"ނެކްސްޓް ސްޓެޕް"ގެ ނަމުގައި ކެރިއާ ގައިޑެންސް ޕްރޮގްރާމެއް އަންނަ ހަފްތާގައި ބާއްވަން ކްލިކް ކޮލެޖުން ނިންމައިފި އެވެ.

ނެޝަނަލް އާޓް ގެލަރީގައި އަންނަ އާދިއްތަ އާއި ހޯމަ ދުވަހު ކުރިއަށްދާ މި ޕްރޮގްރާމް އަމާޒުކޮށްފައި ވަނީ އޯލެވެލް އަދި އޭލެވް ނިންމާ ދަރިވަރުންނަށެވެ. މިއީ ސާނަވީ ތައުލީމު ފުރިހަމަކުރާ ދަރިވަރުންނަށް، އެ ކުދިންނަށް ދެން ދެވެން ހުރި މަގުތައް އަންގައިދިނުމަށް ބާއްވާ ހަރަކާތެއް ކަމަށް ކްލިކް ކޮލެޖުން ބުންޏެވެ. އޭގެ ތެރޭގައި ވަޒީފާ އަށް ތައްޔާރުވުމަށް ކުރެވޭނެ ކަންތައްތަކާއި އިންޓަވިއު އަށް ތައްޔާރުވާން ކުރެވޭނެ ކަންތައްތައް ހިމެނެ އެވެ.

މީގެ އިތުރުން ރާއްޖޭގައި ކުރިއަށް ދެވޭނެ ވަޒީފާގެ ރޮނގުތަކާ ގުޅޭ ގޮތުން ވެސް މި ޕްރޮގްރާމުގައި މައުލޫމާތު ދޭނެ ކަމަށް ކްލިކް ކޮލެޖުން ބުންޏެވެ. އަދި ސާނަވީ ތައުލީމް ނިމޭ އިރަށް މަތީ ތައުލީމަށް ނުވަތަ ވަޒީފާގެ މާހައުލަށް ނިކުންނަން ބޭނުން ނުވާ، ނަމަވެސް ކޮންމެ ވެސް ހަރަކާތެއްގައި ބައިވެރިވާން ބޭނުންވާ ދަރިވަރުންނަށް ހިލޭ ސާބަހަށް މަސައްކަތްކުރެވޭނެ ޖަމިއްޔާތަކާ ގުޅޭ މައުލޫމާތު ލިބޭނެ ކަމަށް ވެސް ކްލިކް ކޮލެޖުން ބުންޏެވެ. އޭގެ ތެރޭގައި ޖޭސީއައި ފަދަ ބައިނަލްއަގްވާމީ ޖަމިއްޔާތައް ހިމެނެ އެވެ.

މިއީ ދަރިވަރުން ވަޒީފާގެ މާހައުލަށް ގުޅުވައިދެން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް ވުމުން، މި ކަމުގައި ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކާއި ކުންފުނިތަކުގެ އިސްވެރިން ބައިވެރިވާނެ އެވެ.