ސިންގަޕޫރުގައި ހުންނަވާ ނޮން ރެސިޑެންޓް ސަފީރަކަށް ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ބޮޑުބޭބެ ވިދާޅުވާ ހަމްދޫން އަބްދުﷲ ހަމީދު އައްޔަންކުރަން ރުހުން ހޯދަން ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވައިފި އެވެ.
ހަފްތާއެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު މަޖިލީހުގެ ޖަލްސާތައް މާދަމާ ފަށާއިރު، ހަމްދޫންގެ މައްސަލަ ވަނީ އެޖެންޑާކޮށްފަ އެވެ.
ރައީސް މައުމޫންގެ ވެރިކަމުގައި ޕްލޭނިން މިނިސްޓަރު ކަން ކުރެއްވި ހަމްދޫން ވަނީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަން ވެސް އަދާކުރައްވައިފަ އެވެ. އަދި ޕީޕީއެމް އެތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކަށް ހައްލެއް ހޯދަން ރައީސް މައުމޫން އުފެއްދެވި މަޝްވަރާ މަޖިލީހުގައި ވެސް އޭނާ ހިމެނިވަޑައިގަންނަވަ އެވެ.
ހަމްދޫނަށް ރުހުން ހޯދުމުގެ މައްސަލައިގެ އިތުރުން ތައިލެންޑުގައި ހުންނަވާ ނޮން ރެސިޑެންޓް ސަފީރަކަށް ފާތުމަތު އިނާޔާ، މއ. ރެސްޓިންހައުސް، އައްޔަން ކުރެއްވުމާ ގުޅޭ މައްސަލަ ވެސް މާދަމާ އަށް ވަނީ އެޖެންޑާކޮށްފަ އެވެ.
އިނާޔާ މިހާތަނަށް ހުންނެވީ ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށެވެ.
ޖަރުމަނުގައި ހުންނަވާ ދިވެހި ސަފީރަކަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ނައިބު ރައީސް ޖަމީލާ އަލީ ހާލިދު އަދި ބަންގްލަދޭޝްގައި ހުންނަވާ ދިވެހި ސަފީރަކަށް އައިޝަތު ޝާން ޝާކިރު، ގ. ޕެންޒީމާގޭ 1، އައްޔަން ކުރެއްވުމުގެ މައްސަލަ މިހާރު އޮތީ މަޖިލީހުގެ ކޮމެޓީގަ އެވެ.