ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތަށް އެހީވުމުގެ ގޮތުން އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކުރި، ތިން މަސް ދުވަހަށް ބޭނުންވާ ބޭސް މިއަދު ހަވާލުކޮށްފި އެވެ.
ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، ރަމްޒީ ގޮތުން މި ތަކެތި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ހަވާލުކުރެއްވީ އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރެވެ.
ފޮރިން މިނިސްޓަރު ވިދާޅުވި ގޮތުގައި، އިންޑިއާ އިން ރާއްޖެ އަށް 53 ބޭހެއް ވަނީ ހަދިޔާކޮށްފަ އެވެ. އޭގެ ތެރޭގައި މި ދުވަސްވަރު އިންޑިއާ އިން އެކްސްޕޯޓްކުރުން ކޮންޓްރޯލް ކޮށްފައިވާ ބޭސް ވެސް ހިމެނެ އެވެ.
"އިންޑިއާގެ ސަރުކާރުން ވަނީ ރާއްޖެ އަށް ހާއްސަ ހުއްދައެއް މި ދަނޑިވަޅުގައި ދީފައި، މީގެ ކުރިން ވެސް [މިފަދަ ހާލަތްތަކުގައި] އިންޑިއާ އިން ރާއްޖެއާ މެދު ކަންތައް ކުރަނީ މިހެން،" މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.
ކޮވިޑް-19 ހަލުވި ކަމާ އެކު އެކި ގައުމުތަކަށް ފެތުރެން ފެށުމުން 26 ބާވަތެއްގެ ބޭސް އެކްސްޕޯޓްކުރުން އިންޑިއާ އިން ހުއްޓާލި އެވެ. ނަމަވެސް އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގާތް ގުޅުމުގެ ސަބަބުން، މި ތަކެތި ރާއްޖެ އަށް ފޯރުކޮށްދޭން ނިންމީ ކަމަށް ކުރިން ބުނެފައިވެ އެވެ.
ފޮރިން މިނިސްޓަރު ވިދާޅުވި ގޮތުގައި، މި ބައްޔާ ދެކޮޅަށް މަސައްކަތް ކުރުމުގައި އެކި އެކި ގައުމުތަކުން އަންނަނީ ގުޅިގެން ގާތުން މަސައްކަތް ކުރަމުންނެވެ.
"އެއްވެސް ގައުމަކަށް މި ބަލިމަޑުކަމަކުން އަމިއްލައަކަށް އަރައެއް ނުގަނެވޭނެ. އަޅުގަނޑުމެން އެންމެން ވެސް، ބައިނަލްއަގުވާމީ މުޖްތަމައު، ގުޅިގެން މަސައްކަތްކުރުމުން މި ބަލިމަޑުކަމުން ސަލާމަތްވެވޭނީ،" ޝާހިދު ވިދާޅުވި އެވެ.
މި ދަނޑިވަޅުގައި އިންޑިއާ އިން ރާއްޖެ އަށް ވަމުން އަންނަ އެހީތެރިކަން ފާހަގަ ކުރައްވައި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ފޮރިން މިނިސްޓަރު ޖައިޝަންކަރާގެ އިތުރުން އެ ގައުމުގެ ސަފީރު ސަންޖޭ ސުދީރަށް ވެސް ޝާހިދު ޝުކުރު އަދާކުރެއްވި އެވެ.
މި ރަސްމިއްޔާތުގައި އިންޑިއާގެ ސަފީރު ވިދާޅުވީ މިފަދަ ދަނޑިވަޅުތަކުގައި އެ ގައުމުން އަބަދުވެސް ރާއްޖެއަށް އެހީވާނެ ކަމަށެވެ. އެ ގައުމުން ވެސް އަންނަނީ މި ބައްޔާ ދެކޮޅަށް މަސައްކަތްކުރަމުން ކަމަށާއި މި ވަގުތު ހުރިހާ އެންމެންނަށް ވެސް ރަނގަޅުވާނީ ގުޅިގެން މަސައްކަތްކުރުމުން ކަމަށް ވިދާޅުވި އެވެ.
"މުޅި ދުނިޔެ ވެސް މި ދުވަސްވަރު އުޅެނީ ދަތި ހާލުގައި، އިންޑިއާ އަދި ރާއްޖެ ވެސް. މިއީ ހުރިހާ އެންމެން ވެސް ގުޅިގެން މަސައްކަތްކުރަންވީ ވަގުތެއް، އިންޑިއާ އާއި ރާއްޖެ ފަދައިން،" ސަންޖޭ ވިދާޅުވި އެވެ.
ކޮވިޑް-19 އާ ދެކޮޅަށަށް ރާއްޖޭން ކުރާ މަސައްކަތަށް އެހީވުމަށް ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމެއް ވެސް އިއްޔެ ވަނީ ރާއްޖެ އަށް އައިސްފަ އެވެ.