ކްލިކް ކޮލެޖުގެ ޑީންގެ މަގާމަށް ބޭފުޅަކު އިއްޔެ އައްޔަންކުރައްވައިފި އެވެ.
އެ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތެއްގައި ޑީންގެ މަގާމަށް އައްޔަންކުރެއްވި މަރިޔަމް ޝިފާނާ އަށް ލިޔުން ހަވާލުކޮށްދެއްވީ ކްލިކްގެ ރައީސް ޑރ. ނައުޝާދު މުހައްމަދެވެ.
ޝިފާނާ ވަނީ އެޑިއުކޭޝަން އިން ލީޑަޝިޕް އެންޑް މެނޭޖްމަންޓް ދާއިރާއިން އޮސްޓްރޭލިއާއިން މާސްޓާސް ހާސިލްކުރައްވައިފަ އެވެ. އަދި އެ ގައުމުގެ އެސޯސިއޭޝަން ފޯ ރިސާޗް އިން އެޑިއުކޭޝަންގައި އެ ދާއިރާއިން ގިނަ ދިރާސާތަކެއް ހައްދަވާފައި ވެ އެވެ.
އައްޑޫ ހައި ސްކޫލުގައި ޓީޗަރެއްގެ މަގާމާއި އދ. ދިގުރަށު ސްކޫލުގެ ޕްރިންސިޕަލްކަން ވެސް އޭނާ ވަނީ ކުރައްވައިފަ އެވެ.
ނައުޝާދު ވިދާޅުވީ ކްލިކްގެ މިހާރުގެ އަމާޒަކީ ދިރާސާތަކަށް ބިނާކޮށް ދަރިވަރުންނަށް ކިޔަވައިދިނުން ކަމަށެވެ.