުލާން ރަޖިސްޓްރީވާ ކޮންމެ ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް މިދިޔަ ރިޔާސީ އިންތިޚާބުގައި ވޯޓު ފޮށިތައް ބެހެއްޓީ 100 އަށްވުރެ ގިނަ މީހުން ވޯޓުލާން ރަޖިސްޓްރީވާ ރިސޯޓުތަކުގައި އެކަންޏެވެ.
އިންތިޚާބަށް ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމުގެ މަސައްކަތް ސިޔާސީ ޕާޓީތަކުން މިހާރު އަންނަނީ ކުރަމުންނެވެ. އެގޮތުން، ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ޕްރައިމަރީ ބާއްވައިގެން ގިނަ ބަޔަކަށް ޓިކެޓު ދިން އިރު، ޖުމްހޫރީ ޕާޓީން މިހާތަނަށް ވަނީ 36 މީހަކަށް ޓިކެޓު ދީފަ އެވެ.
މަޖިލިސް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް އޮތް އިރު، އިންތިޚާބުގައި މަޖިލީހުގެ 87 ދާއިރާއަކަށް މެމްބަރުން އިންތިޚާބު ކުރާނެ އެވެ.